ކޮވިޑް-19 ދުނިޔެއަށް އުފަންވި ޗައިނާގެ ވޫހާން ގައި ބަލީގައި ފަރުވާ ދެމުން ދިޔަ އެންމެން ބަލި ފަސޭހަ ވެގެން ހޮސްޕިޓަލުން ދޫކޮށްލުމާއެކު އެ ސިޓީއަކީ ކޮވިޑް އިން މިނިވަންވެފައިވާ ސިޓީއަކަށް ވެއްޖެއެވެ.
ވޫހާން ސިޓީގައި ކޮވިޑް-19 އަށް ފަރުވާ ދެމުން ދިޔަ 12 މީހުން ބަލި ފަސޭހަ ވެގެން ހޮސްޕިޓަލުން ދޫކޮށްލީ އާދިއްތަ ދުވަހުއެވެ.
މި 12 މީހުން ހޮސްޕިޓަލުން ދޫކޮށްލުމާ އެކީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ފާއިތުވި 4 މަސް ދުވަހު އެ ސިޓީ އަށް ވެރިވެފައި އޮތް ނާމާންކަމަށް ނިމުން ވަނީ އައިސްފައެވެ.
ބަލީގެ ހާލަތު ވޫހާން ގައި އެންމެ މައްޗަށް ދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި 38,020 (ތިރީސް އަށް ހާސް ވިހި) މީހުންނަށް ބަލި ޖެހުނެވެ. އޭގެ ތެރެއިން 10,000 (ދިހަ ހާސް) މީހުންގެ ހާލު ސީރިއަސް ވެގެން ދިޔަކަން ރެކޯޑް ކުރެވިފައިވެއެވެ.
ނޮވެލް ކޮރޯނާވައިރަސް އަށް ދެ ފަހަރު ޓެސްޓް ހެދުމުން ނެގެޓިވް ވެގެން ބަލި ފަސޭހަވި ކަމަށް ނިންމާ އާދިއްތަ ދުވަހު މެންދުރު ފަހު ވުހާން ޗެސްޓް ހޮސްޕިޓަލުން އެންމެ ފަހުން ދޫކޮށްލި މީހަކީ އުމުރުން 77 އަހަރުގެ ޑިންގް ނަމަކަށް ކިޔާ މީހެކެވެ.
ބަލީގެ ސަބަބުން މުޅި ސިޓީ ހުއްޓުމަކަށް އައި ވޫހާން އިން ވަނީ ކޮވިޑް-19 ބަލިޖެހުނު މީހުންގެ އަދަދު ސުމަކަށް ގެނައުމަށް ދިގު އަދި އުނދަގޫ މަސައްކަތްތަކެއް ކޮށްފައެވެ.
ވޫހާން އަކީ ހުބެއި ޕްރޮވިންސްގެ ވެރިރަށެވެ. އޭގެ އިތުރު މެދުތެރޭ ޗައިނާގެ ދަތުރުފަތުރުގެ މައި ހަބަކީވެސް ވޫހާން އެވެ.
ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން 76 ދުވަސް ވަންދެން ކާރޫބާރޫ ބޮޑު ވޫހާން ސިޓީ އަށް މީހުން އެތެރެ ވުމާއި ސިޓީން މީހުން ބޭރަށް ދިއުން އޮތީ ހަރުކަށި ފިޔަވަޅުތަކާއެކު މުޅިން މަނާ ކޮށްފައެވެ.
ލޮކްޑައުންގެ ދިގު މުއްދަތުގެ ތެރޭގައި މީހުން ބޭރަށް ނުކުމެ އުޅުމާއި މަގުމަތީގައި އެއްޗެހި ދުއްވުން އޮތީ މުޅިން މަނާ ކޮށްފައެވެ.
ކޮވިޑް-19 ފެތުރެމުން ދިޔަ ހަލުއި ކަމާއެކު، ވޫހާންގެ ސިއްހީ ޚިދުމަތައް ބާރުބޮޑުވުމުގެ ސަބަބުން ޗައިނާގެ އެކި ސަރަހައްދު ތަކުން 42،000 (ސާޅީސް ދެހާސް) މެޑިކަލް ސްޓާފުން ވޫހާން އަށް އައިސް މަސައްކަތް ކޮށްފައިވެއެވެ.
އެންމެ ފުރަތަމަ ބަލި ފެނުނު ސިޓީއަށް ވުމުގެ އިތުރުން ކޮވިޑް-19 ބަލި ޗައިނާ އިން އެންމެ ގިނަ މީހުންނަށް ޖެހުނު ސިޓީއަކީވެސް ވޫހާން އެވެ. މި ގޮތުން 50،333 (ފަންސާސް ހާސް ތިން ސަތޭކަ ތެއްތިރީސް) މީހުންނަށް ވޫހާން އިން ބަލި ޖެހުނުކަން ރެކޯޑް ކުރެވިފައި ވެއެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި 4،600 (ހަތަރުހާސް ހަސަތޭކަ) އަށް ވުރެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން ޗާއިނާގައި މަރުވެފައިވެއެވެ.
ބަލީގެ އަލާމާތެއް ހުރި އައު މީހަކު ވޫހާން އިން ފެނިފައި ނުވާ ކަމަށް ފުރަތަމަ ފަހަރަށް އިއުލާން ކުރީ މާޗް 13 ގައެވެ. އޭގެ 5 ދުވަސް ފަހުން އަލަށް ބަލިޖެހުނު މީހަކު އެ ސިޓީގައި ރެކޯޑް ކުރެވިފައި ނުވާ ކަމަށް އިއުލާން ކުރިއެވެ.
ފަރުވާ އަށް ފަހު އެންމެން ހޮސްޕިޓަލުން ދޫކޮށްލުން ވޫހާންގެ ސިއްހަތާ ބެހޭ ކޮމިޝަނުން ސިފަކުރީ ބޮޑު ކާމިޔާބެއްގެ ގޮތުގައެވެ.
ކޮވިޑް-19 އަށް ފަރުވާދޭ އެންމެން ހޮސްޕިޓަލުން ދޫކޮށްލުމަކީ، ކޮވިޑް-19 އަށް ފަރުވާ ދިނުމުގެ ރޮނގުން ވޫހާން އަށް ލިބުނު ބޮޑު ކާމިޔާބެއްވޫހާން ހެލްތް ކޮމިޝަން
ވޫހާންގެ މި ކާމިޔާބު ޗައިނާގެ ސިއްހަތާ ބެހޭ ވަޒީރު މޯ ޒިއާއޮވީ ސިފަ ކުރެއްވީ ކޮވިޑް-19 އިން ވޫހާން ދިފާއު ކުރުމަށް ކުރި ހަނގުރާމައިން ކާމިޔާބު ލިބުން ކަމުގައެވެ.
ކޮވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އެންމެ ހޮސްޕިޓަލުން ދޫކޮށްލުމަކީ އަލުން ބަލި ނުފެތުރިދާނެ ކަމަށް ބަލަން ޖެހޭ ކަމެއް ނޫންކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ވޫހާން ގައި އަލަށް ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވާ 20 މީހުން އެބަތިއްބެވެ. އޮފިޝަލް ރިޕޯޓްތައް ބުނާ ގޮތުގައި އެއިން އެއްވެސް މީހެއްގެ ފުށުން ބަލީގެ އެއްވެސް އަލާމާތެއް އަދި ފެނިފައެއް ނުވެއެވެ. ޗައިނާގައި އަމަލު ކުރަމުންދާ އުސޫލުގައިވާ ގޮތުން ކޮވިޑް-19 އަށް ޕޮސިޓިވް ވުމުން އެއީ ކެރިއަރެއްގެ ގޮތުގައި ބެލި ނަމަވެސް ބަލީގެ އަލާމާތެއް ނުފެންނަ ނަމަ އެއީ ކޮވިޑް-19 ގެ ބަލި މީހުންގެ ގޮތުގައި ނުބަލައެވެ. މި ގޮތުން 535 ކެރިއަރުން ވޫހާންގައި ތިބި ކަމަށް ރެކޯޑް ކުރެވިފައިވާ އިރު އެ އެންމެންނަކީ ވެސް ވަރަށް ގާތުން މޮނިޓަރ ކުރެވެމުންދާ މީހުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ވޫހާންގައި ބައްޔަށް ފަރުވާ ހޯދާ އެއްވެސް މީހަކު މިހާރު ނެތަސް، އޮފިޝަލުން އާއްމުންނަށް އަންގާފައިވަނީ، ދުނިޔޭގައި ބަލި ފެތުރުން ކޮންޓްރޯލް ނުވެ ހަލުއި ކަމާއެކު ބަލި ފެތުރެމުން ދިއުމާއެކު ފަރުވާތެރިވެ ތިބުމަށެވެ.
ވޫހާންގެ ލޮކްޑައުން ނިމުނުކަން ރަސްމީ ގޮތުން އިއުލާން ކުރީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ.