ފަލަސްތީނުގެ ހަމާސްއިން ހޮނިހިރު ދުވަހު އިތުރު ތިން އިސްރާއީލުގެ ރަހީނުން ދޫކޮށްލައިފިއެވެ.
މިއީ ޣައްޒާ ގައި 15 މަސް ދުވަހު ހިނގަމުން އައި ހަނގުރާމަ ނިންމުމަށް ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ދޫކޮށްލުމަށް ހަމަޖެހިފައވާ މީހުންގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދޫކޮށްލި ތިން މީހުންގެ ތެރެއިން ދެ މީހުން ދޫކޮށްލީ ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސް ގައެވެ. ތިން ވަނަ މީހާ ދޫކޮށްލީ ޣައްޒާ ސިޓީގެ ބަނދަރު ސަރަހައްދުގައެވެ.
މި ތިން މީހުން ވެސް ހަވާލު ކުރީ ރެޑްރޮސްގެ އޮފިޝަލުންނާ އެވެ. އޭގެ ފަހުން އެމީހުން ވަނީ އިސްރާއީލަށް ގެންގޮސްފައެވެ.
މި ތިން މީހުންގެ ބަދަލުގައި ޙަމާސް އިން ބުނާ ގޮތުގައި އިސްރާއީލުން 182 ފަލަސްތީނު ޤައިދީން މިނިވަން ކުރަން ޖެހޭނެއެވެ.
މި ދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ދޫކޮށްލެވުނު ފަސް ތައިލެންޑު މީހުންނާއެކު، މިހާތަނަށް 18 ރަހީނުން ވަނީ ހަމާސް އިން ދޫކޮށްލާފައެވެ. އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނު މީހުންގެ ތެރެއިން 400 މީހުން ދޫކޮށްލުމަށް އިސްރާއީލުން ވަނީ އެއްބަސްވެފައެވެ.
ހަމާސް އިން ބަންދުކޮށްފައި ބާކީ ތިބި ރަހީނުން ދޫކޮށްލުމާއި އިސްރާއީލު ސިފައިން ޣައްޒާ އިން ފޭބުމާ ބެހޭ ގޮތުން މި އެއްބަސްވުމުގެ ދެވަނަ މަރުޙަލާގެ ދަށުން މަޝްވަރާތައް އަންގާރަ ދުވަހުގެ ކުރިން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ މަރުޙަލާގައި، ހަމާސް އިން ބަންދުކޮށްފައި ވާ މީހުންގެ ތެރެއިން 33 ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ ފިރިހެނުންނާއި، ބަލިމީހުންނާއި، ޒަޚަމްވެފައިވާ މީހުން ދޫކޮށްލުމަށް ވަނީ ހަމަޖެހިފައެވެ.
މިސްރާއި ޤަޠަރުގެ މެދުވެރިވެގެން އެމެރިކާގެ އެހީތެރިކަމާއެކު އެއްބަސްވެވުނު ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ މަރުހަލާގެ ހަ ހަފްތާގެ ކަންކަން މިހާތަނަށް ވަނީ ރޭވިފައިވާ ގޮތަށް ކުރިއަށް ގޮސްފައެވެ. އެހެންނަމަވެސް އެއްބަސްވުމާ ޚިލާފުވިކަމަށް ދެ ފަރާތުން ވެސް އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުކުރާ ބައެއް ހާދިސާތައް ވަނީ ހިނގާފައެވެ.
އިސްރާއީލުން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ޙަމާސްއިން ދިން ކުއްލި ހަމަލާގައި 1,200 އެއްހާ މީހުން މަރުވެ، 250 އަށްވުރެ ގިނަ މީހުން ރަހީނުންގެ ގޮތުގައި ވަނީ ގެންގޮސްފައެވެ.
އެ ހަމާލާގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ އިސްރާއީލުން އާބާދީ ބޮޑު ޣައްޒާ ސްޓްރިޕް އަށް އަރާ އެތަނުގެ ބޮޑު ބައެއް ވަނީ ފުނޑުފުނޑު ކޮށްލާފައެވެ. އަދި ފަލަސްތީނުގެ ޞިއްޙީ އިދާރާތަކުން ބުނާ ގޮތުގައި 47,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން އިސްރާއީލުގެ ހަމަލާތަކުގައި ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.