އައްޑޫސިޓީ ހުޅުމީދޫ އިން ރާއްޖެޓީވީއަށް މިއަދު މާހެފުމެއް ގެނެސްފިއެވެ.
ރާއްޖެޓީވީއަށް މާހެފުން ގެނައި ޓީމުގައި ހަރަކާތްތެރިވި ފަރާތަކުން ބުނީ ރާއްޖެޓީވީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން މި މާހެފުން ގެނައީ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށާއި މުވައްޒަފުންނަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން ކަމަށެވެ.
އެގޮތުން މާހެފުމުގެ ބައެއް ސާމާނުތައް މާލޭގައި ތައްޔާރުކޮށްފައިވާއިރު ގިނަ ސާމާނުތަކެއް ތައްޔާރުކޮށްފައިވަނީ އައްޑޫސިޓީގެ ހުޅުމީދޫގައެވެ. މާހެފުމަށް ގެނެސްފައިވާ ބައެއް ސާމާނުތަކަކީ އައްޑޫ ބޮނޑި، އަލަ މެޓާ، ކުދި ގުޅަ، ތެލުލި ބަނބުކެޔޮ، ބޮނޑިބަތް، އަދި ކުޅިމަހެވެ.
އެ ރަށު ރައްޔިތުންނަށް ޝުކުރު އަދާކުރައްވަމުން ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ މިއީ ރާއްޖެޓީވީއަށް މިއަހަރު ލިބުނު ފުރަތަމަ މާހެފުން ކަމަށާއި ރާއްޖެޓީވީގެ މުވައްޒަފުން ކުރާ މަސައްކަތް އައްޑޫ އިން ބަލައިގަތުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ފުރިހަމަ ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށްޓަކައި ރާއްޖެޓީވީން ފަސް ނުޖެހި ދެމިތިބޭނެ ކަމަށްވެސް ފިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް ރާއްޖެޓީވީގެ މުވައްޒަފުން ދެއްކި ހިތްވަރު ފާހަގަކޮށް މުވައްޒަފުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން އެކި ރަށްރަށުން ވަނީ ފާއިތުވި ދެ މަހު ފަރިވަޅުތައް އަރުވާފައެވެ. އަދި ތުޅާދޫގެ ރައްޔިތުން ރާއްޖެޓީވީއަށް އޮތް ހިތުލޯބި ބަޔާން ކޮށްދިނުމަށް ވަނީ ކޮންމެ މުވައްޒަފަކަށް ލިޔެލާޖެހި ގަލަމެއް ހަދިޔާ ކޮށްފައެވެ.
ރާއްޖެޓީވީގެ މުވައްޒަފުންނަށް މަސައްކަތް ކުރުމުގެ ހިތްވަރު ލިބި ރޫހު އާލާވެގެންދަނީ މިގޮތަށް އެކި ރަށްތަކުގެ ރައްޔިތުންގެ ފަރާތުން މުވައްޒަފުންނަށް ލިބޭ ލޯތްބާއި ހިތްވަރެއްގެ ސަބަބުންނެވެ.