ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 06:14
2024، އޮކްޓޯބަރ 9 ވަނަ ދުވަހު ލުބުނާންގެ ވަރްދާނިޔާ އަވަށުގައި ހުރި އިމާރާތަކަށް އިޒްރޭލުން ދިން ހަމަލާއަށް ފަހު އެ ސަރަޙައްދު ބަލައި ފާސްކުރަނީ
2024، އޮކްޓޯބަރ 9 ވަނަ ދުވަހު ލުބުނާންގެ ވަރްދާނިޔާ އަވަށުގައި ހުރި އިމާރާތަކަށް އިޒްރޭލުން ދިން ހަމަލާއަށް ފަހު އެ ސަރަޙައްދު ބަލައި ފާސްކުރަނީ
ރޮއިޓާސް
ޣައްޒާ ހަނގުރާމަ
ބުދަ ދުވަހު އިޒްރޭލުން ޣައްޒާ ގައި މަދުވެގެން 64 ފަލަސްތީން މީހުން ޝަހީދު ކޮށްލައިފި
ބުދަ ދުވަހު ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ބާރުތަކުން މަދުވެގެން 4 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދު ކޮށްލާފަ
ޚަބަރުގެ އޯޑިއޯ

ޣައްޒާ އަށް އިޒްރޭލުގެ އަނިޔާވެރި ސިފައިން ބުދަ ދުވަހު ދިން ހަމަލާތަކުގައި މަދުވެގެން 64 ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެއްޖެއެވެ. ޣައްޒާގެ އުތުރުގެ ސަރަހައްދުތައް ހިސާރު ކޮށް އިޒްރޭލު ސިފައިންގެ ބާރުގެ ދަށުގައި އެ ސަރަހައްދު އޮންނަތާ 6 ދުވަސް ފާއިތުވެގެން ދިޔައިރު، ވަގުތީ ހިޔާވަހިކަމުގެ ގޮތުގައި އދ އިން ބަލަހައްޓާ ސްކޫލްތައް ބަންދުކުރަން މަޖުބޫރުވެ، އެ ސަރަހައްދުގެ ހޮސްޕިޓަލްތައްވެސް ވަނީ ބަންދުކޮށްފައެވެ. އެއާއެކު މުޅި ސަރަހައްދުގެ އިންސާނީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަނެއްކޮޅުން އިޒްރޭލުން ހިސޯރުކޮށްފައިވާ ހުޅަނގު އައްސޭރީގައި، އިޒްރޭލުގެ ބާރުތަކުން މަދުވެގެން 4 ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދު ކޮށްލާފައެވެ.

އިޒްރޭލުގެ ސިފައިން ލުބުނާނަށް ދޭ ހަމަލާތައްވެސް ބުދަ ދުވަހުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ދެކުނުގެ ވަރްދާނިޔާ އަވަށުން މަދުވެގެން 5 މީހުން މަރާލައި، އަދި ޓަޔަރު ސަރަޙައްދުގައި 5 ޕެރަމެޑިކުން ވަނީ މަރާލާފައެވެ.

އިޒްރޭލުން މެޑިކަލް އޮފިޝަލުންނަށް އަމާޒުކޮށް ދިން މިހަމަލާ ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ލުބުނާނުގެ އޮފިޝަލުން ބުނެފައިވަނީ އިޒްރޭލުން ގަސްދުގައި ސިއްހީ އޮފިޝަލުންނަށާއި އެމްބިއުލާންސްތަކަށް އަމާޒުކޮށް އަންނަނީ ހަމަލާތައް ދެމުން ކަމުގައެވެ.

އެ ވުޒާރާއިން ބުނީ ސިއްހީ އޮފިޝަލުންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން "ހަނގުރާމައިގެ ބިރުވެރިކަން އިތުރު ގުނައަކަށް ބޮޑުވެގެންދާ ކަމަށާއި އިޒްރޭލުން ދޭ މިފަދަ ހަމަލާތައް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލި ގޮވުން" އައުކުރާ ކަމަށެވެ.

ޣައްޒާގައި 2023 އޮކްޓޯބަރުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 42,010 ށް ވަނީ އަރާފައެވެ. މީގެ އިތުރުން 97,720 މީހުން އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް