ޞިއްޙީ ޚިދުމަތް ދިނުމަށް ޢިމާރާތްކުރެވޭ އާ ބިނާތަކުން ހޮސްޕިޓަލަކުން ދެވޭ ޚިދުމަތަށްވުރެ ފުޅާ ޚިދުމަތެއް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ހއ، ދ. އަދި ބ. އަތޮޅު ހޮސްޕިޓަލުގެ އާ ޢިމާރާތް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ އަލަށް ރަށްރަށުގައި ފުރިހަމަ ކަމާއެކީގައި ބިނާ ކުރާ ތަންތަނަށް ހޮސްޕިޓަލް ކިޔާ ހިތް ނުވާ ކަމަށެވެ. ނަމަވެސް އެތަންތަނުން ހޮސްޕިޓަލްތަކުގެ ޚިދުމަތް އެބަދެވޭ ކަމަށާއި، ހޮސްޕިޓަލަށްވުރެ މާ ފުޅާ ވިސްނުމަކާއެކީގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ވިސްނަމުން ގެންދަވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އޭގެ ތެރޭގައި ޕަބްލިކް ހެލްތާއި، ތަމްރީނު ދިނުމުގެ ކަންކަމާއި، މުސްތަޤުބަލަށް ދިރާސާ ކުރުމުގެ ކަންކަން އަދި ރައްޖޭގެ ޞިއްޙީ ދާއިރާގައި ތަޢުލީމް ޙާޞިލުކުރާ ފަރާތްތަކަށް އެކިއެކި ފުރުޞަތުތަކެއް ލިބިދޭނެ މަރުކަޒުތަކެއްގެ ގޮތުގައި، އެ މަރުކަޒުތައް ބިނާ ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
ތައުލީމީގޮތުންނާއި ވިސްނުމުގެ ގޮތުން އަދި ދިރާސާ ކުރުމުގެ ރޮނގުން ރާއްޖެ ކުރިއެރުން ހާސިލްކުރާ ކަމުގައިވާ ނަމަ މި ބިނާތައް ވެގެންދާނީ އެކަންކަމަށް އެ ވިސްނުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ބިނާތަކަކަށް. މި ސިއްހީ ހިދުމަތްދޭ ތަންތަން އިރާދަކުރެއްވިއްޔާ ކުރަހާ ޑިޒައިންކުރެވި މި ތަންތަނުގެ ވިސްނުމާއި ތަސައްވުރު މިހުރީ ވަރަށް ދުރަށް ވިސްނިގެން. މި އިމާރާތްތަކުގައި ހުރި ޖާގަ ކުރިއަށް އޮތްތަނުގައި ފޯރުކޮށްދޭންޖެހޭ ވަސީލަތްތަކަށް ވެސް މަގުފަހިކޮށްދޭނެ. މި ވިސްނުންތަކުގެ ތެރެއިން މިހާރު އިމާރާތްކުރާ ތަންތަން ވާނީ ފިނޭންސް މިނިސްޓްރީއަށް އިމާރާތްކުރުމަށް ދެން ކުރަން ޖެހޭ ކަންކަން ކުރުމަށް ފޮނުވިފައި،ހެލްތް މިނިސްޓަރު އަބްދުﷲ އަމީން
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ފަށްޓަވާފައިވާ މުހިންމު މަޝްރޫޢުގެ ތެރެއިން ރާއްޖޭގެ ފަސް ޞަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި މި މަޝްރޫޢުތަކުގެ ނަތީޖާ ފެންނަ ހިސާބަށް ދިޔުމުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދުޅަހެޔޮ ޞިއްޙަތަށް ކުރާ މަސައްކަތަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން ދުނިޔޭގައި ޞިއްޙީ މުޞީބާތެއް ކުރިމަތިވާ ކޮންމެ ފަހަރަކު، އަދި އެކި ޤައުމުތަކައް ކުރިމަތިވާ ޞިއްޙީ ކަންކަމުގެ ނޭދެވޭ އަސަރު ރާއްޖެއާ ހަމައަށް ފޯރާ ވަގުތުތަކުގައި ރައްޖޭގެ ޞިއްޙީ ނިޒާމުގެ ނާޒުކުކަން އިޙުސާސްކުރެވޭނެ ކަމަށެވެ. އަދި އެކަމުން ޞިއްޙީ ދާއިރާގެ ނިކަމެތިކަމާއި ބަލިކަށިކަން އިޙުސާސް ކުރެވޭނެ ކަމަށާއި، އެ ނާޒުކުކަން ނިމުކަމަށް ގެނެސް ބޮޑެތި މުޞީބާތްތައް ކުރިމަތިވާ ހިނދު އަދި ޢާންމުކޮށް ހުރި ޞިއްޙީ ކަންކަމުން ރައްކާތެރިވުމަށްޓަކައި ޤާބިލުކަން ހުރި އާބާދިއަކަށް ވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އަޅުގަނޑުމެން މިހާ ރު މިކުރަނީ އެ މަސައްކަތް. ރާއްޖޭގެ ސިއްހީ ކަންކަމާ ދޭތެރޭގައި މިހާރު މަސައްކަތްކުރާ އިރު، ވަރަށްބޮޑު ގޮންޖެހުމެއް މިހާތަނަށް އައިރު މިކުރަން ހުރި މަސައްކަތްތަކަކީ ދުރަށް ރޭވިފައި ނުވާ މަސައްކަތްތަކަށް ނުވުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. އަދި އާބާދީ އުމުރުން ދުވަސްވީ އަބާދިއަކަށް ބަދަލުވަމުން ދާ އިރު، ސިއްހީ ނިޒާމާއި އާބާދީ އަދި ރަށްރަށުގެ ސިއްހީ ހިދުމަތް މިކަންކަމަށް ތައްޔާރުވުމަކީ މިއަދު ކުރަން ޖެހިފައި އޮތް ކަމެއް،ހެލްތް މިނިސްޓަރު އަބްދުﷲ އަމީން
މިނިސްޓަރު ވިދާޅުވީ މީގެ ވިއްސަކަށް ތިރީހަކަށް އަދި ފަންސާހަކަށް އަހަރު ފަހުން ރާއްޖޭގެ އާބާދީގައި ހުންނާނެ މައްސަލަތަކަށް މިހާރު ވިސްނުން ހިންގާ ތަޞައްވަރުކޮށް އެކަންކަމާ ދޭތެރޭގައި މިހާރު ކުރާ މަސައްކަތްތަކުގެ ވިސްނުން ނެތްކަމުގައި ވާނަމަ އަބަދު ޖެހޭނީ އަހަރުން އަހަރަށް އެކްސްޓެންޝަންގެ ގޮތުގައި މަސައްކަތް ކޮށްކޮށް ތިބެން ކަމަށެވެ. އަދި މި ވިސްނުން ދޫކޮށް ދުރަށް ރޭވިގެން މަސައްކަތް ކުރުމަކީ ކުރަންޖެހިފައިވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.