މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަންގެ މަޤާމަށް ކުރިމަތި ލައްވާފައިވާ ހަސަން ލަތީފް ނ. އަތޮޅުގެ ބައެއް ރައްތަކުގެ އެމްޑީޕީ ރައްޔިތުންނާއި ބުރާސްފަތި ދުވަހު ބައްދަލުކުރައްވައިފި އެވެ.
ގާނޫނީ ވަކީލު ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކުގެ ތެރެއިން އެއަތޮޅު ކުޑަފަރީ އާއި މަނަދޫގެ އިތުރުން މިލަދޫ އާއި ވެލިދޫގެ އެމްޑީޕީ މެންބަރުންނާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ބައްދަލުކުރެއްވުމުގައި އެރަށްރަށުގެ މެންބަރުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކަށް އެމްޑީޕީގެ ފަރާތުނާއި ޓީމުން ވަނީ ޖަވާބުދާރީވެފަ އެވެ. އެގޮތުން ލޯކަލް ކައުންސިލްގެ އިންތިހާބާ ގުޅޭ ގޮތުންނާއި އެމްޑީޕީގެ ހިންގުމާ ގުޅޭ ގޮތުން އާއްމު މެންބަރުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކަށް ވަނީ ޖަވާބު ދީފައެވެ.
މި ބައްދަލުކުރެއްވުންތަކުގައި ހަސަން ލަތީފް ވަނީ، އެމަނިކުފާނަށް އެމްޑީޕީގެ ޗެއަރޕާސަންކަން ކާމިޔާބު ވެއްޖެ ނަމަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ނަޝީދު ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ހަސަން ލަތީފާ އެކު މި ދަތުރުގައި މާފަންނު އުތުރު ދައިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ
މިދަތުރުގައި ނ. އަތޮޅުގެ އިތުރުން ޅ. އަތޮޅުގެ ބައެއް ރައްތަކުގެ އެމްޑީޕީ އާއްމު މެންބަރުންނާއި ބައްދަލު ކުރުމަށް ހަމަޖެހިފައި ވެއެވެ.
އެގޮތުން ހުކުރު ދުވަހު ޅ. ހިންނަވަރާއި ނައިފަރަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހޮނިހިރު ދުވަހު އެއަތޮޅު ކުރެންދޫ އަށް ވަޑައިގަތުމަށް ވަނީ ނިންމާފަ އެވެ.
އަތޮޅުތެރޭގެ ބައެއް ރަށްތަކަށް ހަސަން ލަތީފު ޒިޔާރަތްކޮށްފައިވާ އިރު އޭނާ ވަނީ މާލޭގައި ވެސް އެމްޑީޕީގެ އާއްމު މެންބަރުންނާއި ބައްދަލު ކުރުމަށް ޑޯ ޓު ޑޯ ކެމްޕެއިނެއް ޖައްސާފަ އެވެ.