ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 15:04
ރޭކާ - އިންޑިއާގެ ފިލްމީ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަޚްޞިއްޔަތު
ރޭކާ - އިންޑިއާގެ ފިލްމީ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަޚްޞިއްޔަތު
ގެޓީ އިމޭޖަސް
ރޭކާ
ބޮލީވުޑްގެރާނީ ރޭކާއަށް 70 އަހަރު: އަދި ވެސް އެފަދަ ދެވަނަ އެއް ނެތް
ފިލްމު ސްކްރީނުން ރޭކާ ނުފެނުނު ކަމުގައި ވީނަމަވެސް، މިހާރުވެސް އެވޯޑު ހަފްލާއަކުން ވިޔަސް، ޓީވީ ޝޯވ އަކުން ވިޔަސް، ނޫން ނަމަ އެނޫން ތަނަކުން ވިޔަސް ރޭކާ ފެންނަ ކޮންމެ ފަހަރަކީ އިންޓަރނެޓުގައި އޭނާ ވައިރަލްވާ، އަދި އެންމެންގެ ސަމާލުންކަން އޭނާއަށް ހުއްޓޭ ވަގުތެކޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ.

ރެކާއަކީ އިންޑިއާގެ ފިލްމީ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތުތަކުގެ ތެރެއިން އެކެކެވެ. އޭނާއަކީ އިންޑިއާގެ އަންހެން ފިލްމީ ތަރިންނަށް މަގުދައްކައިދިން، އަދި އެތައް ބައެއް ހިތްތަކާއި ކުޅެލުމުގެ އިތުރުން މީޑިއާގެ ސަމާލުކަން ހޯދި ކުޅަދާނަ ފިލްމް ސްޓާރެކެވެ.

1970 ގެ އަހަރުތަކުގައި، ރެކާގެ ކާމިޔާބީގެ ވާހަކަ ވަރަށް ފުޅާ ދާއިރާއެއްގައި ދެކެވުނެވެ. އެއީ ދެކުނު އިންޑިއާއިން އައިސް، ހިންދީ މަސް އެއްގޮތަކަށްވެސް ނުދަނެ ބޮލީވުޑަށް ވަދެ، އޭގެ ފަހުން އުރުދޫ އަދި ހިންދީ ބަހުން ފަސޭހަކަމާއެކު މުޢާމަލާތްކުރަން ދަސްކޮށް، އިތުބާރާއެކު ހުންނަ، ނޭޝަނަލް އެވޯޑް ހާސިލުކުރި ޝަރަފުވެރި، ހިތްވަރުގަދަ ތަރިއަކަށް ބަދަލުވުމުގެ ހައިރާންކުރުވަނިވި ދަތުރުގެ ވާހަކައެވެ.

އެހެން ނަމަވެސް، މީޑިއާގެ ފަރާތުން އޭނާގެ އަމިއްލަ ދިރިއުޅުމަށް ދޭ ހައްދުފަހަނައަޅާފައިވާ ސަމާލުކަމުގެ ސަބަބުން، ފާއިތުވި އަހަރުތަކުގައި ފިލްމު ކުޅުމުން ދުރުވެ، އަމިއްލަ ޒާތީ ދިރިއުޅުން ރައްކާތެރިކުރުމަށް އިސްކަންދޭން ޖެހުނެވެ.

ރޭކާގެ ޒުވާން ދުވަސްވަރުގެ ފޮޓޯއެއް - ގޫގުލް

މިއާއެކުވެސް މީޑީއާގެ ފަރާތުން އޭނާއަށް ކުރިމަތިވާ އުނދަގޫތައް އިތުރަށްވީ ބޮޑުކަމަށް ރޭކާ ވަނީ ފާހަގަކޮށްފައެވެ. ފިލްމު ކުޅުމާ ދުރަށްޖެހި، މީޑިއާގެ ސަމާލުކަން އޭނާ ހޯދަން ނޫޅޭ ވަރަކަށް، އޭނާއާ ބެހޭ އިތުރު މައުލޫމާތުތައް ހޯދުމަށް މީހުންގެ ޝައުޤުވެރިކަން އިތުރުވަމުންދާކަމަށް އޭނާ ވަނީ ތަކުރާރުކޮށް ބުނެފައެވެ.

ފިލްމު ސްކްރީނުން ރޭކާ ނުފެނުނު ކަމުގައި ވީނަމަވެސް، މިހާރުވެސް އެވޯޑު ހަފްލާއަކުން ވިޔަސް، ޓީވީ ޝޯވ އަކުން ވިޔަސް، ނޫން ނަމަ އެނޫން ތަނަކުން ވިޔަސް ރޭކާ ފެންނަ ކޮންމެ ފަހަރަކީ އިންޓަރނެޓުގައި އޭނާ ވައިރަލްވާ، އަދި އެންމެންގެ ސަމާލުންކަން އޭނާއަށް ހުއްޓޭ ވަގުތެކޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ.

1954 ވަނަ އަހަރު ޗެންނައި (އޭރުގެ މަދްރާސް) އަށް އުފަން ބަނޫރޭކާގެ އަށް، އޭނާގެ މަންމަ ފިލްމީތަރި ޕުޝްޕާވަލީގެ ދަތި އުދަނގޫ ހަޔާތުގެ އަސަރު ވަރަށް ފުންކޮށް ކުރިއެވެ. އަދި އޭނާ ޅައުމުރުގެ ދުވަސްވަރު ބައްޕަ، ތަމަޅަ ފިލްމީ ތަރި، ޖެމިނީ ގަނޭޝަންގެ އަޅާލުން ނުލިބުމުގެ ސަބަބުން އޭނާގެ ޅައުމުރުގެ ހަޔާން ވޭތުކުރަން ޖެހުނީ މަންމަ އެކޭ އެއްގޮތަށް ހިތްދަތިކަން މަތީގައެވެ.

އާއިލާ ގައި ހުރި މާލީ ދަތިތަކާ ހެދި، ޒުވާން އުމުރުގައި އޭނާ އެކްޓިންގ ދުނިޔެއަށް ނިކުތެެވެ. ހިންދީ ސިނަމާގެ މަރުކަޒު ކަމުގައިވާ ބޮމްބޭ (މިހާރުގެ މުންބާއީ)ގައި، އޭނާއަށް މުޅިން އާ ބަހުރުވައަކާއި، ފިރިހެނުންގެ ނުފޫޒު ގަދަ ދާއިރާއެއްގައި މަސައްކަތްކުރަން މަޖުބޫރުވިއެވެ.

ފިލްމީ ދާއިރާއަށް އޭނާ ނިކުތް ފުރަތަމަ ދުވަސްތައް ސިފަކުރަމުން ރޭކާ ބުނެފައިވަނީ "ބޮމްބޭ އަކީ ޖަންގަންޏެއް ކަހަލަ ތަނެއް ކަމަށާއި އޭނާއަށް އެތަނަށް ވަދެވުނީ އަމިއްލަ ދިފާއަށް އެއްވެސް ހަތިޔާރެއް ނެތި،" ކަމަށެވެ.

އެދުވަސްތަކަކީ އޭނާގެ ހަޔާތުގެ އެންމެ ބިރުވެރި ދުވަސްތަކުގެ ގޮތުގައި ސިިފަކުރަމުން ރޭކާ އިތުރަށް ބުނީ "އޭރު އޭނާ ހުންނަ ނާޒުކުކަމުގެ ނާޖާއިޒު ފައިދާ ނަގަން އެތައް ފިރިހެނުންނެއް މަސައްކަތްކުރި،" ކަމަށެވެ.

ފިލްމީ ދުނިޔޭގައި އޭނާ މަޝްހޫރުވަމުން އައި ފުރަތަމަ ދުވަސްކޮޅު، އޭނާގެ ހަށިގަނޑާއި ސިފައާ ގުޅޭ ގޮތުން އެކި މީހުން އޭނާ އަށް ދިމާކުރަން ފެށިއެވެ. އެގޮތުން މަޝްހޫރު މީހުންނާއި، މީޑިއާގެ އިތުރުން އާންމުގެ ތެރެއިން ވަރަށް ގިނަ ބަޔަކު އޭނާގެ ބަރުދަނާއި ހަމުގެ ކުލައަށް ފާޑުކިޔައި މަލާމާތްކުރިއެވެ.

2018 ވަނަ އަހަރުގެ އައިފާ އެވީޑްސްގައި ރޭކާ ނަށަނީ - ގެޓީ އިމޭޖަސް

1970 ގެ އަހަރުތަކުގައި އިންޑިއާގައި ދުވަހަކުވެސް އަޑުއިވިފައިނުވާފަދަ ސާފު އިންޓަވިއުތަކާއި ބަޔާންތަކާއެކު، ރެކާ ވަނީ ގޮސިޕް މަޖައްލާތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދާފައެވެ.

ރޭކާގެ ސިފައަށާއި ހަށިގަނޑަށް މީގެ ކުރިން ފާޑުކިއުން އަމާޒުވި ނަމަވެސް ދުޅަހެޔޮކަމާއި، ރީތިކަމަށް މުޖުތަމައު ދެކޭ މިންގަނޑުތައް އަލުން މާނަކުރުމަށްފަހު، ހުރިހާ ނަސްލެއްގެ ސްޓާރުންނަށްވެސް ހަމަހަމަ ފުރުސަތު ލިބޭ ދާއިރާއެއް އޭނާ އުފެއްދިއެވެ.

ރޭކާގެ ކާބިޔާބީގެ އެއް ސިއްރަކީ އޭނާއަށް ލިބިފައިވާ ރީތިކަމާއެކު، ފަންނުވެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ތަމްސީލުކުރުމުގެ ހުނަރު އިތުރަށް ތަރައްޤީކުރުން ކަމަށް އޭނާ ބުނެއެވެ.

ފާޑު ކިޔުންތެރިން އޭނާގެ އެކްޓިންގެ ކުޅަދާނަކަން ސިފަކޮށްފައިވަނީ ކޮންމެ ރޯލަކަށް ވެސް ފިޓު ސްޓާރެއްގެ ގޮތުގައެވެ. އެގޮތުން، 1978 ވަނަ އަހަރު ނިކުތް ފިލްމު 'ގަރް' ގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވީ މީހެއްގެ ނަފްސާނީ ޙާލަތު ވަރަށް މޮޅަށް އޭނާ ދައްކުވައިދިނެވެ. މީގެ އިތުރުން 1980 ވަަނަ އަހަރު ނިކުތް ފިލްމު 'ޚޫބްސޫރަތު' ގައި އޭނާ ކުޅެފައިވަނީ ކޮމެޑީ ރޯލެކެވެ. މިހުރިހާ ފިލްމު ތަކެއްގެ ތެރެއިންވެސް މީހުންގެ މެދުގައި އެންމެ މަޤްބޫލުވެގެންދިޔަ ފިލްމަކަށް ވެފައިވަނީ 1981 ވަނަ އަހަރު ނިކުތް ފިލްމު 'ސިލްސިލާ' އެވެ. ހަމައެއާއެކު، އެނާގެ ފިލްމީ ކެރިއަރު މުޅިން ބަދަލުކޮށްލި ފިލްމު ކަމުގައިވާ 'އުމްރާއޯ ޖާން' ގައި އޭނާ ކުޅުނު ރޯލަށް އިންޑިއާގެ އެންމެ މަޝްހޫރު އަންހެން ފިލްމީ ތަރީގެ ގޮތުގައި ޤައުމީ އެވޯޑު ލިބުނެވެ.

އާޓްހައުސް ސިނެމާއަށް އޭނާ ކުޅުނު ފިލްމުތަކުން އޭނާގެ ހުނަރުވެރިކަން ފެނިގެންދިޔައެވެ. ކަލްޔުގް (1981)، އުތްސަވް (1984) އަދި އިޖާޒަތް (1987) ފަދަ ފިލްމުތަކުގައި އޭނާ ދެއްކި ފުރިހަމަ ތަމްސީލުން މިކަން ސާބިތުކޮށްދިނެވެ. ޚޫން ބަރީ މާންގް (1988) ފަދަ ބްލޮކްބަސްޓަރ އެކްޝަން ފިލްމުގައި އޭނާގެ ހުނަރުވެރިކަމާއި ކުޅަދާނަކަން ފުރިހަމައަށް ފެނިގެންދިޔައެވެ.

މަޝްހޫރު ފިލްމު 'ސިލްސިލާ' ގެ މަންޒަރެއް - ގޫގުލް

އެކި ބާވަތުގެ ފިލްމުތަކާއި ތަފާތު ކެރެކްޓަރުތަކަށް ފަސޭހަކަމާއެކު ބަދަލުވުމުގެ ޤާބިލުކަމަކީ އޭނާގެ ކެރިއަރގެ ޚާއްޞަ ސިފައެކެވެ. ރޭކާ އަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި އިންގިލާބެއް ގެނެސްދިން ތަރިއެކެވެ. އޭނާ އަމިއްލަ ވާހަކަތައް އަމިއްލައަށް ކިޔައިދީ، އަމިއްލަ ޝަޚްޞިއްޔަތެއް ބިނާކޮށް، ޙައްޤު ގޮތުގައި ފިލްމީ ދުނިޔޭގެ ރާނީއަކަށް ވެގެންދިޔައެވެ.

1990 ގައި ރޭކާ، މަޝްހޫރު ވިޔަފާރިވެރިއެއް ކަމުގައިވާ މުކޭޝް އަގަރްވާލްއާ ކައިވެނިކުރި އެވެ. ނަމަވެސް، ދެމަފިރިން ވަރަށް އަވަހަށް ވަކިވިއެވެ. ހަމަ އެ އަހަރު، އޭނާ އެމެރިކާގައި ޕްރޮގްރާމެއްގެ މަސައްކަތުގައި އުޅެނިކޮށް، އޭނާގެ ކުރީގެ ފިރިމީހާ މުކޭޝް އަމިއްލައަށް މަރުވިއެވެ. އަދި އޭނާ އެނބުރި އިންޑިއާ އަށް އައި އިރު 'މުކޭޝްގެ އަމިއްލައަށް މަރުވުމުގެ ފަހަތުގައިވާ ނުރައްކާތެރި ޙަޤީޤަތް' އަދި 'ކަޅު ހުވަފަތް' ފަދަ ސުރުޚީތައް އޭނާ އަށް އަމާޒުކޮށް ވަނީ މުޅި މީޑިއާގައި ފަތުރާފައެވެ.

ރޭކާ އޭނާގެ ކުރީގެ ފިރިމީހާ މުކޭޝް އަގަރްވާލް އާއެކު - ގެޓީ އިމޭޖަސް

މިކަމާ ގުޅިގެން އެދުވަސްވަރު ޕްރޮމޯޓު ކުރަމުން އައި އޭނާގެ ފިލްމު 'ޝޭޝްނާގް' (1990) ގެ ޕޯސްޓަރުތައް އާންމުން ނިކުމެ ހަލާކުކޮށް، ފިލްމީ ދުނިޔެއިން އޭނާ އެކަހެރިކުރެވުނެވެ.

އެއަށްފަހު، ކުޑަ ދުވަސްކޮޅަކު ފިލްމު ކުޅުމާއި ދުރުގައި ހުރުމަށްފަހު، 1991 ވަނަ އަހަރު ބޮކްސް އޮފީހުގައި ހިޓްވި ފިލްމު 'ފޫލް ބަނޭ އަންގާރޭ' އިން ރޭކާ އަނެއްކާވެސް މީހުންގެ ހިތްތައް ދަމައިގަތެވެ.

އެދުވަސްވަރު ރޭކާ އާ ބެހޭގޮތުން މީޑީއާގައި ދެކެވުނު ވާހަކަތަކަށް ރައްދުދެމުން ބީބީސީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ މީޑިއާއިން އަބަދުވެސް އެމީހުން ބޭނުން އެއްޗެއް ލިޔެ، ކަންކަމަށް އަމިއްލަ މަސާލަ އިތުރުކުރާނެ ކަމަށާއި، ދެކެވުނު ވާހަކަތަކަށް ވަރަށް ރުޅިއައި އަދި ހިތްދަތިވި ނަމަވެސް އެފަދަ ކޮންމެ ފަހަރަކު އަހަރެން އާންމުކޮށް އެއްވެސް އެއްޗެއް ނުބުނެ ހުންނަނީ ކަމަށެވެ.

ރޭކާއަށް އަބަދުވެސް މީޑިއާގެ ފިއްތުންތައް ކުރިމަތިވޭ - ގެޓީ އިމޭޖަސް

އޭގެ ފަހުން، އޭނާގެ އަމިއްލަ ދިރިއުޅުމާ ބެހޭ މަޢުލޫމާތު މަދުވެ، ފިލްމުތަކުގައި ފެނުން މަދުވެގެން ގޮސްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް