އެކި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންގެ ޝަރީޢަތްތައް ކްރިމިނަލް ކޯޓުން މެދުނުކެނޑި ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމައި އެކަމުގެ ތަފުޞީލުތައް މިއަދު ޢާންމު ކުރާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާނުކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި މައްސަލަތަކުގެ ޝަރީޢަތްތައް ކުރިއަށް ނުގެންދެވި ގިނަ ދުވަސްތަކެއް ވެގެންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓާ އެކަން ހިއްސާކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުން ބުނީ އެކަމުގެ މަޝްވަރާތައް ކޯޓުން މިހާރު ކުރަމުންދާކަމަށެވެ.
ޝަރީޢަތްތައް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް އަވަސް ޙައްލެއް ގެނައުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ޚާއްޞަ ޤާވާއިދުގެ ދަށުން މިދަނޑިވަޅުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައިވެއެވެ. އަދި އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އެ އޮފީހުގެ ފަރާތުން އެއްބާރުލުން ދޭނެކަމަށްވެސް ބުނެފައިވެއެވެ.
އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މަޢުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު ވިދާޅުވީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިފައިވާ ގޮތަށް ޝަރީޢަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކޯޓުން މިހާރު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާމެދު ގޮތެއް ނިންމައި ޝަރީޢަތްތައް ކުރިއަށް ގެންދިއުމުގައި ޢަމަލު ކުރާނެ އުޞޫލުތައް ހުކުރު ދުވަހު ޢާންމު ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން އިޢުލާނު ކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް، ޝަރީޢަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދަނީ ގިނަ މަސައްކަތަކެއް ކުރަމުންނެވެ. އެގޮތުން އެ އޮފީހުގައިވެސް ވީޑިއޯ ކޮންފަރެންސް ސިސްޓަމްތައް ޤާއިމު ކުރެވިފައިވާއިރު، އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީގެ އަޑުއެހުންތައްވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް މިހާރު ވަނީ ފަހިކޮށްދީފައެވެ.