ކ. މާލެ
|
21 އޭޕްރިލް 2018 | ހޮނިހިރު 02:13
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ރާއްޖެއެމްވީ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
އިސްލާމްދީނަށް ނިކަމެތިކަން ލިބޭނެ އެއްވެސް ގޮވާލުމަކީ ޕާޓީތަކުން އިޖާބަދޭނެ ކަމެއް ނޫން: ގުޅިފައިވާ ސިޔާސީ ޕާޓީތައް
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަބަދުވެސް މަސައްކަތްކުރަމުންދަނީ މާތްވެގެންވާ އިސްލާމްދީން އަމުރުކުރާ ފަދައިން އިންސާފު ޤާއިމުކުރުމަށް
އަނިޔާވެރިކަމުން އެއްކިބާވުމާއި، ހަމަހަމަ ކަމާއި އިންސާފުވެރިކަމާއި ޢަދުލުވެރިކަމަކީ މާތްވެގެންވާ އިސްލާމް ދީނުގައި އެންމެ ބޮޑަށް އަމުރުކުރައްވާފައިވާ ކަންކަން

ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނަށް ނިކަމެތިކަން ލިބޭނެ އެއްވެސް ގޮވާލުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިޖާބަދޭނެކަންކަމެއް ނޫން ކަމަށް އެ ޕާޓީތަކުން ބުނެފިއެވެ.

ހުކުރު ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރުނު ބަޔާނެއްގައި ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަބަދުވެސް މަސައްކަތްކުރަމުންދަނީ މާތްވެގެންވާ އިސްލާމްދީން އަމުރުކުރާ ފަދައިން އިންސާފު ޤާއިމުކުރުމަށާއި ސަރުކާރުން ހިންގަމުންގެންދާ އިސްލާމްދީނާ ދެކޮޅު ވައްކާމާއި ފަސާދައިގެ އެންމެހައި ކަންކަން ހުއްޓުވުމަށް ކަމަށެވެ. އަދި ސަރުކާރުގެ ނޭއްގާނީ ޢަމަލުތަކާއި ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިސްލާމީވަންތަކަމަށް ބުރޫ އަރަމުންދާކަންވެސް ޕާޓީތަކުން ވަނީ ފާހަގަކޮށްފައެވެ.

ބައިނަލްއަޤުވާމީ މުޢާޙަދާތަކުގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން މިހާތަނަށް ގެންގުޅެމުން އަންނަ އުސޫލަކީ އެހެނިހެން އިސްލާމީ ޤައުމުތަކުންވެސް ޢަމަލުކުރަމުން އަންނަ ފަދައިން އެ މުޢާޙަދާތަކުގައި ހިމެނޭ އިސްލާމް ދީނާ ޚިލާފުކަންކަން ފިޔަވާ ދެން ހުންނަކަންކަމަށް އެއްބަސްވުންކަމަށް ވާހިނދު، ބައިނަލްއަޤުވާމީ ފަރާތްތަކުން ދެމުންއަންނަ އިރުޝާދު ތަކަށްވެސް އެއުސޫލުން ޢަމަލުކުރަންވާނެ ކަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދެކޭ ކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ އަނިޔާވެރިކަމުން އެއްކިބާވުމާއި، ހަމަހަމަ ކަމާއި އިންސާފުވެރިކަމާއި ޢަދުލުވެރިކަމަކީ މާތްވެގެންވާ އިސްލާމް ދީނުގައި އެންމެ ބޮޑަށް އަމުރުކުރައްވާފައިވާ ކަންކަން ކަމުގައިވާހިނދު، ވިލާތުގެ އިއްތިހާދުން އެކަންކަމަށް ގޮވާލުމަކީ އިސްލާމްދީނާއި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އެކަންކަން އެމަގުން ކުރުމަށް ސަރުކާރުގެ މައްޗަށް ލާޒިމުވެފައި އޮންނައޮތުން ނަފީވެގެންދާ ސަބަބެއް ނޫން ކަމުގައި ބަޔާނުގައިވެއެވެ.

އިސްލާމްދީނާ ފުށުނާރާގޮތަށް ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާޙަދާތަކުގައިވާކަންކަން ތަންފީޒުކުރުމަށް ގޮވާލާގޮވާލުންތަކަށް އިޖާބަދިނުމަކީ ދިވެހި ދައުލަތުގެ މައްޗަށް ލާޒިމުކުރާކަމެއް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް