މީޓަރުގެ ފޮޓޯ ނުފޮނުވާ ކަސްޓަމަރުންނަށް އެވަރެޖް ބިލް ލިބުނު ނަމަވެސް މީޓަރުގެ ފޮޓޯ ފޮނުވުމުން އެކިއުރޭޓް ބިލް ލިބިގެންދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުގުނީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީން ގެނެސްދޭ ކޮވިޑް-19 ގެ ހާއްސަ ކަވަރޭޖަށް މައުލޫމާތުދެއްވަމުން މުގުނީ ވިދާޅުވީ އެވަރެޖް ބިލް ލިބުނު ނަމަވެސް އެ ބިލްގައި މާބޮޑު ތަފާތެއް ފެންނަން ނުހުންނާނެ ކަމަށެވެ. އެ ބިލް ތައްޔާރު ކުރާނީ ފާއިތުވެދިޔަ ތިން މަސް ދުވަހުގެ ބިލަށް ބެލުމަށްފަހު ކަމަށް މުގުނީ ވިދާޅުވިއެވެ.
ބައެއް ކަސްޓަމަރުންނަށް އޭޕްރިލް މަހުގެ ބިލް މެއި އެއްވަނަ ދުވަހު ފޮނުވާފައިވާނެ ކަމަށާއި ބާކީ ހުރި ކަސްޓަމަރުންނަށް މެއި މަހުގެ ދެވަނަ ދުވަހު ބިލްތައް ފޮނުވާނެ ކަމަށް މަގުނީ ވިދާޅުވިއެވެ. އަދި ހުރިހާ ކަސްޓަމަރުންނަށް ވެސް ބިލް ލިބޭނީ 40 އިންސައްތަ ޑިސްކައުންޓާ އެކީ ކަމަށް އޭނާ ވިދާޅުވިއެވެ.
ގްލޭޓަރ މާލެ އޭރިއާގެ ކަސްޓަމަރުންނަށް ބިލްތައް ލިބިގެންދާނީ މެސެޖެއްގެ ޒަރިއްޔާ އިން ކަމަށާއި މެސެޖުގައިވާ ލިންކަށް ފިއްތާލުމުން ބިލްގެ ތަފްސީލު ފެނިގެންދާނެ ކަމަށް ވެސް މުގުނީ ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ކުންފުނިން އެކި މަރުހަލާގައި ކަންތައްތައް ކުރިއަށް ގެންދާނެ ގޮތުގެ ސްޓޭންޑަޑް އޮޕަރޭޓިންގް ޕްރޮސީޖަރ (އެސްއޯޕީ) އެއް އެކުލަވާލިކަން ފާހަގަކުރައްވާ މުގުނީ ވިދާޅުވީ މި މަރުހަލާގައި ގްރޭޓަރ މާލެ ރީޖަންގެ 164 މުވައްޒަފަކު ލޮކްޑައުންގައި ތިބި ކަމަށެވެ.
ކުންފުނީގެ ފަރާތުން މީގެ ކުރިން އިންޓަރނަލް ވަޔަރިންގް ގެ ހިދުމަތް ނުދޭކަން ފާހަގަކުރައްވާ މުގުނީ ވިދާޅުވީ ލޮކްޑައުން ހާލަތުގައި އެ ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން އިންޓަރނަލް ވަޔަރިންގް ގެ މައްސަލައަކާއި ގުޅިގެން ކަރަންޓު ކެނޑޭ ހާލަތެއްގައި ސްޓެލްކޯގެ މުވައްޒަފުން އެ ސަރަހައްދަކަށް ގޮސް، ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. އަދި މި ހިދުމަތަށް އެއްވެސް އަގެއް ނުނަގާނެ ކަމަށް މުގުނީ ވިދާޅުވިއެވެ.
މިވަގުތު މީޓަރުގެ ފޮޓޯ ނަގާ ފޮނުވޭނީ ސްޓެކްލޯޕޯޓަލަށްއެކަނިކަން ފާހަގަކުރައްވާ މުގުނީ ވިދާޅުވީ އެކަމުގައި ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސްޓެލްކޯގެ މުވައްޒަފުން ކަސްޓަމަރުންގެ ގެތަކަށް މީޓަރު ރީޑިންގް ނެގުމަށް ނުދާން ވިސްނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމަށްފަހު ކަމަށާއި އަދި މި ދަނޑިވަޅުގެ ގޮތުން އެއީ އެންމެ ރައްކާތެރި ގޮތް ކަމަށް ފެންނާތީ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ހާލަތުގައި ގިނަ ކުންފުނިތަކުން އަންނަނީ އެ ކުންފުނިތަކުގެ ހިދުމަތްތައް އޮންލައިންކޮށް ބޭނުންކުރުމަށް އިލްތިމާސް ކުރަމުންނެވެ.