ކ. މާލެ
|
13 ނޮވެންބަރ 2023 | ހޯމަ 10:18
ދާރް އައްޝިފާ ހޮސްޕިޓަލް - ޝިފާ ހޮސްޕިޓަލުގައި ހުރި އެމްއެސްއެފްގެ ޑރ ޢުބައިދު ވަނީ، ދުލުން ބަޔާން ކޮށްދެވެން އޮތް މިންވަރަކަށް، އެނާގެ އިޙްސާސްތައް ވަނީ، ފޯނު ކޯލަކުން ބޭރުކޮށްލާފައި
ދާރް އައްޝިފާ ހޮސްޕިޓަލް - ޝިފާ ހޮސްޕިޓަލުގައި ހުރި އެމްއެސްއެފްގެ ޑރ ޢުބައިދު ވަނީ، ދުލުން ބަޔާން ކޮށްދެވެން އޮތް މިންވަރަކަށް، އެނާގެ އިޙްސާސްތައް ވަނީ، ފޯނު ކޯލަކުން ބޭރުކޮށްލާފައި
ރޮއިޓާސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
"އަހަރެމެން އެކަނިވެއްޖެ... އަހަރެމެންނަށް އެހީ ބޭނުންވޭ": ޝިފާ ހޮސްޕިޓަލުގައި ހުރި ޑރ ޢުބައިދު
 
ޝިފާ ހޮސްޕިޓަލުގައި މިހާރު ތިބި ޑޮކްޓަރުންނަށް ކުރެވެމުން ދަނީ 'އެކަނިވެރިކަމުގެ' އިޙްސާސް ކަމަށް ޑރ ވަނީ ފާހަގަކޮށްފައި
 
އިޒްރޭލުން ވަނީ ޝިފާ ހޮސްޕިޓަލުގައި ތިބި ތުއްތު ކުދިން، 'ރައްކާތެރި' ހިސާބުތަކަށް ބަދަލު ކޮށްދޭނެ ކަމަށް ބުނެފައި

ދާރް އައްޝިފާ ހޮސްޕިޓަލަކީ 2.3 މިލިއަން މީހުންގެ އާބާދީއެއް، ޤައިދީންތަކަކަށް ވުރެވެސް ނިކަމެތި ޙާލުގައި ދިރިއުޅެމުންދާ ޣައްޒާގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލެވެ. ޣައްޒާގެ އުތުރުގެ ސަރަޙައްދުގެ އަވަށެއް ކަމަށް ވާ ރިމާލްގައި ހުންނަ ޝިފާ ހޮސްޕިޓަލަކީ މުޅި ޣައްޒާގެ މަރުކަޒީ ހޮސްޕިޓަލެވެ. ނަމަވެސް، ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ، ހުޅަނގުގެ ލޯތަކަށް ނުފެންނަ ޤަތުލުޢާންމެއް ހިންގަމުން ދާ ޔަހޫދީ އިޒްރޭލަށް އެކަން ނޭނގެނީތާއެވެ. އޮކްޓޯބަރު 7 ވަނަ ދުވަހުން ފަށައިގެން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ އަމާޒުފަތްގަނޑުތަކުގެ ލިސްޓުގެ އެންމެ ކުރީގައި މިއަދު އޮތީ ޝިފާ ހޮސްޕިޓަލެވެ.

އުތުރު ޣައްޒާގައި ޔަހޫދީންގެ ޙަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައި ވާ އިރު، މިއަދު ޝިފާ ހޮސްޕިޓަލުގައި ތިބީ ނިސްބަތުން މަދު ޢަދަދެއްގެ ޕޭޝަންޓުންނެވެ. އެމީހުންނަށްވެސް އެންމެ އެކަށީގެންވާ ގޮތުގައި ޞިއްޙީ ފަރުވާ ދެވޭނެ ފަދައެއް އެ ހޮސްޕިޓަލުގައި ނެތެވެ. އެންމެ ތުއްތު ކުދިންނަށް ބޭނުންވާ އިންކިއުބޭޓަރުތަކާއި، އައިސީޔޫ ވެންޓީލޭޓަރުތައް ވަނީ މުޅިންހެން ހުއްޓިފައެވެ. އެއީ ފުރާނަ ސަލާމަތް ކުރުމަށްޓަކައި، ބައެއް ޕޭޝަންޓުންނަށް މިއަދު ޛަރޫރީ ޢާލާތްތަކެއް ނަމަވެސް، ހެދޭނެ އިތުރު ގޮތެއް ނެތެވެ.

އިންސާނިއްޔަތަށް މަސައްކަތް ޞިއްޙީ ޚިދުމަތްތެރިންގެ ބައިނަލްއަޤުވާމީ ޖަމިއްޔާ (އެމްއެސްއެފް)ގެ އޮޕަރޭޝަން ޑޮކްޓަރެއް ކަމަށް ވާ މުޙައްމަދު ޢުބައިދުގެ ފޯނު ކޯލެއް، އެ ޖަމިއްޔާއިން ވަނީ ރެކޯޑް ކޮށްފައެވެ. ނޮވެމްބަރު 11 ވަނަ ދުވަހުގެ އެ ފޯނު ކޯލުގައި ޑރ ޢުބައިދު ވަނީ، ދުލުން ބަޔާން ކޮށްދެވެން އޮތް މިންވަރަކަށް، އެނާގެ އިޙްސާސްތައް ބޭރުކޮށްލާފައެވެ. އެގޮތުން ޝިފާ ހޮސްޕިޓަލުގައި މިހާރު ތިބި ޑޮކްޓަރުންނަށް ކުރެވެމުން ދަނީ 'އެކަނިވެރިކަމުގެ' އިޙްސާސް ކަމަށް ޑރ ޢުބައިދުގެ ފޯނު ކޯލުގައި ބުނެފައިވެއެވެ.

ޙާލަތު ވަރަށް ގޯސް. މުވާޞަލާތީ ގުޅުމެއް ނެތް. އިންޓަރނެޓެއް ނެތް. ބައެއް ފަހަރު އެބަ ޖެހޭ 4 ވަނަ ފްލޯރ އިންވެސް ފޯނު ގުޅާލަން. ހޮސްޕިޓަލު ތެރެއިން 4 ޕޭޝަންޓަކަށްވެސް ސްނައިޕަރުން ޙަމަލާ ދީފި. އެކެއްގެ ސީދާ ކަރަށް ވަޒަން އަރާފަ ހުރީ. އެއީ ހަތަރެސް ފައިގެ މަސައްކަތް ހުއްޓިފަ އޮތް މީހެއް. އަނެކެއްގެ ބަނޑަށް ވަޒަން އަރާފަ އޮތީ. ހޮސްޕިޓަލުން ބޭރަށް ނުކުމެ އުޅޭ ބައެއް މީހުންނަކީ، ދެކުނަށް ބަދަލުވާން ބޭނުންވެގެން ނުކުންނަ މީހުން. އެމީހުންގެ ގަޔަށްވެސް އެބަ ބޮން އަޅާ. ޢާއިލާއެއްގެ ބޮލަށްވެސް މިއަދު ހެނދުނު ބޮން އަޅައިފި. ކަރަންޓެއް ނެތް. ފެނެއް ނެތް. ކާނެއެއްޗެއް ނެތް. އަހަރެމެންގެ ޓީމު މިއޮތީ މުޅިން ވަރުބަލިވެފަ.
ޑރ މުޙައްމަދު ޢުބައިދު؛ ޝިފާ ހޮސްޕިޓަލުގައި ހުރި އެމްއެސްއެފްގެ ސަރޖަންއެއް

ވަޔާއި އެއްގަމު މަގުން ޔަހޫދީންގެ ޙަމަލާތައް ވަރުގަދަ ކުރަމުން ދާ އިރު، ފުރާނަ ގެއްލިދިޔަ މީހުންގެ ޢަދަދު 15000 އަށް އަރައެވެ. އޭގެ ތެރޭގައި 5000 އަށް ވުރެ ގިނަ ކުޑަ ކުދިން ހިމެނެއެވެ. ސީދާ ޙަމަލާއެއްގެ ޝިކާރައަކަށް ނުވި ކަމުގައި ވީ ނަމަވެސް، އިޒްރޭލުން ކުރިމަތި ކުރަމުން ދާ ފިއްތުންތަކުގެ ސަބަބުން މި ދުނިޔެއާ ވަކިވެދާ ކުދިންގެ ޢަދަދުވެސް މަދެއް ނޫނެވެ. ޣައްޒާގައި ކުރަމުންދާ 'ހަނގުރާމަ'އަކީ ޓެރަރިސްޓުންނާ ދެކޮޅަށް، އަމިއްލަ ނަފުސުގެ ދިފާޢުގައި ކުރާ ހަނގުރާމައެއް ކަމަށް އިޒްރޭލާއި، އިޒްރޭލަށް އެއްބާރުލުން ދޭ ޤައުމުތަކުން ބުނާއިރު، އިންސާނަކަށް ވީތީ ލިބިދޭންޖެހޭ ދިރިހުރުމުގެ ޙައްޤުން، ޣައްޒާގެ ތުއްތު ކުދިން މަޚްރޫމު ކޮށްފައި ވާ ކަމީ އޮޅުވާލެވެން އޮތް ޙަޤީޤަތެއް ނޫނެވެ.

ތުއްތު 2 ކުއްޖަކު މަރުވެއްޖެ، އިންކިއުބޭޓަރު މަސައްކަތް ނުކުރާތީ. ކަރަންޓެއް ނެތްވިއްޔާ. އައިސީޔޫގަ އޮތް ބޮޑު މީހަކުވެސް މަރުވެއްޖެ. ކަރަންޓު ނެތިގެން، ވެންޓިލޭޓަރު ހުއްޓިގެން. ހޮސްޕިޓަލު ސަރަޙައްދުން ދުންގަނޑު އަރައިގެން ދާ މަންޒަރުވެސް އެބަ ފެނޭ އަހަރެމެންނަށް. ކުރިންވެސް ބުނިހެން، ޙާލަތު ވަރަށް ގޯސް. މުޅިންހެން ޔަޤީންވެއްޖެ، އަހަރެމެން އެކަނިކަން މިތާ މިތިބީ. އެއްވެސް މީހަކަށް އަހަރެމެންގެ އަޑެއް ނީވޭކަން. އަހަރެމެން ބޭނުންވަނީ، ރައްކާތެރި ހިސާބުތަކަށް، ސަލާމަތްތެރިކަމާއެކު ޕޭޝަންޓުން ބަދަލު ކުރެވިދާނެ ކަމުގެ ޔަޤީންކަން، ކޮންމެވެސް މީހަކު އަހަރެމެންނަށް ދޭން.
ޑރ މުޙައްމަދު ޢުބައިދު؛ ޝިފާ ހޮސްޕިޓަލުގައި ހުރި އެމްއެސްއެފްގެ ސަރޖަންއެއް

ޙަޤީޤަތުގެ މައްޗަށް ފަސް އަޅާ އޮއްބާލުމަށްޓަކައި އިޒްރޭލުން ވަނީ ޝިފާ ހޮސްޕިޓަލުގައި ތިބި ތުއްތު ކުދިން، 'ރައްކާތެރި' ހިސާބުތަކަށް ބަދަލު ކޮށްދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ފަލަސްޠީނުގެ އޮފިޝަލުން ވިދާޅުވީ، ހޮސްޕިޓަލު ތެރޭގައި އެތައް ބަޔަކު ތާށިވެފައި ވާ ކަމަށެވެ. އުފަންވި ތުއްތު 2 ކުއްޖަކު މަރުވެފައި ވާ އިރު، ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި އޮތުމާއި، ޙަމަލާތައް ވަރުގަދަ ކުރުމުގެ ސަބަބުން، އިތުރު އެތައް ކުދިންނެއްގެ ފުރާނައަށް ނުރައްކާ ވެފައި ވާ ކަމަށްވެސް ފަލަސްޠީނުގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

މި ހޮސްޕިޓަލުގަ އެޑްމިޓްކޮށްފަ އެބަތިބި 600 އެއްހާ ޕޭޝަންޓުން، ޞިއްޙީ ފަރުވާ ކޮންމެހެން ބޭނުންވާ މީހުން. ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ކޮންމެހެން ޖެހޭ މީހހުން. މައްސަލައަކީ، ތުއްތު ތުއްތު ޕޭޝަންޓުން، ރައްކާތެރިކަމާއެކު އިވަކުއޭޓް ކުރެވިދާނެ ކަމުގެ ޔަޤީންކަން ބޭނުން ވާތީ. 40 އަކަށް ތުއްތު ކުދިން އެބަތިބި. ދުވަސް ނުފުރާ ވިހާފަތިބި ތުއްތު ކުދިން. އައިސީޔޫގަ އެބަތިބި އިތުރު 17 ޕޭޝަންޓުން. އޮޕަރޭޝަންތަކަށް ފަހު އެޑްމިޓްކޮށްފަ ތިބި 600 އެއްހާ ޕޭޝަންޓުން އެބަ އުޅޭ. ޙާލަތު ވަރަށް ގޯސް. އަހަރެމެންނަށް އެހީ ބޭނުންވޭ.
ޑރ މުޙައްމަދު ޢުބައިދު؛ ޝިފާ ހޮސްޕިޓަލުގައި ހުރި އެމްއެސްއެފްގެ ސަރޖަންއެއް

މިއީ ހަމައެކަނި ޝިފާ ހޮސްޕިޓަލުގެ ޙާލެއް ނޫނެވެ. ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލުމަށް ކަމަށް ބުނެ އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމު، މަހަކަށް ވުރެ ދިގުލައިގެން ގޮސްފައި ވާ އިރު، ބަލި މީހުންނަށް ފަރުވާ ދިނުމަށް ޣައްޒާގެ ހޮސްޕިޓަލުތައް ވަނީ ނުކުޅެދިފައެވެ. ވަރުގަދަ ކުރަމުން ދާ ޙަމަލާތަކުގައި ޒަޚާމްވާ މީހުންގެ ޢަދަދު، ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރު ވަމުންނެވެ.

ޙަމަލާތައް ދިނުމުގައި އެޔެއް މިޔެއް ނުބެލުމުގެ ނަތީޖާއެއްގެ ގޮތުން، ބޮޑެތި ޒަޚަމްތަކާއި ކުރިމަތިވެ، ޢުމުރު ދުވަހަށް ނުކުޅެދޭ ޙާލަތަށް ބަދަލުވެފައި ވަނީ ޢާންމު ރައްޔިތުންގެ ދިރިއުޅުމެވެ. ޔަތީމުވެ، ބިކަވެފައި ވަނީ ކުށެއް ނެތް، އެތައް ކުދިންނެކެވެ.

2007 ވަނަ އަހަރުން ފެށިގެން ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ޙަމާސް ޖަމާޢަތުގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު، އަޝްރަފް އަލް-ޤިދްރާ، ޝިފާ ހޮސްޕިޓަލު ތެރޭގައި ހުންނަވާ، ރޮއިޓާޒްއަށް ވިދާޅުވީ، ފާއިތުވީ ރޭގެ ވަގުތުގައި އިޒްރޭލުގެ ސީދާ ޙަމަލާއެއް ހޮސްޕިޓަލަށް ޢަމާޒު ނުކުރި ކަމުގައި ވީ ނަމަވެސް، ޞިއްޙީ އޮފިޝަލުންނާއި ޢާންމު ރައްޔިތުން ބިރު ގެންނެވުމުގެ ޓެރަރިސްޓް ޖަރީމާތައް ހިންގާފައި ވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް