ޗައިނާގެ މަޝްހޫރު ތަރި ވިކްޓަރ މާ، ފުވައްމުލަކުގައި ކަނޑުއަޑީގެ ކުރު ފިލްމެއްގެ މަންޒަރުތައް ނަގައިފި އެވެ.
މިއީ ކަނޑުއަޑީގެ ދިރުންތައް ހިމާޔަތް ކުރުމާއި ރައްކައުތެރިކުރުމާ ބެހޭ ހޭލުންތެރިކަން އިތުރު ކުރުމަށް އުފައްދާ ފިލްމެއް ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެއެވެ.
މި ފިލްމް އުފައްދަނީ ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިންގ އިންސްޓްރަކްޓަރސް (ޕީއޭޑީއައި) އާއި ޗައިނާގެ މަޝްހޫރު ތަރި ވިކްޓަރ މާ އަދި ޓައިގަރ ޝާކް ރެސިޑެންސް އާއި އެމްއެމްޕީއާރުސީ އާއި ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން ގުޅިގެން ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.
28 އަހަރުގެ ޗައިނާގެ އެކްޓަރު، ލަވަކިޔުންތެރި އަދި ކިއުރޭޓަރު ވިކްޓަރ މާ އަށް މަޝްހޫރުކަން ލިބުނީ 2017 ވަނަ އަހަރު "ދަ ކަމިންގ ވަން" ޓެލެންޓް ޝޯގައި ރަނަރ-އަޕްގެ ގޮތުގައެވެ. އޭގެ ފަހުން، އޭނާގެ އަމިއްލަ މިއުޒިކާއި، ހަރަކާތްތެރި ޕަރފޯމަންސްތަކުން އޭނާ އަށް ގިނަ ބައެއްގެ ތައުރީފް ލިބިފައިވެއެވެ. ޗައިނާގައި އޭނާގެ ފޭން ބޭސް 16 މިލިއަނަށް ވުރެ ގިނަ ކަން ފާހަގަ ކުރެވެއެވެ.