ކޮވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެ ލޮކްޑައުންކޮށް އެއްރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މަނާކޮށްފައިވަނިކޮށް، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މާލެ އައި ސަބަބާއި ހުއްދަ ލިބުނު ގޮތް ހޯދުމަށް މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބަލައިދިނުމަށް އެދިއްޖެއެވެ.
މި މައްސަލަ ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ސިޓީ ފޮނުއްވާފައިވަނީ ފޮނަދޫ ދާއިރާގެ މެންބަރު މުސާ ސިރާޖެވެ.
ނަޝީދަށް ފޮނުއްވި ސިޓީގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު 25 އޭޕްރީލް 2020 ދުވަހުގެ ވަގުތެއްގައި ކޮށްފައިވާ ޓުވީޓެއްގައި ވަނީ "މިއަދުގެ ހިތްގައިމު ފަތިހު ވަގުތުގަ ރަށުން ފުރައިގެން އިރުމެދު ނުޖެހެނީސް މާލެ އާދެވިއްޖެ. ތިމަރަފުށީގަ ހޭދަކުރި 15 ދުވަހު އެކިގޮތްގޮތުން އެހީތެރިވެދެއްވި އެންމެންނަށް ޝުކުރު ދަންނަވަން." މިފަދައިން ކަމަށެވެ. އަދި މި ޓުވީޓާ ގުޅިގެން ރައްޔިތުންގެ މެދުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މެދު ނަފުރަތު އުފެދި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ނުފޫޒާއި ބާރު ބޭނުންކޮށްގެން ކަންކަން ކުރާ ބައެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ 3 މެންބަރަކު މިވަގުތުވެސް އެބޭފުޅުންގެ ދާއިރާގައި ތިބި ކަމަށާއި، އެ މެންބަރުން ވެސް މާލެ އައުމަށް މަސައްކަތްކޮށް ނާދެވުނުކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެންކަމުން މެންބަރު ރިޔާޒު މާލެ ލޮކްޑައުން ކުރެވިފައިވާ ދަނޑިވަޅެއްގައި މާލެ އަންނަން ހުއްދަ ދެވިފައިވޭތޯއާއި ހުއްދަ ދެވިފައިވާނަމަ، ހުއްދަ ދެވިފައިވަނީ "ކޮންމެހެން މާލެ އަންނަންޖެހޭ" ކޮން ސަބަބެއް ދިމާވެގެންކަން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީއިން ބައްލަވައި ދެއްވައި މިކަން ސާފުކޮށްދެއްވުން އެދިފައިވެއެވެ. އަދި މިކަމަކީ މެންބަރުގެ ސުލޫކާ ގުޅޭ އަމަލެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ސިރާޖު ފޮނުއްވި ސިޓީގައިވެއެވެ.
މި މައްސަލައިގައި ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ މާލެސިޓީ ލޮކްޑައުން ކުރުމަށްފަހުގައު މާލެ އަންނަން ބޭނުންވި މީހުން ގިނަވެގެން ދިޔަކަމަށެވެ. އަދި އެފަރާތްތަކުގެ ކަންބޮޑުވުމުން ހުރުމުން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އަންނަން ބޭނުންވާ މީހުންނަށް ދެވެން އޮތް މިންވަރަކުން އެ ފުރުސަތު ފަހިކޮށްދިނުމަށް މަޝްވަރާތައް ކުރުމަށްފަހު ފުލުހުން ނިންމި ކަމަށް ފައިރޫޝް ވިދާޅުވި އެވެ.
އެގޮތުގެ މަތިން، 185 މީހަކަށް މިހާ ހިސާބަށް ހުއްދަ ދެވިފައިވާ ކަމަށް ފައިރޫޝް ވިދާޅުވިއެވެ. އެޗްޕީއޭއިން ބުނެފައިވަނީ މެންބަރު ރިޔާޒު މާލެ އަންނަން ހުއްދަ ދީފައި ނުވާނެ ކަމަށެވެ. ނަމަވެސް ފުލުހުން ފުރަތަމަ ބުނެފައިވަނީ އެޗްޕީއޭގެ ހުއްދަ ލިބުނު ކަމަށެވެ. އެފަހުން ފުލުހުން ބުނެފައިވަނީ ހުއްދަ ދިނީ އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން ކަމަށެވެ.