އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ 75 ޑޮކްޓަރުންނާއި 300 ނަރުހުން ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކުރަން ނިންމާފައިވާކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
ހޮނިހިރު ދުވަހު ނޭޝަނަލް އިމަރެޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސަސް ޑރ އަލީ ނަޒީމް ވިދާޅުވީ، ސަރުކާރުން ބޭނުން ޖެހިއްޖެ ޙާލަތެއްގައި ޓްްރީޓޮޕް ހޮސްޕިޓަލް ބޭނުންކުރުމަށް ސޮއިކޮށްފައިވާ އެމްއޯޔޫގެ ދަށުން ޓްރީޓޮޕް ހޮސްޕިޓަލް ކޮވިޑް-19 ގެ ފަރުވާއަށް ޚާއްޞަ ކޮށްފައިވާކަމަށެވެ.
އެއާއެކު ހޮސްޕިޓަލުގެ ފަރުވާ ދިނުމުގެ ކަންކަން ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި އައިޖީއެމްއެޗްގެ މެޑިކަލް ޓީމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ނަޒީމް ވިދާޅުވިއެވެ. އެގޮތުން ކޮވިޑް-19 ވައިރަސްގެ އެންމެ ޕީކްގައި އައިޖީއެމްއެޗްގެ 75 ޑޮކްޓަރުންނާއި، 300 ނަރުހުން ޓްރީޓޮޕްގައި މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން، މިހާރުވެސް ޓްރީޓޮޕް ހޮސްޕިޓަލުގައި އެއްފަހަރާ 45 ބަލިމީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމުތައް ރާވާފައިވާކަމަށް މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓްރީޓޮޕްގެ ސީއީއޯ ޑޭވިޑް ފެންބަރ ވިދާޅުވެފައިވެއެވެ.
ސަރުކާރަށް ޓްރީޓޮޕް ބޭނުން ކުރެވޭނެ ބޯޑް ރިސޮލިއޝަނެއްވެސް ޓްރީޓޮޕުން ވަނީ ފާސްކޮށްފައެވެ.
ކޮވިޑް ހޮސްޕިޓަލަކަށް ޓްރީޓޮޕް ހޮސްޕިޓަލު ބަދަލު ކުރުމަށް އެންޑީއެމްއޭއާ އެކު ސޮއިކޮށްފައިވަނީ 26 އޭޕްރީލްގައެވެ. އެގޮތުން ފުރަތަމަ ބަލި މީހާ މިހިނގާ މެއި މަހުގެ 6 ވަނަ ދުވަހު ޓްރީޓޮޕް ހޮސްޕިޓަލްގައި ވަނީ އެޑްމިޓް ކޮށްފައެވެ.