އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ، އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމަށް އެ ތިން ބޭފުޅުން ކޯޓަށް ހާޒިރުކޮށްފި އެވެ.
އެންމެފަހުން މިމައްސަލާގައި އަޑުއެހުމެއް ބާއްވާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އެއީ އެ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމެވެ. މިއަޑުއެހުމުގައި މައްސަލަ ބައްލަވާ އެ ކޯޓުގެ އިސް ގާޒީ އާދަމް އާރިފު ވަނީ މައްސަލައިގައި ކުރިއަށް ދާން ބޭނުން ވަނީ ވަކީލަކާއެކުތޯ ތިން ބޭފުޅުން ކިބައިން ވެސް ސާފު ކުރައްވާފައެވެ.
މި މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ވެސް ބާއްވަން ތާވަލުކޮށްފައިވެއެވެ. ނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ. ނަމަވެސް އެ މައްސަލާގައި އަޑުއެހުމަށް ދައުވާ ލިބޭ ތިން ބޭފުޅުން ހާޒިރު ކުރުމަށްފަހު ކެންސަލްކުރި ސަބަބެއް ނުބުނެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ހިފައި ގާނޫނާ ހިލާފަށް ވެރިކަން ބަދަލު ކުރަން އުޅުނު ކަމަށް ބުނެ އަލީ ހަމީދާއި އަބްދުﷲ ސައީދު ހައްޔަރުކޮށް އެހެން ދައުވާތައް ވެސް ވަނީކޮށްފައެވެ. އެ ދައުވާތަކުގެ އަޑުއެހުންތައް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ.
މިތިން ބޭފުޅުންގެ މައްޗަށް ޓެރަރިޒަމް ދައުވާއެއްވެސް ކޮށްފައިވާއިރު އެ ދައުވާތަކުގެ އަޑުއެހުން އަދި ނުފަށައެވެ. އެހެން ނަމަވެސް މި ތިން ބޭފުޅުން ވެސް ތިއްބެވީ އެ ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ޓެރެރިޒަމްގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައެވެ.