ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ރަންވޭގެ ދެކުނު "އެޕްރޯޗް ލައިޓްސް" ކައިރި ހިއްކައި، މަގުހަދައި، ތޮށިލައި ދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނީ އެ ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގެ އާ ރަންވޭގެ ދެކުނު "އެޕްރޯޗް ލައިޓްސް" ކައިރި، އެ ކުންފުނިން ދޭ މިންގަނޑުތަކާއި އެއްގޮތަށް ހިއްކައި ، މަގުހަދައި، ތޮށިލައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އާ ރަންވޭ ހަދައި ނިމުނު އިރު، މި ޞަރަޙައްދަކީ ހިއްކާފައިވާ ތަނެކެވެ. ނަމަވެސް ތޮށިލާފައި ނުވާތީ އެޕްރޯޗް ލައިޓްތައް ފެށޭ ހިސާބުވަނީ އެއްކޮށް ގިރައިގެން ގޮސްފައެވެ.
އެމްއޭސީއެލުން ބުނީ މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ 'ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ' ގައި ހާބަރ ކޮންޓަރެކްޓިންގ ވޯކްސް ކެޓެގަރީގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަކަށްވާން ޖެހޭނެ ކަމަށެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ސިޓީ, ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ޝައުޤުވެރިކަން ފާޅުކުރުމަށް ވަނީ އެދިފައެވެ. އަދި މިގޮތަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.
އަދި ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ "ސައިޓް ވިޒިޓް" މި މަހުގެ 17 ވަނަ ދުވަހުގެ މެންދުނު 2:00 ގައި އެ ކުންފުނީގެ މައި އިދާރާ (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް، ވީ.އައި.އޭ)ގައި އޮންނާނެ ކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ.
އެމްއޭސީއެލުން ބުނީ ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ މި މިމަހުގެ 26 ވަނަ ދުވަސް ކަމަށާއި، ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި ކަމަށެވެ. އަދި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ މެންދުރު 2:00 ގައި ކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
މީގެ އިތުރުން ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމަށާއި، ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުޞޫލުތަކުގެ މަތިން، ކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑުކުރެވޭނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.