ކ. މާލެ
|
16 އޭޕްރިލް 2020 | ބުރާސްފަތި 20:00
ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްމަން ޖާއޯ ލިޖިއަން ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްމަން ޖާއޯ ލިޖިއަން ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ރޮއިޓަރސް
ޗައިނާ އަދި އެމެރިކާގެ އަރާރުން
ކޮރޯނާވައިރަސް އަކީ ލެބޯޓްރީއަކުން އުފެއްދި ވައިރަސްއެއްކަމުގެ ހެއްކެއްނެތްކަމަށް ޑަބްލިޔުއެޗްއޯއިން ބުނޭ: ޗައިނާ
 
އެމެރިކާއިން ބުނަމުން އަންނަނީ މިކަމުގައި ޗައިނާއިން ޞައްހަ މައުލޫމާތު ދެމުންނުދާ ކަމަށް
 
އެމެރިކާގެ ރައީސް ވިދާޅުވެފައިވަނީ މިވައިރަސް އަކީ ޗައިނާގެ ލެބޯޓްރީއެއްގައި އުފައްދާފައިވާ ވައިރަސްއެއްތޯ ބަލަމުން އަންނަކަމަށް

ޗައިނާއިން އެންމެ ފުރަތަމަ ފެނުނު ނޮވެލް ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަކީ ލެބޯޓްރީއަކުން އުފައްދާފައިވާ ވައިރަސް އެއްކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ބުނެފައިވާކަމަށް ޗައިނާއިން ބުނެފި އެވެ.

ބުރާސްފަތި ދުވަހު ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްމަން ޖާއޯ ލިޖިއަން ނޫސްވެރިންނާ ބައްދަލުކުރައްވާ މިމޭރެމުން ވާހަކަ ދެއްކެވީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ޗައިނާގެ ވުހާން ސިޓީން ފެނުނު މިވައިރަސް އަކީ ޗައިނާއިން އުފެއްދި އެއްޗެއްކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ. ޖާއޯ ވިދާޅުވީ ޑަބްލިޔުއެޗްއޯއިން ތަކުރާރުކޮށް މިކަމާބެހޭ ގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށާއި ހުރިހާ ފަހަރުވެސް ޑަބްލިޔުއެޗްއޯގެ އޮފިޝަލުން ފާހަގަކޮށްފައިވާ ކަމަކީ މިވައިރަސް އަކީ ލެބޯޓްރީއެއްގައި އުފައްދާފައިވާ ވައިރަސްއެއްކަން އެނގޭނެ އެއްވެސް ހެއްކެއް ނެތްކަމަށެވެ.

ބުދަ ދުވަހު އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އެމެރިކާގެ ސަރުކާރުން މިވައިރަސް އަކީ ޗައިނާގެ ވުހާންގެ ލެބޯޓްރީއަކުން އުފައްދައިގެން އުޅޭ ވައިރަސް އެއްތޯ ބަލަމުން އަންނަ ކަމަށެވެ. މީގެއިތުރުން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ ވެސް ވަނީ ޗައިނާއިން މިކަމުގައި ކަންކަން ސާފުކޮށްދޭން ޖެހޭކަމަށް ވިދާޅުވެފަ އެވެ.

ޖާއޯގެ ވާހަކަފުޅުގައި ޓްރަމްޕްގެ ތުހުމަތުތަކަށް ސީދާ ޖަވާބު ދެއްވާފައެއްނުވެ އެވެ.

އެމެރިކާއިން އަންނަނީ ކޮވިޑް-19 އާއި ގުޅިގެން ޗައިނާއިން ޞައްހަ މައުލޫމާތު ފޯރުކޮށްދެމުން ނުދާކަމަށް ބުނެ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން އެމެރިކާގެ އިސް އޮފިޝަލުން ތަކުރާރުކޮށް ޗައިނާއަށް މިކަމުގައި ތުހުމަތު ކުރަމުންދާއިރު އެމެރިކާއިން އަންނަނީ ޑަބްލިޔުއެޗްއޯއިން މިކަމުގައި ޗައިނާ ސަލާމަތްކުރުމަށް މަސައްކަތްކުރާ ކަަމަށް ބުނެ ޑަބްލިޔުއެޗްއޯއަށް ވެސް ފާޑުކިޔަމުންނެވެ.

އަނެއްކޮޅުން ދުނިޔޭގައި މިވަގުތު އެންމެ ހަލުވިމިނުގައި ވައިރަސް ފެތުރެމުން އަންނަ ގައުމަކީވެސް އެމެރިކާ އެވެ. މުޅި ދުނިޔޭގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ދެ މިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު ހަމައެކަނި އެމެރިކާގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ހަ ލައްކައަށްވުރެ މައްޗަށް އަރައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
67%
0%
33%
ކޮމެންޓް