ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ކާމިޔާބު ކޮށްދިނުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް އެގޮތަށް ވިދާޅުވީ ރައީސް ޔާމީންގެ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ލޯންޗު ކުރުމަށް ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ފަރާތުން ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދޭންޖެހެނީ ކޮންމެހެން ޕީޕީއެމްގެ މުސްތަޝާރަށް ވުމުން ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް ވުމުން ނޫން ކަމަށާއި މިވޭތުވެދިޔަ ކުރު ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްގީއަށް ކޮށްދެއްވާފައިވާ އަދި ކުރަމުންދާ ބުރަ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.
އަބްދުރަޙީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވީ 2013 ވަނަ އަހަރު ކަމަށާއި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ އޮތީ އޮންނަންޖެހޭ ހާލަތަށް ވުރެ ދަށު ދަރަޖައެއްގައި ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގެ ތިން އަހަރު މި ސަރުކާރުން ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ހިންގައި ތަރައްގީ ގެންނަމުންދާ ކަމަށާއި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބޮޑު މަޝްރޫއެއް ނުވަތަ ދެ މަޝްރޫއު ނުހިންގާ ހަމަ އެންމެ ރަށެއް ވެސް ނުހުންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ކާމިޔާބީގެ ފަހަތުގައި ހުންނެވީ އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްދީދީ ކަމަށާއި އެކަމަނާއަކީ ރާއްޖޭގެ ފަސްޓް ލޭޑީންގެ ތެރެއިން އެންމެ ހީވާގި އަދި ކާމިޔާބު ފަސްޓް ލޭޑީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.