ކ. މާލެ
|
12 އޭޕްރިލް 2020 | އާދީއްތަ 14:14
އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު، ތިއޮޑޯ ރޫޒްވެލްޓް
އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު، ތިއޮޑޯ ރޫޒްވެލްޓް
ގޫގުލް
ކޮވިޑް-19: އެމެރިކާ
ކޮވިޑް-19: އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު، ތިއޮޑޯ ރޫޒްވެލްޓްގައި 550 ސިފައިން ޕޮޒިޓިވް ވެއްޖެ
 
ބޯޓުގެ ކެޕްޓަން ޕެންޓަގަންއަށް ސިޓީއަކުން ރިޕޯޓްކުރީ މިދިޔަ މާރޗު މަހުގެ 30 ވަނަ ދުވަހު
 
އެންމެ ފުރަތަމަ ދުވަހުގެ ނަތީޖާތަކުންވެސް 100 މީހުން ޕޮޒިޓިވްވި، މިހާރު އެކިފަހަރު މަތިން 550 މީހުން މިވަނީ ޕޮޒިޓިވްވެފަ
 
ތިއޮޑޯ ރޫޒްވެލްޓުގައި 4،800 ފަޅުވެރިން ތިބި

އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު، ތިއޮޑޯ ރޫޒްވެލްޓުގައި މަސައްކަތްކުރާ 550 ސިފައިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު، ތިއޮޑޯ ރޫޒްވެލްޓުގައި 4،800 ތެރެއިން 92 ޕަސެންޓް މީހުން މިހާރު ވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރެވިފަ އެވެ.

ތިއޮޑޯ ރޫޒްވެލްޓްގައި ކޮވިޑް-19 ފެތުރެމުންދާކަން ހާމަކޮށް، އަވަސް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެ މަނަވަރުގެ ކެޕްޓަން، ބްރެޓް ކްރޯޒިއާ އެދިފައިވަނީ މިދިޔަ މާރޗު މަހުގެ 30 ވަނަ ދުވަހު އެވެ. އެދުވަހަށްފަހު، އެކިފަހަރުމަތިން، ކޮވިޑް-19 އަށް ޓެސްޓްކޮށް، ޕޮޒިޓިވްވާ މީހުން އިތުރުވެ، މިހާރު މިވަނީ 550 އިތުރު ވެފައެވެ.

ތިއޮޑޯ ރޫޒްވެލްޓްގެ ކެޕްޓަން އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަންއަށް ފޮނުވި އެ ސިޓީގައި ބުނެފައިވަނީ ގިނަ ޢަދަދެއްގެ މީހުން އެއް ތަނެއްގައި އުޅެން ޖެހިފައިވާއިރު ބަލިވާ މީހުން އައިސޮލޭޓް ކުރުމަކީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި ކޮވިޑް-19 ފެތުރެމުންދަނީ ވަރަށް ހަލުވިކަމާއެކު ކަމަށާއި އަވަސް ފިޔަވަޅުތަކެއް ބޭނުންކަމަށްވެސް ކެޕްޓަން ބުނެފައި ވެއެވެ.

ތިއޮޑޯ ރޫޒްވެލްޓްގެ ކެޕްޓަން ކްރޯޒިއާ ވެސް ކޮވިޑް-19 އަށް ޕޮޒޮޓިވްވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ. ކޮވިޑް-19ގެ އަލާމާތްތައް އޭނާގެ ގައިން ފެނުނީ އެ މަނަވަރުގެ ކެޕްޓަންކަމުގެ މަޤާމުން އޭނާ ވަކިކޮށް، އަދި މަނަވަރުން އޭނާ ފޭބިފަހުން ކަމަށް ވެއެވެ. ކެޕްޓަން ކްރޯޒިއާ މަޤާމުން ދުރުކުރުމުން އެމެރިކާ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުވިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އަށް އެންމެ ގިނަ ޢަދަދެއްގެ މީހުން ޕޮޒިޓިވްވެފައިވަނީ ވެސް އެމެރިކާގައެވެ. މިހާތަނަށް އެމެރިކާގައި 530,000 މީހުންނަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވެއެވެ. އަދި 20،000 އަށްވުރެ ގިނަ މީހުން ހަމައެކަނި އެމެރިކާއިންވެސް މަރުވެފައިވެއެވެ. މުޅި ދުނިޔޭގައި މިހާތަނަށް 1.7 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި 100،000 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
70%
30%
0%
0%
0%
ކޮމެންޓް