ކ. މާލެ
|
13 ނޮވެންބަރ 2023 | ހޯމަ 09:48
މި ތުއްތު ކުއްޖާއަކީ ނޮވެމްބަރ 10 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލަށް އުފަންވި ކުއްޖެއް
މި ތުއްތު ކުއްޖާއަކީ ނޮވެމްބަރ 10 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލަށް އުފަންވި ކުއްޖެއް
ރޮއިޓާސް
ފަލަސްތީނު އިސްރާޢީލް ހަނގުރާމަ
އުފަންވި ގޮތަށް، ގާތުން ކިރުފޮދެއްވެސް ނުބޮއެ، ނުކުންނަން ޖެހުނީ ޤަތުލުޢާންމުގެ މައިދާނަށް: މައި ލަގޮނޑިއަށް ކެތްވާނެތަ؟
ދުނިޔެއަށް އުފަންވިތާ އެންމެ 6 ގަޑިއިރުވީ މާމަ ދަރިފުޅު ގޮވައިގެން އުއްމު ޙުސައިން 5 ގަނޑި އިރަށްވުރެ ގިނައިރު ހިނގާފައިވޭ
މަންމައާއެއެކެ އަރާމުކޮށް، އޮށޯވެ އޮވެލާނެ ފުރުޞަތެއްވެސް އެ ތުއްތު ދަރިފުޅަށް އޭރު ލިބިފައެއް ނުވޭ

ދަރިއަކު މި ދުނިޔެއަށް އުފަން ވާ ވަގުތަކީ ކޮންމެ ޢާއިލާއަކަށްވެސް އާދަޔާ ޚިލާފު އުފަލެއް އިޙްސާސް ކުރެވިގެން ދާ ވަގުތެކެވެ. ނަމަވެސް، ޔަހޫދީ އިޒްރޭލުގެ ލާއިންސާނީ މުށުތެރޭގައި ފިއްތާލާފައި އޮތް ޣައްޒާގެ ވާހަކަ ތަފާތެވެ. އުފަންވާ ތުއްތު ކުއްޖާއަށްވެސް މިއަދު ޣައްޒާގައި ޙިމާޔަތެއް، ރައްކާތެރިކަމެއް އަދި ސަލާމަތްތެރިކަމެއްވެސް ނެތެވެ. ދުނިޔެ އުޅެ އަހަރުތަކެއް ވެފައި ވާ މީހެކޭ އެއްފަދައިން، އެ މަޢުސޫމު ކުއްޖާއަށްވެސް މިއަދު މަޖުބޫރުވެފައި އޮތީ ހަނގުރާމައިގެ މައިދާނުގައި، ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކުރެވެން އޮތްހައި ކަމެއް ކުރާށެވެ. އެއީ މާމަގެ އުރުތެރޭގައި އޮވެގެން ކަމުގައި ވީ ނަމަވެސްއެވެ.

ޣައްޒާގެ އުތުރުގައި އިޒްރޭލުން އަދިވެސް ޙަމަލާތައް ގަދަ ކުރަމުން ދާ އިރު، އެތައް ހާސް ބަޔަކު ދަނީ ދެކުނު ޣައްޒާއަށް ބަދަލު ވަމުންނެވެ. އޭގެ ތެރޭގައި ހިމެނޭ އެކަކީ، މި ދުނިޔެއަށް ލޯހުޅުވާލިތާ އެންމެ 6 ގަޑިއިރުވި ތުއްތު އަންހެން ކުއްޖެކެވެ. އެ ތުއްތު ކުއްޖާ އުރާލައިގެން، ހަނގުރާމައިގެ މައިދާނެއްގައި، އެޔެއް މިޔެއް ބެލުމެއް ނެތި ޢަމާޒު ކުރަމުން ދާ ޙަމަލާތަކުގެ ތެރެއިން، ކަށީގައި ނެތް ހިތްވަރު ނެރެގެން އެ ދަނީ، މާމައެވެ. މައިވަންތަކަމުގެ ކުލުނާއި ލޯބީގެ ލާމަސީލު މިސާލު، މުޅި ދުނިޔެއަށް ދައްކައިދެމުންނެވެ.

މި ތުއްތު ކުއްޖާއަކީ ނޮވެމްބަރ 10 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލަށް އުފަންވި ކުއްޖެކެވެ. އަލް-ޝިފާ ހޮސްޕިޓަލަކީވެސް މިއަދު ހަނގުރާމައިގެ މައިދާނެކެވެ. ހަނގުރާމައެކޭ ދެންނެވުމަށްވުރެ އިންސާފުވެރި ގޮތަކަށް ވާނީ، އިޒްރޭލުގެ ޢަމާޒުފަތްގަނޑެކޭ ދެންނެވުމެވެ. ހަނގުރާމައަކީ ދެބައެއްގެ މެދުގައި ބަދަލުކުރާ ކުރުމެއްތާއެވެ. ޣައްޒާގައި އިޒްރޭލުން ކުރަމުން ދަނީ ހަނގުރާމައެއް ކަމަށް ބުނާނެ ޖާގައެއް ނެތެވެ. އެއީ ނަސްލެއް ދޮވެލާ، ބައެއްގެ ބިންތައް ފޭރިގަތުމަށް ހިންގާ ޤަތުލުޢާންމެކެވެ.

ދުނިޔެއަށް އުފަންވިތާ އެންމެ 6 ގަޑިއިރުވީ މާމަ ދަރިފުޅު ގޮވައިގެން އުއްމު ޙުސައިން ހިނގަމުން ދާތާ 5 ގަޑިއިރުވެއްޖެއެވެ. މާމަ ބުނި ގޮތުގައި މަންމަ ގާތުން ކިރުފޮދެއް ބޯލުމުގެ ނަޞީބުވެސް އެ ތުއްތު ދަރިފުޅަށް އަދި ނުލިބެއެވެ. ނުވިތާކަށް، މަންމައާއެއެކެ އަރާމުކޮށް، އޮށޯވެ އޮވެލާނެ ފުރުޞަތެއްވެސް އެ ތުއްތު ދަރިފުޅަށް އަދި ލިބިފައި ނުވާކަމަށްވެސް އުއްމު ޙުސައިން ކިޔައިދިނީ ނުހަނު ފުން އަސަރާއެކީގައެވެ.

މި ދަރިފުޅު ވިހެއީ ހެނދުނު 06:30ގަ. 9 ޖެހިއިރު އަހަރެމެން އެތަނުން ނުކުމެއްޖައިން. މަންމައާއި ތުއްތު ދަރިފުޅަށްވެސް އަރާމުކޮށްލަނެ ވަގުތެއް ނުލިބުނު. ގާތުން ކިރުފޮދެއް ބޯލާނެ ފުރުޞަތުވެސް މި ކުއްޖާފުޅަށް ނުލިބުނު... 09:30 އިން ފަށައިގެން ހިނގާތާ މިހާރު 5 ގަޑިއިރުވެއްޖެ. އަލް-ޝިފާ ހޮސްޕިޓަލުން ނުކުމެގެން އަހަރެމެން މި ހިނގަނީ. އަހަރެމެން ވަރަށް ވަރުބަލިވެއްޖެ. މީ ބޮޑު މުޞީބަތެއް ކަހަލަ ދަތުރެއް.
އުއްމު ޙުސައިން؛ ޣައްޒާގެ ރަށްވެއްސެއް

އަލް-ޝިފާ ހޮސްޕިޓަލަކީ ޣައްޒާގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލެވެ. ޔަހޫދީންގެ ޙަމަލާތައް މިހާރު މުޅިންހެންވެސް ޢަމާޒު ކުރަމުން ދަނީ ޣައްޒާގެ ޞިއްޙީ ފެސިލިޓީތަކަށެވެ. އަލް-ޝިފާ ހޮސްޕިޓަލަށް ސިލްސިލާ ގޮތެއްގައި ޙަމަލާތައް ދެމުން ދާ އިރު، ޣައްޒާގައި ހިންގާ އިންޑޮނީސިއަން ހޮސްޕިޓަލު ވަނީ ސުންނާފަތިކޮށްފައެވެ. ނާޞިރު ރަންތިއްސީ ޕީޑިއަޓްރިކް ކެންސަރ ހޮސްޕިޓަލުގައި އޮތީ ހުޅުޖަހާފައެވެ.

އަލް-ޝިފާ ހޮސްޕިޓަލަށް ޙަމަލާ ދިނީ އިޒްރޭލުން ކަމަކަށް ޔަހޫދީން އެއްބަހެއް ނުވެއެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި އެ ޙަމަލާއަކީ، ފަލަސްޠީނުގެ "ހަނގުރާމަވެރިން" ދިން މިސައިލް ޙަމަލާއެއް، ޢަމާޒުން ކަސިޔާރުވެގެން ދިއުމުގެ ނަތީޖާއެވެ.

އިޒްރޭލުގެ ޙަމަލާތައް އެންމެ ގަދައަށް ޢަމާޒު ކުރަމުންދާ ހޮސްޕިޓަލުތައް ހުރި އުތުރު ޣައްޒާގެ ސަރަޙައްދުގައި ޔަހޫދީންގެ ހަރަކާތްތައް ވަނީ އިތުރަށް މެކުހަށް ޖަހާފައެވެ. ޞިއްޙީ ޚިދުމަތްތެރިންނާއި ބަލި މީހުން ތިބި އަލް-ޝިފާ ހޮސްޕިޓަލަކީ، ގެދޮރު ގެއްލިފައި ވާ އެތައް ހާސް ބަޔަކު މިއަދު ވަގުތީ ހިޔާވަހިކަން ހޯދަމުންދާ ތަނެއްވެސްމެއެވެ. މީޑިޔާގައި ދައުރުވާ މަންޒަރުތަކުންވެސް އެކަން ސާފުވާއިރު، ޖާސޫސު ކުރުމުގައި އަރާ އޮތް ޔަހޫދީ އިޒްރޭލަށް އެކަން ނޭގޭންވީ ސަބަބެއް ނެތެވެ. އިޒްރޭލުގެ ޢުދުވާންތަކުގައި މަރުވެދިޔަ މީހުންގެ ޢަދަދު 15000 އިން މައްޗަށް އަރާފައި ވާ އިރު، އޭގެ ތެރޭގައި 5000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް