ގްރޭޑް 10 ނިންމާ ހުނަރު ދަސްކުރަން ބޭނުންވާ ދަރިވަރުންނަށް "ހޭވައްލާ ޕްރޮގުރާމް" ގެ ނަމުގައި އާ ޕްރޮގުރާމެއް ސްކޫލުތަކުގައި ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހޭވައްލާ ޕްރޮގުރާމުގެ ނަމުގައި ބުދަ ދުވަހު ރ. އުނގޫފާރުގައި އިފްތިތާޙު ކުރި ޕްރޮގުރާމަކީ ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމަށް ހިންގޭ ޕްރޮގުރާމެއް ކަމަށެވެ. ގްރޭޑް 10 ނިންމާ ދަރިވަރުން މަތީ ޘާނަވީ މަރުޙަލާގެ ކިޔެވުން ފެށުމާ ދޭތެރޭ ލިބޭ ގާތްގަނޑަކަށް 4 މަސްދުވަހުގެ ތެރޭގައި މި ޕްރޮގުރާމުގައި ބައިވެރިވާ ދަރިވަރުން މަސައްކަތް ދަސްކޮށްދޭ ތަފާތު ހުނަރުތައް ދަސްކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މިގޮތުން ދަރިވަރުން ދަސްކުރާ ހުނަރު ތަކުގެ ފައިދާ އެކުދިން އަމިއްލަ ދިރިއުޅުމެއް ފަށާއިރު ކުރަންޖެހޭ ޢާންމު މަސައްކަތްތަކަށް ޤާބިލުކަން އިތުރުކޮށްދިނުމާއި، މި ޕްރޮގުރާމުގެ ދަށުން ދަރިވަރުންނަށް ދަސްކޮށްދޭނެ މަސައްކަތު ހުނަރު ކަނޑައަޅާނީ އެމުޖުތަމަޢުއެއްގައި ޢާންމުކޮށް ކުރާ މަސައްކަތްތަކާއި ލިބެންހުރި ވަޞީލަތްތަކަށް ބަލައި ސްކޫލުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ހޭވައްލާ ޕްރޮގުރާމުގެ ސަބަބުން ދަރިވަރުން ހުނަރު ދަސްކުރުމަށް ޝަޢުޤު އުފެދިގެންދާނެ ކަަމަށް އެޑިއުކޭޝަނުން ބުނެއެވެ. އަދި ދިރިއުޅުން ކާމިޔާބުކުރުމަށް ބޭނުންވާ ތަފާތު މަސައްކަތްތަކުގެ ހުނަރު އެ ދަރިވަރަކު ދިރިއުޅޭ މާޙައުލުން ފަހިވެގެންދާނެ ކަމަށާއި، ބުދަ ދުވަހު ފެށި ޕްރޮގުރާމް ރާއްޖޭގެ 20 ސްކޫލެއްގައި ކުރިއަށް ގެންދެވޭއިރު 250 ދަރިވަރުން ހޭވައްލާ ޕްރޮގުރާމު މެދުވެރިކޮށް ހުނަރު ދަސްކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ތަންފީޒުކުރަމުންދާ އިންކްލޫސިވް އެޑިއުކެޝަންގެ ސިޔާސަތާއި ގުޅިގެން، ސްކޫލްތަކުގައި ކުރިން ހިންގަމުންދިޔަ "ދަސްވާރު ޕްރޮގުރާމު" ސްޓްރީމެއްގެ ގޮތުގައި އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާ ހުއްޓާލާފައިވަނީ މިދިޔަ ޖެނުއަރީ މަހުގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ޢަމަލުކުރަމުންދާ އިންކްލޫސިވް އެޑިއުކޭޝަން ސިޔާސަތުގެ މައިގަނޑު އެއް ތަރަޙައަކީ، ހުރިހާ ކުދިންނަށްވެސް ބައިވެރިވެވޭ މަންހަޖެއް ސްކޫލްތަކުގައި ތަންފީޒްކުރުން ކަމަށާއި، ތަޢުލީމީގޮތުން އިތުރު އެހީ ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީގެން ސްކޫލް ޙަޔާތުގެ ހުރިހާ ޙަރަކާތެއްގައި ބައިވެރިކުރުވުން ކަމަށެވެ. އަދި ސްކޫލްތަކުގައި ހިންގަމުންދިޔަ، ދަސްވާރު ޕްރޮގުރާމް ޢަމާޒުކުރެވިގެން ދިޔައީ ތަޢުލީމީގޮތުން ދަށްކަމަށް ބަޔަކު ފާހަގަކުރާ ދަރިވަރުންނަށް ކަމުގައިވުމުން އޭގެ ނޭދެވޭ އަސަރު ގިނަ ދަރިވަރުންތަކަކަށް ކޮށްފައިވާ ކަމަށެވެ.
ދަސްވާރު ނިންމާ ބައެއް ދަރިވަރުންނަށް މަސައްކަތަށް ބޭނުންވާ ފެންވަރަށް ލިޓްރަސީއާއި، ނިއުމަރަސީ ނޭނގުމުގެ ސަބަބުން ވަޒީފާ ލިބުމުގައި ދަތިތަކެއް ދިމާވަމުންދާ ކަމަށާއި މިނިސްޓްރީގެ ސިޔާސަތަކީ ހުރިހާ ދަރިވަރުންނަށްވެސް ސްކޫލް ނިމޭއިރު އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ މިންވަރަށް ތަޢުލީމު ލިބިފައިވާ ދަރިވަރުންތަކަކަށް ހެދުންކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ދަސްވާރު ސްޓްރީމަށް ބައެއް ދަރިވަރުން ލެވިފައިވަނީ އެންމެ އެދެވޭ ގޮތުގައި ނޫންކަން ފާހަގަކޮށް މިނިސްޓްރީން ބުނެފައިވަނީ ސްކޫލްގެ ނަތީޖާ މަތިކުރުމަށް ޤައުމީ މަންހަޖުގައި ހިމެނޭ މުހިއްމު މާއްދާތައް ނުކިޔަވާ ދަސްވާރު ހެދުމަށް މަޖުބޫރު ކުރެވިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދަރިވަރުންގެ ޘާނަވީ ތައުލީމުގެ މަރުޙަލާއަށް ވަރަށް ނޭދެވޭ އަސަރު ކުރާ ކަމަށް އެޑިއުކެޝަން މިނިސްޓްރީން ބުނެއެވެ.