ކ. މާލެ
|
12 އޭޕްރިލް 2020 | އާދީއްތަ 23:59
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓްހައުސް ގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓްހައުސް ގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރޮއިޓަރސް
ޓްރަމްޕް ވައިރަސް ސިފަ ކުރެއްވުން
ޓްރަމްޕް ވިދާޅުވަނީ ކޮރޯނާވައިރަސް އަކީ ވަރަށް ތޫނުފިލި އެއްޗެއް ކަމަށް!
 
އެންޓިބަޔޮޓިކްސް ބޭނުން ނުކުރެވެނީވެސް ވައިރަސް މާ ތޫނުފިލި ވުމުން

ކޮރޯނާވައިރަސްގެ ވާހަކަ އާދަޔާ ޚިލާފު ގޮތަކަށް ރައީސް ޓްރަމްޕް އެމެރިކާ ރައްޔިތުންނަށް ކިޔައިދެއްވައިފިއެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ ކޮރޯނާވައިރަސް އަކީ "ޖީނިއަސް" އެއް ނުވަތަ އާދަޔާ ޚިލާފަށް ތޫނުފިލި އެއްޗެއް ކަމުގައެވެ.

ކޮރޯނާވައިރަސް އާ ދެކޮޅަށް އެންޓިބަޔޮޓިކްސް ބޭނުން ނުކުރެވެނީވެސް އެ ވައިރަސް މާބޮޑަށް ތޫނުފިލި ވުމުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ މި ވާހަކަފުޅާ ގުޅިގެން، ބައެއް މީހުން ބުނެފައިވަނީ އެއްވެސް ބުއްދިއެއް ނެތް މަޚްލޫގެއް ސިފަ ކުރުމުގައި ޓްރަމްޕްގެ މި ވާހަކަފުޅަކީ އާދައިގެ ކަމެއް ނޫން ކަމުގައެވެ.

މީހުން ފާހަގަ ކުރި އަނެއް ކަމަކީ، އާއްމުކޮށް ގިނަ މީހުންނަށް އެނގޭ ބަޔޮލޮޖީގެ އެންމެ އަދައިގެ މައުލޫމާތު ވެސް ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ ރައީސަށް ލިބިވަޑައިގެންފައި ނެތުމެވެ.

ޓްރަމްޕް ވިދާޅުވި ގޮތާ ޚިލާފަށް އެންޓިބަޔޮޓިކްސް އަށް ވައިރަސް ނުގުޑަނީ ވައިރަސް "ސްމާޓް" ވެގެންނެއް ނޫނެވެ. އެންޓިބަޔޮޓިކްސް އަކީ ވައިރަސް އަށް ދޭ ފަރުވާ އެއް ނޫނެވެ. އެއީ ބެކްޓީރިއާ އަށް ދޭ ފަރުވާއެކެވެ. ޓްރަމްޕް އަށް އެކަން އޮތީ ވަރަށް ބޮޑަށް އޮޅިވަޑައިގެންފައެވެ.

އޭޕްރީލް މަހުގެ 11 ވަނަ ދުވަހު ވައިޓްހައުސްގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ޓްރަމްޕް ދެއްކެވި މި ވާހަކަފުޅު ގެ ވީޑިއޯ ހަލުއި ކަމާއެކު ސޯޝަލް މީޑިއާގައި ފެތުރެމުން ދާއިރު، އެ ވިޑީއޯގައި ޓްރަމްޕް ވިދާޅުވާތީ ފެންނަނީ، އެންޓިބަޔޮޓިކްސް އަކީ ކޮންމެ ކަމެއް ހައްލު ކުރަން ބޭނުން ކުރާ އެއްޗެއް ކަމުގައެވެ.

މިއީ ވަރަށް ތޫނުފިލި ދުޝްމަނެއް. އެނގެޔެއްނު، މިއީ ތޫނުފިލި ދުޝްމަނެއް. އެމީހުން އެންޓިބަޔޮޓިކްސް ފަދަ ބޭސް އެބަ އުފައްދާ. އެނގެޔެއްނު. އެންޓިބަޔޮޓިކްސް އަކީ ހުރިހާ މައްސަލައެއް ހައްލު ކުރަން ބޭނުން ކުރާ އެއްޗެއް. މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ... އެ ޖަރާސީމު އެ އުޅެނީ ވަރަށް ތޫނުފިލި ވެގެން އެހެންވެ އެންޓިބަޔޮޓިކްސް އަކަށް އެއާ އެއްވަރަށް ނުހިފިހެއްޓޭ. ޓްރަމްޕް ވިދާޅުވިއެވެ.

އެންޓިބަޔޮޓިކްސް އަށް ނުގުޑާ ބެކްޓީރިއާގެ މައްސަލައަކީ ސިއްހީ ދާއިރާގެ މާހިރުން ކަންބޮޑުވުން އިތުރުވަމުން އަންނަ މައްސަލައެއް ކަމަށް ވިޔަސް ކޮރޯނާވައިރަސް އަށް އެންޓިބަޔޮޓިކްސް އިން ވާނެ ކަމެއް ނޯންނާނެ ކަމަށް ޓްރަމްޕްގެ މި ވާހަކަފުޅާ ގުޅިގެން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުން އަންނަ އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ.

ކޮރޯނާވައިރަސް އާ ގުޅިގެން ރައީސް ޓްރަމްޕް އޮޅޭ ގޮތައް ވާހަކަފުޅު ދެއްކެވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ވަރަށް އަދައިގެ މައުލޫމާތުވެސް ގޯސްކޮށް ޓްރަމްޕް ނޫސްކޮންފަރެންސް ތަކުގައި ވިދާޅުވެފައިވާ ކަން ފާހަގަ ކުރެވެއެވެ.

ނަތީޖާއެއްގެ ގޮތުން އެމެރިކާގެ ބައެއް ޓީވީ ތަކުން ކޮރޯނާވައިރަސް އާ ގުޅޭ ގޮތުން ޓްރަމްޕް ދެއްވާ ނޫސް ކޮންފަރެންސްތައް ދެއްކުންވެސް ވަނީ ހުއްޓާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
58%
0%
0%
5%
16%
21%
ކޮމެންޓް