ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 18:27
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ސިމާހާ ނަސީމް
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކް
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއްގައި ހަތް މީހުން ހައްޔަރުކޮށް ހަ ތަނެއް ބަލާފާސްކޮށްފި
 
އޮޕަރޭޝަން ހިންގާފައި ވަނީ މާލެ އާއި ރ. އިނގުރައިދޫގައި
 
ހަ ފިރިހެނަކާއި އަންހެނަކު ވަނީ ހައްޔަރުކޮށްފައި

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއްގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށް، ހަތަނެއް ބަލައި ފާސްކޮށްފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ އެކްޓިން ހެޑް، ރަޖްނީ ޝުއައިބު ވިދާޅުވީ އޮޕަރޭޝަން ހިންގީ ރ. އިނގުރައިދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް މައުލޫމާތު ލިބިފައިވާތީ ކަމަށާއި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހަތް މީހުން ހައްޔަރުކޮށް ހަ ތަނެއް ބަލާ ފާސްކޮށްފައި ވާނެ ކަމަށެވެ.  

ހ. ހެޕީ ވިލާ ބަލާ ފާސްކޮށް:

  • މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވޭ ބޮޑު ދެ ރަބަރު ޕެކެޓާއި އެއް ފިލްމް ހުސްކުރި ދަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހޭކިފައިވާ ކޮތަޅެއް ވަނީ ފެނިފައި
  • އެގެއިން ހައްޔަރުކޮށްފައި ވަނީ ރ. އިނގުރައިދޫ ފަސީމާގެ އުމުރުން 26 އަހަރުގެ އަހްމަދު އާލިމް އާއި އެރަށު ޕެރިސްވިއުގޭ އުމުރުން 23 އަހަރުގެ މުހައްމަދު އިރުފާނު

އާލިމްއަކީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި އާންމު މަސްލަހަތު ނަގާލުމުގެ ރެކޯޑް އޮތް މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑީއެޗްއެސްސީއަށް ވަނީ ޕޮޒިޓިވްވެފައެވެ. ޑްރަގް ނެޓްވޯކް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އާލިމް ކަމަށް ފުލުހުން ބުންޏެވެ.

ގ. ޑްރީމް އޮފް ގާރޑަން ބަލާފާސްކުރުން

  • މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި އެއް ފިލްމް ހުސްކުރި ދަޅާއި އެއް ސެލޯފިން ކޮޅުގެ އިތުރުން ބުލެޓް ސައިޒްގެ އަށް ރަބަރު ޕެކެޓް ފެނިފައިވޭ. މި އެއްޗެހީގެ ވަގުތީ ބަރުދަނުގައި 18 ގްރާމް ހުރި
  • މި މައްސަލައިގައި އެގެއިން ހައްޔަރުކޮށްފައި ވަނީ ރ. އިނގުރައިދޫ ފިނިހިޔާގޭ އުމުރުން 26 އަހަރުގެ އިބްރާހީމް ޝަފީޤް އާއި އެރަށު ފިނިހިޔާގޭ އުމުރުން 22 އަހަރުގެ އަލީ ފާތިހު

އިބްރާހީމް ޝަފީޤަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި އާންމު މަސްލަހަތު ނަގާލުމުގެ ކުށުގެ ރެކޯޑް އޮތް މީހެކެވެ. އޭނާ ވެސް ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑީއެޗްސީއަށް ޕޮޒިޓިވްވެފައެވެ. އާލިމް އާއި ގުޅިގެން ޑްރަގް ނެޓްވޯކް ހިންގުމުގައި އިސްކޮށް ޝަފީޤް ހަރަކާތްތެރިވި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މ. ފިޔަޖަހާގެ ބަލާފާސްކުރުން

  • އެގެއިން މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވޭ 48 ސެލޯފިން ކޮޅާއި ހަ ރަބަރު ޕެކެޓު ވަނީ ފެނިފައި
  • އެގެއިން ހައްޔަރުކޮށްފައި ވަނީ ރ. އިނގުރައިދޫ ޓޫ ފްރެންޑްސް، އުމުރުން 20 އަހަރުގެ މުހައްމަދު މިސްބާހު

އޭނާއަކީ ވެސް މަސްތުވާތެކެތި ބޭނުންކޮށް، ގެންގުޅުކަމުގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އާލިމްއާ ބައިވެރިވެގެން މާލެއަށާއި އިނގުރައިދޫއަށް އޭނާ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ފޯރުކޮށްދިނުމަށްޓަކައި ހަރަކާތްތެރިވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޮޕަރޭޝަންގައި ޓާގެޓްކުރެވިފައިވާ ފަރާތްތައް މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ހ. އޮއިސްޓަރގޭގެ ގްރައުންޑް ފްލޯ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ. އަދި އެގެއިން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ހުސް ޕެކެޓާއި ސެލޯފިން، މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ކައްޓާއި މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ގިނަ އާލާތްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރ. އިނގުރައިދޫގެ ދެ ގެއެއް ވެސް ފުލުހުން ވަނީ ބަލާފާސްކޮށްފައެވެ. އެ ދެ ގެއިން ވެސް 26 ގްރާމް ބަރުދަން ހުރި މަސްތުވާތަކެތި ވަނީ ފެނިފައެވެ. އެ ރަށުން ހައްޔަރުކޮށްފައި ވަނީ ކެތިގޭ އުމުރުން 26 އަހަރުގެ އައިޝަތު އިލްހާމާއެވެ. އޭނާއަކީ އާލިމް ފޮނުވާ މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅެ އެކި ތަންތަނުގައި ރައްކާކޮށްގެން ގެންގުޅުމަށް ފަހު ވިއްކުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދެން ހައްޔަރުކޮށްފައި ވަނީ އެ ރަށު ކޮށާރުގޭ އުމުރުން 24 އަހަރުގެ މުހައްމަދު ޖަޒްލާންއެވެ. އޭނާއަކީ މަސްތުވާތަކެތި ވިއްކުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބަންދަށް ގެނެވިފައިވާ ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކޮށް ތަހުޤީޤު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ. އަދި މައްސަލަ ތަހުޤީޤުކޮށް ނިންމައި ޕީޖީ އޮފީހަށް ވީއެންމެ އަވަހަކަށް ފޮނުވާނެ ކަމަށް ފުލުހުން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
50%
0%
50%
ކޮމެންޓް