ރައީސް ޢަބްދުﷲ ޔާމީންގެ އަމިއްލަ ސިޔާސީ ހަރަކާތްތަކުގައި ދައުލަތާއި ދައުލަތުގެ ކުންފުނިތައް ބޭނުންކުރުން ކުށްވެރިކުރައްވާކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފިއްތުންތަކާހުރެ އަމިއްލައަށް އަރުވާލެވިގެން އިންގިރޭސިވިލާތުގައި ހުންނެވި ޑރ ޖަމީލް ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ "ދައުލަތާއި ދައުލަތުގެ ކުންފުނިތައް ބޭނުންކޮށްގެން އަމިއްލަ ސިޔާސީ ހަރަކާތްތައް ހިންގަވަން ރައީސް ޔާމީން ކުރައްވާ މަސައްކަތްތައް ކުށްވެރިކުރައްވާ" ކަމަށެވެ.
ރައީސް ޔާމީން ވެރިކަމަށް ގެންނެވުމުގައި އެމަނިކުފާނުގެ ރަނިންގ މޭޓްގެ ގޮތުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ޑރ.ޖަމީލް މިމޭރުމުން ވިދާޅުވެފައި މިވަނީ ޕީޕީއެމްގެ ނަމުގައި ރައީސް ޔާމީންގެ ފެކްޝަނުން ބާއްވާ ކެންޕޭން ހަރަކާތްތަކުގައި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނާއި ތަކެތި ބޭނުން ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެހަރަކާތްތަކުގައި ބައިވެރިވުމަށް ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖްބޫރު ކުރަމުންދާކަމަށް ތުހުމަތު ކުރެވިފައިވަނިކޮށެވެ.
ރައީސް ޔާމީންގެ ފެކްޝަނުން ބާއްވާ ޖަލްސާތަކުގައި ބައިވެރި ނުވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ދެމުން ގެންދާއިރު އެފަދަ މުވައްޒަފުން އެޖަލްސާތަކަށް ދިޔަތޯ ޔަޤީން ކުރުމުގެ ހަރަކާތްތަކެއްވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން އިދިކޮޅު ފަރާތްތަކަށް ސިޔާސީ ޖަލްސާއެއް ބާއްވާނެ ތަނެއް ނުލިބޭއިރު ރާއްޖޭގައި ހުރި އެންމެ ބޮޑު ޖަލްސާ ހޯލު ހުންނަ ދަރުބާރުގޭގެ މާލަންތައް ވަނީ ރައީސް ޔާމީން ފެކްޝަނަށް މުއްދަތެއް ނެތް ގޮތަށް ދޫކޮށްފައެވެ.