ކ. މާލެ
|
28 އޭޕްރިލް 2018 | ހޮނިހިރު 19:49
ނޫސްވެރިކަމުގެ ކޯސް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން
ނޫސްވެރިކަމުގެ ކޯސް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން
މުހައްމަދު ޝަރުހާން
ނޫސްވެރިކަމުގެ ކޯސް
ރާއްޖެޓީވީ އާއި ސައިރިކްސް ގުޅިގެން ހިންގި ނޫސްވެރިކަމުގެ ކޯސް ނިންމާލައިފި
ކޯސް ކުރިއަށްގެންދިޔައީ ދިހަ ދުވަހަށް
ޖުމްލަ 14 ކުދިން ވަނީ ކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަކޮށްފައި
އުންމީދަކީ ކުރިއަށް އޮތްތަނުގައި ބޭސިކް ނޫސްވެރިކަމުގެ ކޯސް އިތުރަށް ފުޅާވެގެން ދިއުން

ރާއްޖެޓީވީ އާއި ސައިރިކްސް ކޮލެޖް ގުޅިގެން ހިންގި ނޫސްވެރިކަމުގެ ތަމްރީނު ކޯސް ނިންމާލާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މިއަދު ސައިރިކްސް ކޮލެޖްގައި ބޭއްވި ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވީ  ސައިރިކްސް ކޮލެޖްގެ ވައިސް ރެކްޓަރ މުހައްމަދު ޝަރީފުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ ކޯހުގައި ކިޔަވައިދެއްވީ ތަޖުރިބާކާރު ފަރާތްތައް ކަމަށާއި ނޫސްވެރިކަމުގެ ބޭސިކް ކޯސް މިހާ ފުރިހަމަކޮށް ބާއްވާ ނިމިގެންދިޔުމަކީ ރާއްޖެޓީވީއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.  

ދިހަ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ކޯސް ފަށާފައިވަނީ އޭޕްރިލް މަހުގެ ފަސްވަނަ ދުވަހުއެވެ.

މި ކޯހުގައި ކިޔަވައިދެއްވި ލެކްޗަރައިންނަށް ވެސް ވަނީ ސެޓްފިކެޓް ހަވާލު ކޮށްފައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޯހުގެ ލެކްޗަރާ އަދި ވީޓީވީގެ ޑިރެކްޓަރ ޖެނަރަލް އޮފް ނިއުސް އެންޑް ކަރަންޓް އެފެއާޒް އިމާދް ލަތީފް ވިދާޅުވީ ނޫސްވެރިކަމުގެ ސެޓްފިކެޓް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަކީ ކުދިންގެ ކިބައިން އެދިލައްވާ ކަމެއް ކަމަށެވެ. އަދި ނޫސްވެރިކަމަކީ ފަސޭހަކަމެއް ނޫންކަން ފާހަގަކުރައްވާ އިމާދު ވިދާޅުވީ ހުރިހާ ދިމާލަކުން ވެސް ގޮންޖެހުން ކުރިމަތިވާނެކަން ދަންނަން ޖެހޭނެ ކަމަށެވެ.

ޖުމްލަ 14 ކުދިން ވަނީ ކޯހުގައި ބައިވެރިވެ ކާމިޔާބުކަމާއެކީ ކޯސް ފުރިހަމަ ކޮށްފައެވެ. އަދި މީގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ކުދިންނަށް ރާއްޖެޓީވީގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

 ރާއްޖެޓީވީން ބުނީ މި އަހަރުގެ މެއި މަހު ބޭސިކް ޓްރެއިނިންގް އޮން ވީޑިއޯ ޖާނަރލިޒަމް ކޯހެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖެޓީވީ އިން ބުނީ އުންމީދަކީ ކުރިއަށް އޮތްތަނުގައި ބޭސިކް ނޫސްވެރިކަމުގެ ކޯސް އިތުރަށް ފުޅާވެގެން ދިއުން ކަމުގައެވެ.

ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރާއްޖެޓީވީގެ އިސްވެރިންނާއި ސައިރިކްސް ކޮލެޖްގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް