ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަ ކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނަށް ދޭ ބޯޑު އެލަވަންސް ކަނޑާލައި، މުސާރައިން 32 އިންސައްތަ އުނިކުރަން ނިންމައިފިއެވެ.
ބުރާސްފަތި ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންގެ މުސާރައިން 32 އިންސައްތަ އުނި ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ކުންފުނިތަކުގެ ވެރިންގެ މުސާރައިން 20 އިންސައްތަ ކުޑަކުރުމަށް ކުރިން ނިންމާފައި ވީނަމަވެސް، އެ އަދަދު 22 އިންސައްތައަށް އިތުރު ކޮށްފައިވާ ކަމަށާއި، އޭގެ އިތުރުން ބޯޑު އެލަވަންސްގެ ގޮތުގައި ދެވޭ އިނާޔަތްވެސް ކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކުންފުނިތަކުގެ ވެރިންނަށް ބޯޑު އެލަވަންސްގެ ގޮތުގައި ލިބޭ 11،500 ރުފިޔާ ކަނޑާލާފައި ވާކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، އެއާއެކު މުސާރައިން ޖުމުލަ 32 އިންސައްތަ އުނިވެގެންދާނެ ކަމަށެވެ. އަދި އެކަމާ ގުޅޭ ޚާއްސަ ސަރކިއުލަރެއް ނެރޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަމުންދާއިރު، ކުންފުނީގެ ބަޖެޓުން ޚަރަދެއް ކުރަންޖެހޭ ދަތުރުތަކުގެ ތެރެއިން ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންގެ ރަސްމީ ދަތުރުތައް ހަމަޖެއްސުމުގައި ގެންގުޅެންޖެހޭ އުސޫލާއި އެއްގޮތަށް އަމަލު ކުރުމަށް އެންގުންފަދަ ކަންކަން ހިމެނެއެވެ.
އަދި މިއަހަރު ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ފިޔަވައި އިތުރު އެއްވެސް މަރާމާތެއް ނުކުރުމާއި މިގޮތުން ކާޕެޓް ބަދަލުކުރުމާއި ޕާޓިޝަން ޖެހުން ފަދަ މަސައްކަތްތަކަށް ކުރާ ޚަރަދުތައް މަދުކުރުމަށްވެސް ފިނޭންސުން ވަނީ އަންގާފަ އެވެ.
ސަރުކާރުން ހިންގާ ގިނަ ކުންފުނިތަކަކީ ފައިދާ އެއް ނުވާ ކުންފުނިތަކަށް ވުމާއެކުވެސް، ކުންފުނިތަކުގެ ހިންގާ ވެރިންނަށް ބޮޑެތި މުސާރައާއި އިނާޔަތްތައް ލިބޭ ކަމަށް ބުނެ ފާޑު ކިޔުންތައް ވަނީ އިތުރުވެފައެވެ.