ކޮމަންވެލްތް ޔޫތު ކައުންސިލަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ ކޮމަންވެލްތުގެ ހުރިހާ ޤައުމެއް ހިމެނޭގޮތަށް އެކުލަވާލެވޭ ކޮމަންވެލްތު ޔޫތު ކައުންސިލަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ލިބިފައިވާ ކަމަށެވެ. މިގޮތުން ޔޫތު ކައުންސިލަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވާ ދާއިރާތަކަކީ:
ޗެއަރޕަރސަން،
ވައިސް ޗެއަރޕަރސަން (އިންކްލޫޝަން އެންޑް އެންގޭޖްމަންޓް)،
ވައިސް ޗެއަރޕަރސަން (ޕާޓްނާޝިޕްސް އެންޑް ރިސޯސަސް)،
ވައިސް ޗެއަރޕަރސަން (ޕޮލިސީ އެންޑް އެޑްވޮކެސީ)،
ރީޖަނަލް ރެޕްރެޒެންޓޭޓިވް (އެފްރިކާ އެންޑް ޔޫރަޕް)،
ރީޖަނަލް ރެޕްރެޒެންޓޭޓިވް (އޭޝިއާ)،
ރީޖަނަލް ރެޕްރެޒެންޓޭޓިވް (ކެރީބިއަން އެންޑް އެމެރިކާސް)،
ރީޖަނަލް ރެޕްރެޒެންޓޭޓިވް (ޕެސިފިކް)،
ރެޕްރެޒެންޓޭޓިވް - ސްޕެޝަލް އިންޓްރެސްޓް ގްރޫޕްސް (ކޮންމެ ޞަރަޙައްދަކުން) އެވެ.
މި ދާއިރާތަކުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ ޒުވާނުންގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއްގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޤައުމީ ޒުވާނުންގެ ޤައުމީ މަޖިލީހުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުމެވެ. މީގެ އިތުރުން އުމުރުން 15 އަހަރާއި 27 އަހަރާދެމެދުގެ ފަރާތަކަށްވާން ޖެހެއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ދާއިރާތަކަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އައިޑީ ކާޑު ކޮޕީ، ސީވީ އަދި ތަޢުލީމީ ސެޓިފިކެޓުތަކުގެ ކޮޕީތައް 10 މާޗްގެ 2:00 ގެ ކުރިން މާފަންނު އިޖުތިމާޢީ މަރުކަޒު (ސޯޝަލް ސެންޓަރ) އަށް ހުށައެޅުމަށް އެދޭ ކަމަށެވެ. އަދި މެއިލް ކުރާނަމަ [email protected] އަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.
ކޮމަންވެލްތު ޔޫތު ކައުންސިލަށް ހޮވޭ ފަރާތްތަކުން 2020 ޖޫން 20 ން 23 އަށް ރުވާންޑާގެ ވެރިރަށް ކިގާލީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކޮމަންވެލްތު ޔޫތު ފޯރަމް" (ސީވައިސީ) ގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ. އަދި ކޮމަންވެލްތު ޔޫތު ކައުންސިލްގެ އިންތިޚާބުވެސް މި ފޯރަމްގައި ކުރިއަށްދާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.