ކ. މާލެ
|
21 ފެބްރުއަރީ 2020 | ހުކުރު 09:14
މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު
މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު
ވަން އޮންލައިން
މާދަރީ ބަހުގެ ދުވަސް
ގިނަ ކުޑަކުދީންނާއި ޒުވާނުން ވާހަކަދައްކަނީ އިނގިރޭސި ބަހުން، މިއީ ކަންބޮޑުވާ ކަމެއް: މިނިސްޓަރ
ބަހާ މެދު ދެކޭގޮތް ބަދަލު ކޮށް، ބަހަށް އިޖާބަދޭގޮތް ބަދަލުކުރަން ޖެހޭ
ޖުތަމަޢުގައި ބަހަށް ޚާއްސަ މަގާމު ކަށަވަރު ކޮށްދޭންޖެހޭ
މިއަހަރުގެ ޝިޢާރުގެ ދިވެހި ތަރުޖަމާއަކީ "ސަރަހައްދީ އިމެއް ނެތި ބަސްބަސް"

މިއަދު ގިނަ ކުޑަކުދިންނާއި ޒުވާނުން ވާހަކަދައްކައި އުޅެނީ އިނގިރޭސި ބަހުން ކަމަށާއި، އެއީ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ޚިތާބުގައި މިނިސްޓަރ ވިދާޅުވީ، މިއަދު ގިނަ ކުޑަކުދީންނާއި ޒުވާނުން ވިސްނަނީ އިނގިރޭސި ބަހުން ކަމަށާއި، ވާހަކަދައްކަނީވެސް އިނގިރޭސިބަހުން ކަމަށެވެ. އަދި އެއީ ކަންބޮޑުވާން ޖެހޭމައްސަލައެއް ކަމަށާއި، އެއީ ބަސް އުވިގެން ދާން މެދުވެރިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ބަހާ މެދު ދެކޭގޮތް ބަދަލު ކޮށް، ބަހަށް އިޖާބަދޭގޮތް ބަދަލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން މައިންބަފައިން ފަރުވާތެރިކަމާއެކު ދަރީންނަށް ދިވެހިބަސް ދަސްކޮށްދިނުމާއި، ޅަފަތުގެ ތަޢުލީމުގައި ދިވެހިބަސް އުނގަންނައި ދިނުމުގެ ދައުރުތައް ފުޅާކުރުމަކީ ކުރެވިދާނެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، މުޖުތަމަޢުގައި ބަހަށް ޚާއްސަ މަގާމު ކަށަވަރު ކޮށްދޭންޖެހޭކަން ފާހަގަ ކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، ދިވެހި ބަހަކީ މުއްސަނދި ބަހުރުވަތަކެއް ލިބިފައިވާ ބަހެއް ކަމަށެވެ. އަދި އެ ބަހުރުވަތަކަކީ އެ އަތޮޅެއްގެ ނުވަތަ އެ ރަށެއްގެ ޚާއްސަ ސަގާފަތާ އިދިރިއުޅުން ދައްކައިދޭ މުހިންމު ތަރިކައެއް ކަމަށާއި، ބަހުރުވަތައް ދިރުވަން މަސައްކަތް ކުރަންޖެހޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މާދަރީ ބަހުގެ ދުވަހެވެ. އެގޮތުން މިއަދަކީ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަސް މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރާތާ 20 އަހަރު ފުރޭ ދުވަހަށްވާއިރު، މި އަހަރުގެ މާދަރީބަހުގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅުއްވައިފައިވާ ޝިޢާރުގެ ދިވެހި ތަރުޖަމާއަކީ "ސަރަހައްދީ އިމެއް ނެތި ބަސްބަސް" އެވެ.

އެންމެ ފުރަތަމަ މާދަރީ ބަސް ބައިނަލްއަޤުވާމީ ދުވަހެއްގެ ގޮތުގައި ފާހަގަކުރަން ފަށާފައިވަނީ 1999 ވަނަ އަހަރުގައެވެ. އެއީ ޕާކިސްތާނުގެ ޤައުމީ ބަސް ކަނޑައެޅުމުގެ ތެރޭގައި 21 ފެބުރުވަރީ 1952 ގައި ހިނގާ ދިޔަ ހާދިސާއެއްގެ ސަަބަބުންނެވެ. އެއީ މިހާރުގެ ބަނގްލަދޭޝް ނުވަތަ ބަންގާޅެވެ. ބަންގާޅުގެ ދަރިވަރުންތަކެއް އެ ދުވަހު ވަނީ އެމީހުންގެ މާދަރީ ބަހަށްޓަކައި ގުރުބާން ވެފައެވެ. ގައުމީ ބަސް ކަނޑައެޅުމާ ބެހޭ ގޮތުން އެ ޤައުމުގައި ފެށުނު އެއްވުންތައް މުޒާހަރާއަކަށް ބަދަލުވެ، ބޮޑެތި ލޭއޮހޮރުވުން ތަކަކަށް ބަދަލުވެގެން ދިޔައެވެ. އެގޮތުން ގިިނަ ދަރިވަރުންތަކަކާއި ޒުވާނުންތަކެއް އެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔެ ދޫކޮށް ދާންޖެހުނެވެ. ނަތީޖާއެއްގެ ގޮތުން، ޕާކިސްތާނުގައި އޭރު ޤައުމީ ބަހުގެ ގޮތުގައި ކަނޑައަޅާފައިވާ އުރުދޫ ބަހާ އެއްގޮތަށް ބަންގާޅު ބަހަކީ ވެސް މާދަރީ ބަހެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައެވެ.

އެހާދިސާތަކާ ގުޅިގެން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަސް މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށް ޔުނެސްކޯއިން ނިންމާފައިވަނީ 1999 ވަނަ އަހަރުގައެވެ.

- ކޮމެންޓް
25 ފެބްރުއަރީ 2020 | އަންގާރަ 13:31
ބޮސް
ޓެކުނިކަލީ ވަޓް އައި ވޯންޓު ސޭ އިސް ދެޓް އައި ނޯ މޯ ވޯޑްސް އިން އިންގިލިޝް ދޭން އިން ދިވެހި ފަންޑުމެންޓަލީ ބީން ތޮރޯލީ ފުރޮމް އަ ޔަންގް އޭޖް ބީން ޓޫޓޯޑް އިން އިންގުލިޝް މޯ ދޭން މައި މަދަރ ޓަންގް އޭސް ވީ ހޭޑް މޯ ސަބުޖެކްޓުސް އިން އިންގުލިޝް ދޭން ދިވެހި ތޫ އިޓް އިސް ލައިކު ދިސް އައިއޭމް މޯ ޔޫސް ޓު އިންގްލިޝް އެންޑް ލައިކު ޓު ޓޯކު އިން އިންގުލިޝް މޯ ދޭން ދިވެހި.
21 ފެބްރުއަރީ 2020 | ހުކުރު 12:31
ހިޔަލަ
ސްކޫލްތަކުގައި ދިވެހިބަހުންވާހަކަދެއްކުންމަނާކުރިތާ އެތައްދުވަހެއްވީފަހުން ތިކަން ހަދާންވިކަން ރަގަޅު