މޮނީޓަރިންގ އުވާލިނަމަވެސް ކުރިން އެޅި ފިޔަވަޅުތައް ދެމެހެއްޓުމަށް ހއ. އަތޮޅު ކައުންސިލުން އަންގާފައިވާ ކަމަށް ހއ. އުލިގަމު ކައުންސިލް ރައީސް އަހުމަދު މުއާޒު މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީން ގެނެސްދޭ ކޮވިޑް-19 ގެ ހާއްސަ ކަވަރޭޖަށް މައުލޫމާތުދެއްވަމުން މުއާޒު ވިދާޅުވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރަށް މޮނީޓަރިންގެ ހާލަތުން ނެގި ނަމަވެސް، މޮނީޓަރިންގެ ހާލަތުގައި ދަމަހައްޓާ ފިޔަވަޅުތައް ދެމެހެއްޓުމަށް އަތޮޅު ކައުންސިލުން އަންގާފައިވާކަމަށެވެ. ނަމަވެސް ދޫދެވޭނެ ބައެއް ކަންތައްތަކުގައި ރައްޔިތުންނަށް އެ ދޫ ދޭނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް އަތޮޅު ކައުންސިލުން ވެސް އެބައޮތް އަންގަވާފައި، ލޮކްޑައުންގެ ހާލަތު އުވާލިނަމަވެސް ރައްކާތެރިކަމުގެ ގޮތުން ކުރިން އަޅަމުންދިޔަ ފިޔަވަޅުތައް ދެމެހެއްޓުމަށް. އޭގެ ތެރެއިން ދޫ ދެވެން ހުރި ކަންކަމުން ދޫ ދެއްވުމަށް. މި ހާލަތުގައި މައިގަނޑު ދެ ކަމެއް މި އޮންނަނީ، ރަށުގައި ހުންނަ މީހަކަށް ރަށުން ބޭރަކަށް ނުދެވޭ ހަމަ އެ އުސޫލުން ރަށުން ބޭރުގައި ހުންނަ މީހަކަށް އަލުން އަނބުރާ ރަށަކަށް ނޭރޭ. އެއީ އަޅުގަނޑުމެން މިހާރު ހުޅުވާލި ދެ ފުރުސަތުތަކީ. ރަށަށް އަންނަން ބޭނުން މީހުންނަށް އައުމުގެ ފުރުސަތު މިހާރު އެބައޮތް އެހެންނަމަވެސް ކަރަންޓީންގައި 14 ދުވަސް ހޭދަކުރަން ޖެހޭނެ.އަހުމަދު މުއާޒު މުހައްމަދު / އުލިގަމު ކައުންސިލްގެ ރައީސް
މުއާޒު ވިދާޅުވީ ކޮވިޑް-19 ގެ ކަންތައްތަކާއި ގުޅިގެން ލަފާދޭ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށާއި އިމަރޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކުރެވިފައިވާ ކަމަށެވެ. އަދި ކުރިން މޮނިޓަރިންގގެ ހާލަތުގައި ދެމެހެއްޓި ބައެއް ކަންތައްތައް ދެމެހެއްޓުމަށް އެ ކޮމެޓީގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ ކާވިޔާ ބޯޓުން އެ ރަށުން 12 މީހުން ދަތުރުކުރި ކަމަށާއި އެމީހުންގެ ސާމްޕަލް ނަގާ، ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ބައެއް ފަހަރު ސާމްޕަލްގެ ނަތީޖާ ނެގެޓިވްވި ނަމަވެސް ދުވަސްކޮޅަކުން އަލުން ޓެސްޓު ކުރާއިރު ބައެއް މީހުން މި ވައިރަސް އަށް ޕޮޒިޓިވްވާކަން ފާހަގަކުރައްވާ މުއާޒް ވިދާޅުވީ ރަށް މޮނީޓަރިންގގެ ހާލަތުން ނެގިނަމަވެސް "ނޯމަލް" ހާލަތަށް ދާން މިދަނޑިވަޅުގައި އެންމެ ރައްކާތެރި ނޫން ކަމަށެވެ.
މިކަމާއި ގުޅިގެން ރައްޔިތުން ދެކޭ ގޮތް އަދި އެނގިވަޑައިނުގަންނަވާ ކަމަށާއި ގޭގައި ބަންދުވެފައި ތިބެމުންވުމުން ބައެއް ރައްޔިތުންގެ ކަންބޮޑުވުންތައް ހުންނާނެކަން ޤަބޫލުކުރައްވާ ކަމަށް މުއާޒު ވިދާޅުވިއެވެ. އެހެންނަމަވެސް ކައުންސިލުގެ ފަރާތުން މި ފިޔަވަޅުތައް އަޅަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.
ސިއްހީ އާލާތްތަކުގެ ސްޓޮކް މަދުކަން ފާހަގަކުރައްވާ މުއާޒު ވިދާޅުވީ ކަމާގުޅޭ މުއައްސަސާތަކަށް އެ މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި އެ ތަކެތި ލިބޭނެ ވަކި ތާރީހެއް އަދި އަންގާފައިނުވާ ކަމަށް މުއާޒު ފާހަގަކުރެއްވިއެވެ.