ސަރުކާރު ބަދަލުވުމާއެކު، ދެން އަންނަ ސަރުކާރެއް ހިންގަން މެޖޯރިޓީއެއް ލިބޭ ކޮންމެފަހަރަކު މިނިވަން މުއައްސަސާތައް ބަދަލުވެގެންދާނެ ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީގައި ވާހަކަ ދައްކަވަމުން އަނަސް ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބޭ ކޮންމެ ފަހަރަކު މިނިވަން މުއައްސަސާތަކުގައި ތިއްބަވާ ބަޔަކު މުއައްސަސާތައް ބަދަލުކުރަން ޖެހޭކަމަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ.
ނަމަވެސް ތަފާތު ތުހުމަތުތަކާއެކީގައި ހުރި ބޭފުޅުން މުއައްސަސާތަކުގައި ތިއްބަވާނަމަ، އެބޭބޭފުޅުންގެ މައްސަލަތައް އިންސާފުވެރިކަމާއެކީގައި ޑިއު ޕްރޮސެސްއެއްގެ ތެރެއިން ބެލިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެބޭބޭފުޅުންގެ މައްޗަށް އަޅަމުންދާ ފިޔަވަޅުތަކަކީ މިކަމުގައި އެންމެ އިންސާފުވެރިގޮތް ކަމަށެވެ.
އަދި މި މަސައްކަތަށް ވަގުތު ހޭދަވުމަކީ ވަގުތު ބޭކާރުކޮށްލުން ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، އެ މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންނަށް ފިޔަވަޅުއެޅުމަށް ފަހަތުފަޔަށް ބުރަވާކަމަށް ވެސް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އެއިން ފެންނަނީ ހަމައާއި އިންސާފުން ޑިއު ޕްރޮސެސްއެއްގެ ދަށުން މިކަން ހިންގުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ވަގުތު ނަގާތަން ކަމަށެވެ.
އަޅުގަނޑު ގަބޫލެއް ނުކުރަން ތުހުމަތެއް ކުރެވޭއިރަށް އަދި ތުހުމަތެއް ރައްދުވާ ފަރާތެއް މުއައްސަސާއެއްގައި އިންނަވާނަމަ އިތުރު ތަހުގީގަކާ ނުލާ އެބޭބޭފުޅުންގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅި، އެއްވެސް އަސްލެއް ނެތް މައްސަލަތަކެއް ހުށަހެޅި އެފަރާތްތައް މަގާމުން ވަކިކުރަން ޖެހޭ ކަމަކަށް،
އަނަސް ވިދާޅުވީ ތުހުމަތުތައް ރަނގަޅަށް ބެލި އިންސާފުވެރިކަމާއެކީގައި ޑިއު ޕްރޮސެސް ހިންގި ދެން ފިޔަވަޅު އަޅައިފިނަމަ އެކަމުގައި ރައްޔިތުންނަށް ވެސް އާހިރުގައި ފައިދާތަކެއް ކުރާނެ ކަމަށެވެ.