ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އުތުރާއި ދެކުނުގައި ހަދާ ކަރަންޓީން ފެސިލިޓީތައް ބުދަ ދުވަހުގެ ރެއިން ފެށިގެން އެކްޓިވޭޓް ވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިވަގުތު ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތައް ހުރީ މާލެ ސަރަހައްދުގައި އެކަންޏެވެ. ނަމަވެސް ކުއްލި ހާލަތުގައި ކަރަންޓީން ކުރެވޭ ގޮތަށް ރާއްޖޭގެ އުތުރާއި ދެކުނުގައި ކަރަންޓީން ފެސިލިޓީތައް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ހާލަތެއް އަތުވެއްޖެ ނަމަ ރާއްޖޭގެ އުތުރާއި ދެކުނުގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރުމަށް އެސަރަހައްދުގައި ހުރި ރިސޯޓްތަކާއި ވާހަކަ ދައްކާފައިވާ ކަމަށެވެ.
ބުދަ ދުވަހުގެރޭ މިނިސްޓަރު އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުތުރާއި ދެކުނުގައި ގާއިމްކުރާ ކަރަންޓީން ފެސިލިޓީތައް ބުދަ ދުވަހުގެ ރެއާއި ބުރާސްފަތި ދުވަހު އެކްޓިވޭޓް ވެގެންދާނެ ކަމަށެވެ. އަދި ގޭގައި މަޑުކުރެއްވުމަށް މިނިސްޓަރު އިލްތިމާސް ކުރައްވާފައިވާ އިރު، އެންމެން ގުޅިގެން މިކަމުން އަރައިގަންނާނެ ކަމަށް މިނިސްޓަރުގެ ޓުވީޓުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
އުތުރާއި ދެކުނުގައި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތައް ގާއިމް ކުރިކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ނަމަވެސް އެއީ ކޮންތަންތަނެއް ކަމަށް ހާމައެއް ނުކުރައްވައެވެ. ނަމަވެސް ކަރަންޓީން އަދި އައިސޮލޭޝަންގެ ގޮތުގައި ބޭނުން ކުރާނީ ރިސޯޓްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.