ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާއި އެކި ގޮތްގޮތުން ކޮންޓެކްޓްވި 4049 މީހަކު ފާހަގަކުރެވިފައިވާ ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއޯއީސީ) އިން ބުނެފިއެވެ.
ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ރާއްޖޭގައި 545 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 524 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
މަބްރޫކް ވިދާޅުވީ މިހާތަނަށް 234 ތަނެއް މޮނީޓަރިންގގެ ހާލަތަށް ގެނެސްފައިވާ ކަމަށާއި އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު 458 މީހަކު އެބަތިބި ކަމަށެވެ. އަދި ކަރަންޓީންގައި 1759 މީހަކު ކަމަށެވެ. އަދި 28 މީހަކު ކަރަންޓީން ފެސިލިޓީތަކުން ދޫކޮށްލާފައިވާ ކަމަށެވެ.
މިހާތަނަށް 9231 ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން 8344 ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އަދި ނަތީޖާ ނުލިބި 345 ސާމްޕަލެއްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 ގެ އެއްވެސް އާލާމާތެއް ފެނިއްޖެނަމަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ރިޕޯޓު ކުރުމުގެ އިތުުރން ފްލޫ ކްލިނިކަށް ހިލޭ ދެއްކޭނެ އިންތިޒާމުތައް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. މަބްރޫކް ވިދާޅުވީ ހޯމަ ދުވަހު ފްލޫ ކްލިންކްތަކަށް 170 މީހުން ގޮސްފައިވާ ކަމަށެވެ. އަދި ގިނަ ސާމްޕަލް ހުޅުމާލެ ފްލޫ ކްލިނިކް އަދި ސެނެހިޔާ ފްލޫ ކްލިނިކުން ނެގިފައިވާ ކަމަށެވެ.