ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގެ ތެރެއިން މައްސަލަ ޖެހުނު ގަލޮޅު މެދު ދާއިރާއާއި ގއ. އަތޮޅުގެ ވޯޓުލުން ކުރިއަށް ގެންގޮސްފިއެވެ.
އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ ނައިބު މުގައްރިރު އިބްރާހިމް މުއިއްޒު ވިދާޅުވީ ހުކުރު ދުވަހުގެ ވޯޓުލުން ޖުމްލަ ގޮތެއްގައި ކުރިއަށްދިޔައީ އަމާންކަމާއެކު ކަމަށާއި، ބައެއް ކުދި ޝަކުވާތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް ވޯޓުލުމުގެ ކަންކަން ޖުމްލަގޮތެއްގައި ކުރިއަށްދިޔައީ އޮމާންކަމާއެކު ކަމަށެވެ.
އޭނާ ވިދާޅުވީ ހުކުރު ދުވަހުގެ މެންދުރު 2:30 އިން ފެށިގެން ވޯޓުލުން މާލޭގައި އަދި ގއ. ވިލިނގިލިގައި ކުރިއަށް ގެސްގޮސްގައިވާ އިރު، ހުކުރުދުވަހުގެ 7:30 ގައި މާލޭގެ އިސްކަންދަރު ސްކޫލުގައި ބެހެއްޓުނު ގަލޮޅު މެދު އަދި ގއ ވިލިނގިލި ފިޔަވާ އަތޮޅުގެ އެހެން ހުރިހާ ރަށެއްގެ ވޯޓު ފޮއްޓާއި އެމްޑީޕީ ހަރުގޭގައި ބެހެއްޓި ގއ ވިލިނގިލީގެ ވޯޓު ފޮށި ބަންދުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ގއ. ވިލިނފގިލީގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށް ގިނަ އަދަދެއްގެ ބަޔަކު ވޯޓުލުމަށް ކިއު ޖެހިފައިވާތީ ވޯޓު ފޮށި ބަންދު ކުރާނީ ކިއު ނިމުމުން ކަމަށެވެ. އަދި މާލޭގައި ހުރި ގއ. ވިލިނގިލި ފޮށި ފިޔަވައި އެހެން ފޮށިތައް 7:45 ގައި ގުނަން ފަށާ ވަގުތީ ނަތީޖާތައް އެތަނުން އިއުލާން ކުރާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ގއ. ވިލިނގިލިގައި ހުރި ފޮށި ގުންނަ ފެށޭނެކަމަށް ލަފާކުރެވެނީ 9:00 ޖަހާއިރު ކަމަށާއި، އެ ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ވެސް މަރުކަޒުގައި ވަގުތުން އިއުލާން ކުރެވިގެންދާނެ ކަމަށެވެ.