ކ. މާލެ
|
13 އޭޕްރިލް 2020 | ހޯމަ 12:12
މި މައްސަލައިގައި ހައްޔަރުކުރި ޓިއަންޖިންގ ޖާންގ، 36
މި މައްސަލައިގައި ހައްޔަރުކުރި ޓިއަންޖިންގ ޖާންގ، 36
އޭއެފްޕީ
ކޮވިޑް-19: ޕެރޫ
ވަގަށް ނަގާފައިވާ ކިޓުތަކެއް ބޭނުންކޮށްގެން ޓެސްޓް ހައްދަމުން ދިޔަ ޗައިނާ ރައްޔިތަކު ޕެރޫ އިން ހައްޔަރުކޮށްފި
 
ޕެރޫ އިން ވަނީ 7000 އަށް ވުރެ ގިނަ ކޭސް ފެނިފައި، 193 މީހަކު ވަނީ މަރުވެފައި
 
އޭނާ އެކަން ކުރީ ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށް ވަނީ އެއްބަސްވެފައި
 
އެ މީހާއަކީ އެ ވެރިރަށް ލީމާ ގެ ހެލްތް އޮތޯރިޓީގައި މަސައްކަތްކުރާ މުވައްޒަފެއް

ޕެރޫ ގެ ޞިއްޙަތާބެހޭ ވުޒާރާއިން ވަގަށް ނަގާފައިވާ ކޮވިޑް-19 ޓެސްޓު ކިޓްތަކެއް ބޭނުންކޮށްގެން ޓެސްޓު ހައްދަމުން ދިޔަ ޗައިނާ ރައްޔިތަކު ޕެރޫ އިން ހައްޔަރުކޮށްފި އެވެ.

ޓިއަންޖިންގ ޖާންގ ނަމަކަށް ކިޔުނު މި މީހާ ހައްޔަރުކޮށްފައިވަނީ ވެރިރަށް ލީމާ ގެ ބްރެނާ ޑިސްޓްރިކްޓުންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ދެ މީހެއްގެ ސާމްޕަލް ނަގަން އުޅުނު ވަގުތުގައި ކަމަށް ޕެރޫ ގެ ފުލުހުން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

ޖާންގ އަކީ ލީމާ ސުރ ހެލްތު އޮތޯރިޓީ ގައި މަސައްކަތްކުރާ މުވައްޒަފެކެވެ. އޭނާ ހައްޔަރު ކުރިއިރު ހުރީ ޞިއްޙީ ޚިދުމަތްތެރިން ބޭނުންކުރާ މާސްކަކާއި މެޑިކަލް އޭޕްރަން އެއް އަޅައިގެން ކަމަށް ފުލުހުންނާ ޙަވާލާދީ އޭއެފްޕީގައި ރިޕޯޓުކޮށްފައިއެވެ.

ޓެސްޓު ކިޓުތަކަކީ ވަގަށް ނަގާފައިވާ ކިޓުތަކެއް ކަމަށާއި އެކަން އޭނާ ކުރީ ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށް ޖާންގ ވަނީ އެއްބަސްވެފަ އެވެ. އޭނާގެ ގެއިން ފެނުނު ދަބަހެއްގެ ތެރެއިން 25 ޓެސްޓު ކިޓާއި އެހެނިހެން އާލާތްތައް ފުލުހުން ވަނީ ހޯދާފައެވެ.

ޕެރޫ އަށް 330،000 ރެޕިޑް ޓެސްޓު ކިޓު ލިބިފައިވާ ކަން ޕެރޫ ގެ ރައީސް މަރޓިން ވިޒްކާރާ އިޢުލާނުކުރެއްވީ ނިމިދިޔަ ހަފުތާގެ ބުދަ ދުވަހުގަ އެވެ. މި ކިޓުތައް ވަނީ އެޤައުމުގެ ގައުމުގެ އެކި ހިސާބުތަކަށް ފޮނުވާލާފައެވެ. މިހާތަނަށް 45،272 ޓެސްޓު ހަދާފައިވާ ކަމަށް އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާ އިން ވަނީ ހާމަކޮށްފައެވެ.

ޕެރޫ އިން ކޮވިޑް-19 އަށް 7،519 މީހަކު ޕޮޒިޓިވްވެފައިވާ ކަން ވަނީ ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރެއިން 193 މީހަކު ވަނީ މަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
100%
0%
ކޮމެންޓް