ޕީޕީއެމް އޮފީހުގެ ކޮމްޕިއުޓަރުތަކުގެ ހާޑް ޑިސްކްތައް ގެއްލުނު ކަމަށް ބުނާ މައްސަލައާ ގުޅިގެން ރައީސް މައުމޫން އަބްދުލްގައްޔޫމާ ފުލުހުން ސުވާލުކޮށްފި އެވެ.
ޕީޕީއެމްގެ އެތެރޭގެ ކޯޅުންގަނޑުގައި ރައީސް އަބްދުﷲ ޔާމީނަށް ޕާޓީގެ ބާރުތައް ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން، ރައީސް ޔާމީން ފެކްޝަނުން ވަނީ ޕީޕީއެމްގެ އޮފީހުގައި ހުރި ހުރިހާ މުދަލެއް ގެންގޮސްފަ އެވެ.
މުދާ ގެންދިޔަ ފަހުން ރައީސް ޔާމީން ފެކްޝަނުން ވަނީ ކޮމްޕިއުޓަރުތަކުގެ ބައެއް ހާޑް ޑިސްކުތައް ނެތް ކަމަށް ބުނެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފަ އެވެ.
އެ މައްސަލައާ ގުޅިގެން ރައީސް މައުމޫނާ ފުލުހުން ސުވާލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 1:30 ހާއިރު އެވެ. ރައީސް މައުމޫނުގެ އޮފީހުގައި އެމަނިކުފާނާ ބައްދަލުކޮށް ފުލުހުން ސުވާލުކުރި އިރު، ބުދަ ދުވަހު ފުލުހުން ވަނީ ރައީސް މައުމޫންގެ ދަރިކަނބަލުން، ޔުމްނާ މައުމޫން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނާ ސުވާލުކުރުމަށް ދިޔަ ފުލުހުން ހާޑް ޑިސްކްތަކާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިލައްވާތޯ ސުވާލު ކުރި ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިނުލައްވާ ކަމަށާއި، އެކަމާ ގުޅޭ ގޮތުން ސުވާލުކުރަންޖެހޭނީ ގާނޫނާ ޚިލާފަށް ގަދަކަމުން ޕީޕީއެމްގެ އޮފީހުގައި ހުރި ތަކެތި ގެންދިޔަ މީހުންނާ ކަމަށެވެ.
ހާޑް ޑިސްކުތަކުގެ މައްސަލައިގައި ރައީސް މައުމޫންގެ ޕީޕީއެމް ފެކްޝަނުގެ ނައިބު ރައީސް އަދި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި، ނައިބު ރައީސް އައިމިނަތު ނާދިރާގެ އިތުރުން ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވެއެވެ. އަދި މީގެ އިތުރުން ޕީޕީއެމް އޮފީހުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވެސް ހާޒިރުކޮށް ފުލުހުން ސުވާލުކޮށްފައި ވެއެވެ.
މީގެ އިތުރުން ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން ޕީޕީއެމްގެ އޮފީސް ކުރިން ހިންގަމުން އައި ހ. ތެމާ ވެސް ބަލާފާސްކޮށްފަ އެވެ. ތެމާގައި މިހާރު ހިންގަނީ ޕީޕީއެމްގެ ރައީސްގެ އޮފީހެވެ.