ކ. މާލެ
|
23 އޭޕްރިލް 2019 | އަންގާރަ 12:42
ފެންކުންފުނީގެ ޗެއަރމަން މައުސޫމާއި، އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އާޒިމް
ފެންކުންފުނީގެ ޗެއަރމަން މައުސޫމާއި، އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އާޒިމް
ރާއްޖެއެމްވީ
އެމްއެމްޕީއާރްސީ ހިޔާނާތް
މައުސޫމާއި އާޒިމްގެ ސަސްޕެންޝަން ވެސް އުވާލައިފި
ދެބޭފުޅުންގެ ސަސްޕެންޝަން އުވާލީ އަންގާރަ ދުވަހު

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން އޭސީސީން އާންމު ކުރި ރިޕޯރޓްގައި ނަން ހިމެނޭ މޯލްޑިވްސް ވޯޓަރ އެންޑް ސެވެރޭޖް ކޮމްޕެނީގެ ޗެއަރމަން އަހުމަދު މައުސޫމާއި، އައިލެންޑް އޭވިއޭޝަންގެ ބޯޑް މެމްބަރު އަބްދުﷲ އާޒިމްގެ ސަސްޕެންޝަން އުވާލައިފިއެވެ. 

އެކަމާ ގުޅިގެން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، އެބޭފުޅުންގެ ސަސްޕެންޝަން އުވާލާފައިވަނީ އަންގާރަ ދުވަހު ކަމަށެވެ. 

ފެން ކުންފުނީގެ ޗެއާމަން އަދި އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު (މާލީ) އަހްމަދު މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް އެމްއެމްޕީއާރުސީގެ ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގައި އޭނާ ގޭގައި މަޑުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވަނީ ފެބްރުއަރީ މަހުގައެވެ. އެގޮތުން އޭސީސީގެ ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރުސީގެ ފައިސާ ވަދެފައިވާ މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކީ ސީޖީޓީ ޕްރައިވެޓް ލިމިޓެޑާއި އެމްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.

މިމައްސަލައާ ގުޅިގެން މައުސޫމް ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ ތެރޭގައި އޭނާއާ ދޭތެރޭ ނުބައި ތަސައްވަރެއް އުފެދިދާނެތީ ކަންބޮޑުވާ ކަމަށެވެ. އަދި މިއިން އެއްވެސް ކަމެއްގައި މައުސޫމްގެ ފަރާތުން ގާނޫނާއި ހިލާފަށް ނުވަތަ ކޮރަޕްޝަންއަށް މަގުފައިވާ ގޮތަށް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް މިބަޔާނުގައި ވަނީ ބުނެފައެވެ.

އޭގެ އިތުރުން، އާޒިމް ސަސްޕެންޑު ކުރީ، އެސްއޯއެފްގެ އެކައުންޓުން އޭނާގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވާ މައްސަލަ ބެލުމަށެވެ. 

މައުސޫމާއި އާޒިމްގެ ސަސްޕެންޝަން އުވާލުމާއެކު އަންގާރަ ދުވަހު ވަނީ ވަޒީފާއަށް ނުކުމެވަޑައިގެންފައެވެ. 

އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އޭސީސީން ހިންގި ތަހުގީގުގެ މައްޗަށް ބިނާކޮށް 776 ސަފްހާގެ ތަފްސީލީ ރިޕޯޓެއް އާންމުކޮށްފައިވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. 

 

 

 

- ކޮމެންޓް