މި ޤައުމުގައި ހިންގި ބޮޑެތި ކޮރަޕްޝަންތައް އިސްލާމިކް މިނިސްޓްރީން ހިންގާފައިވާތީ ލަދުވެތިވެވަޑައިގަންނަވާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ހއ. އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބުދުﷲ ވިދާޅުވީ ބޮޑެތި ވައްކަންތައްތަކާއި ކުށްތައް ރާއްޖޭގައި ހިނގަމުން އަންނަނީ ރޭވިގެން ކަމަށާއި އެކަންތައްތައް ހިނގަމުން އަންނަނީ އެންމެ މަތީ ލެވަލްގައި ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނިގެންދަނީ އިސްލާމްދީނުގެ ނަމުގައި ތާކިހާ އަޅައިގެން ތިބި ބަޔަކު. ހާއްސަ ގޮތެއްގައި އިސްލާމިކް މިނިސްޓްރީގައި ހުރި މިނިސްޓަރު ލަދުވެތިވާން ޖެހޭނެ. ކިތައް ވައްކަންތޯ ކޮށްފައި ހުރީ [އިސްލާމިކް މިނިސްޓްރީން] އިން. ދާރުލް އީމާނަށް އެ ލިބެންޖެހޭ ފައިސާ ކޮންތާކަށްތޯ ވަންނަނީ. މިކަންތައް އަޅުގަނޑުމެން ހުއްޓަން މި އުޅެނީ. މި ޤައުމުގައި ހިންގި ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވަނީ އިސްލާމިކް މިނިސްޓްރީން ކަން އެއީ އަޅުގަނޑުމެން ލަދުވެތިވާން ޖެހޭ ކަމެއް" އަބުޅޯ ވިދާޅުވިއެވެ.
ކޮރަޕްޝަނާއި ފަސާދަ އިތުރުވެ މުޅި ދައުލަތް އެކީ ހުސްކޮށްލާއިރު ބައްލަވަން ނުތިއްބަވާނެ ކަމަށާއި އެކަންތައްތައް ހުއްޓުވާނެ، ގާނޫނު އަސާސީއާ ހިލާފަށް މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީނަށް ތާއިދުކުރާ ފަރާތްތަކުން ކަނޑައަޅާފައިވާ އަބްދުﷲ ވިދާޅުވި އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތް ބާރަށް ކުރިއަށްދާނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ބާރު ސްޕީޑެއްގައި ކުރިއަށްގޮސް ރައީސް ޔާމީން ހުއްޓުވާނެ ކަމަށެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަތަރު ލީޑަރު އިސްލާހަށްޓަކައި ކުރަމުންގެންދާ މަސައްކަތެއް ނުހުއްޓާނެކަން ޔަޤީންކަމާއެކު ވިދާޅުވާން ކެރިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއްވެސް އިރެއްގައި ރައީސް ޔާމީނަށް ތާއިދު ނުކުރައްވާ ކަމަށާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ހޮއްވެވުމަށް މަސައްކަތް ކުރެއްވުނީ، ޕްރައިމަރީގައި އުމަރު ނަސީރަށް ކާމިޔާބު ލިބިވަޑައިނުގަތުމުން ކަމަށް އަބްދުﷲ ވިދާޅުވި އެވެ. ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ހޮއްވެވުމަށް މަސައްކަތް ކުރެއްވުނީތީވެ، ތިނަދޫ ރައްޔިތުންގެ ކިބައިން އަބްދުﷲ މައާފަށް ވެސް އެދިވަޑައިގެންނެވި އެވެ.