ކޮވިޑް-19 އާއި ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލުގައި 180 ބަލި މީހުންނަށް އެއްފަހަރާ ފަރުވާ ދެވޭނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ދިވެހި ސަރުކާރާއެކުވެފައިވާ އެމްއޯޔޫއެއްގެ ދަށުން 3 މަސް ދުވަހަށް އެ ހޮސްޕިޓަލް ވަނީ ކޮވިޑަށް ފަރުވާދޭ ޚާއްޞަ ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ. އަދި އެ ހޮސްޕިޓަލުގައި ބަލި މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރީޓޮޕް ހޮސްޕިޓަލްގެ ކޮންސަލްޓެންޓް އެނަސްތެޓިސްޓް އެންޑް އައިސީޔޫ، ޑރ. އަމްރު ސަފްވަތު ވިދާޅުވީ، މި ވަގުތު ބޭނުން ކުރަމުން އަންނަ ކެޕޭސިޓީ އިތުރުކޮށް 180 ބަލި މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި، އެއް ފަހަރާ 45 މީހުންނަށް އައިސީޔޫގައި ފަރުވާ ދެވޭނެ ކެޕޭސިޓީ ހުންނާނެ ކަމަށާއި، ފުރަތަމަ މަރުޙަލާގައި 15 އައިސީޔޫ އެނދާއި 15 ޕްރީ އައިސީޔޫ އެނދުގެ އިތުރުން 15 ޕޯސްޓް އައިސީޔޫ އެނދު ހިމެނޭނެކަމަށް ޑރ. ސަފްވަތު ވިދާޅުވިއެވެ.
ނަމަވެސް ފުލް ކެޕޭސިޓީގައި ހޮސްޕިޓަލް އޮޕަރޭޓް ކުރަން ފެށުމުން، 180 މީހަކަށް ފަރުވާދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ފަރުވާދިނުމުގައި އިންދިރާ ގާންދީ ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ވަޞީލަތްތަކާއި، މުވައްޒަފުން އެކަށީގެންވާ މިންވަރަށް ބޭނުން ކުރާނެކަމަށެވެ. އަދި މިކަމުގައި ޓްރީޓޮޕުން ވެވެން އޮތް ހުރިހަ އެހީތެރިކަމެއް ވެދޭނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.