ރާއްޖޭގައި ލޯކަލް ކައުންސިލް އިންތިޚާބެއް ހޯދުމުގެ މަސައްކަތް ކުރަން ޖެހިފައިވަނީ، ދުނިޔެ ދަންނަ އާއްމު އުސޫލުން ބޭރުން މި ސަރުކާރުން މަސައްކަތް ކުރަމުންދާތީ ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ކުރިމަތިލައްވާފައިވާ އަލްއުސްތާޒް ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
ހަސަން ލަތީފު މިހެން ވިދާޅުވެފައިވަނީ ނ އަތޮޅާ ޅ އަތޮޅުގެ ރައްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުގެ ތެރެއިން ނ އަތޮޅު ވެލިދޫގަ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ބުރާސްފަތި ދުވަހުގެ ރޭ ވެލިދޫ އެމްޑީޕީ ހަރުގޭ ސަރަހައްދުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ، މި ސަރުކާރުން އަމަލުތައް ބަހައްޓަނީ އެއްވެސް ހާލެއްގާ ދުނިޔޭގެ ތަހްޒީބު މުޖުތަމައުތަކުގައި ކަންކަން ކުރާ އުސޫލުތަކާއި އެއްގޮތަށް ނޫން ކަމަށެވެ. ސްކޫލެއްގައި ކްލާސްރޫމެއް އެޅިއަސް، ހޮސްޕިޓަލެއް އެޅިއަސް،މިސްކިތެއް އެޅިއަސް އަދި އާއްމު އިންތިހާބެއް ބޭއްވިއަސް މި ސަރުކާރުން އަމަލު ކުރަނީ ކަންކަން ކުރާ އާއްމު އުސޫލާ ބޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަން ލަތީފު ވިދާޅުވީ، އެމްޑީފީން އެންމެ ބޮޑު އިސްކަމެއް ދެނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށާއި އެކަން ކާމިޔާބު ވާނެކަމުގެ ޔަގީންކަންވެސް އެބައޮތް ކަމަށެވެ. ހަސަން ވިދާޅުވީ، އެހެން ގައުމުތަކާ ޚިލާފަށް ރާއްޖޭގައި ޖެހެނީ އިންތިހާބުތައް ހޯދަން ކަމަށާއި މިކަން ކުރަން ޖެހެނީވެސް ސަރުކާރުން ގެންގުޅޭ އާއްމު އުސޫލުން ބޭރު މިންގަނޑުގެ ސަބަބުން ކަމަށެވެ.
އެމްޑީޕީން ބޭނުންވަނީ ރައްޔިތުންނަށް އަރާމު ފަސޭހަ ދިރިއުޅުމެއް ހޯދާދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން ހޯދާ ދިނުމުގައި ކާމިޔާބު ހޯދާނެ ކަމަށްވެސް ހަސަން ވިދާޅުވި އެވެ. މިއައްވުރެ ރަގަޅު މުސްތަގްބަލެއް އާއްމު ރައްޔިތުންނަށް ހޯދާ ދިނުމަކީ އެމްޑީޕީން އަބަދުވެސް ކުރައްވާނެ މަސައްކަތް ކަމަށާ އެކަން ކުރައްވާނީވެސް އެމްޑީޕީގެ ސްޓައިލްގަ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެމްޑީޕީން އަބަދުވެސް ރައްޔިތުންގެ ކައިރިއަށް ގޮސް ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
"ކޮރަޕްޝަނުގެ ވާދަވެރިކަމުގައި އެމްޑީޕީން ބައިވެރިއެއް ނުވާނަން.. އެހެން ނަމަވެސް މިހާރުގެ ސަރުކާރަކީ އެކަމަށް ވާދަކުރައްވަން ޖެހޭ ސަރުކާރުކާރެއް. އެކަމުގެ ތަޖުރިބާ ކާރުން މިއަދުގެ ސަރުކާރުގަ އެބަތިބި" ހަސަން ލަތީފު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބަކީ އެމްޑީޕީ އަށް ވަރަށް މުހިއްމު އިންތިހާބެއްކަން ފާހަގަކުރައްވާ ހަސަން ލަތީފު ވިދާޅުވީ، ރަށްރަށުގެ ކަންކަން މާލޭގައި ތިބޭ މިނިސްޓަރުން ނިންމުމުން ކަންކަން ވެގެންދާ ގޮތް ވަރަށް ސާފުކޮށް ފެންނަމުންދާކަމަށެވެ.
ގައުމެއް ތަރައްގީ ކުރެވޭނީ އާއްމު ރައްޔިތުންނާއި ގާތުން މަސައްކަތް ކޮށްގެން ކަމަށާއި ލާމަރުކަޒީ އުސޫލުން އިދާރީ ދައިރާތައް ހިނގުމުގެ ނިޒާމެއް ބޭނުންވަނީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. މިފަދަ ނިޒާމެއް ރައްޔިތުންނާ ހަމައަށް އެމްޑީޕީން ގެނެސްދިނީ މި ބޭނުމުގާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަން ލަތީފު ވަނީ ވެލިދޫގެ ރައްޔިތުން އެމްޑީޕީއަށް އަބަދުވެސް ދެމުންގެންދާ ތަރުހީބާ އެއްބާރުލުން ފާހަގަކުރައްވާ އެރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.