ސިވިލްކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ ނަޞީރުގެ ސުލޫކީ މައްސަލައެއް ނިންމާފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އެ ކޮމިޝަންގެ 10 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ މައިގަނޑު ކަންކަން ހާމަކުރަމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިވިލްކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ ނަޞީރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ކޮމިޝަނުން ނިންމި ކަމަށެވެ.
މީގެ އިތުރުން ހިނގަމުންދާ މައްސަލަތައް ނިންމުން އަވަސްކުރުމުގެ ނަމުގައި ނުވަތަ ގިނަ މައްސަލަތައް ނިންމާކަމުގެ ޝަރަފުހޯދުމަށްޓަކައި ނުވަތަ ވަކި މުއްދަތެއްވީ މައްސަލައެއް ކޯޓުގައި ނުބޭއްވުމުގެ ނިޔަތުގައި، ޢަދުލްއިންސާފާމެދު ސުވާލު އުފެދޭ ގޮތަށް ސިވިލް ކޯޓުގެ ބައެއް ފަނޑިޔާރުން މައްސަލަތައް ނިންމާކަމުގެ ޝަކުވާ ކޮމިޝަނަށް ލިބެމުންދާތީ އެކަން ހައްލުކުރުމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ދެންނެވުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އަދި ސުޕްރީމް ކޯޓުގެ އެންގެވުމަށް ސިވިލް ކޯޓުގައި މިހާރު ޤާއިމު ކޮށްފައިވާ ޑިވިޜަންތަކަކަށް ބަހާލައިގެން މައްސަލަ ބަލާ އުޞޫލަކީ އެންމެ ރަނގަޅު އުޞޫލެއް ކަމުގައި ނުވާތީ، އެ ނިޒާމު މުރާޖަޢާކޮށް އިޞްލާޙުކުރުމުގެ މަސައްކަތް ފެށުމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ދެންނެވުމަށްވެސް ކޮމިޝަންގެ ބައްދަލުވުމުން ވަނީ ނިންމާފައެވެ.