ކުރިން ވެސް އެވޯޑް ދެމުން އައި ގޮތަށް އޯލެވެލް ގަދަ 10 އަށް އެވޯޑް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކުރިން ބުނެފައިވަނީ މި އަހަރުން ފެށިގެން އެވޯޑް ދޭން ނިންމާފައިވަނީ ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި ކަމަށެވެ.
ސަރުކާރުން އެހެން ބުނުމާއި ގުޅިގެން ގިނަ ދަރިވަރުންތަކެއް ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ބައެއް ދަރިވަރުން ބުނެފައިވަނީ އެ ދަރިވަރުން ހަމައެކަނި މަސައްކަތްކޮށްފައިވަނީ އެންމެ މަތީ ތިންވަނަ ހޯދުމަށް ނޫން ކަމަށާއި ގަދަ 10 އެއްގެ އެހެން ވަނަތަކުގައިވެސް ހިމެނުމަށް މަސައްކަތްކުރި ކަމަށެވެ. ހަމައެހެންމެ 10 އަހަރު ވަންދެން ކުރި ބުރަ މަސައްކަތުގެ ފޮނި މީރުކަން ލިބުމުގެ ކުރިން ޖަލްސާގައި އިނާމު ނުލިބޭނެ ކަން އެނގިގެން ދިޔުމާ އެކު ވަރަށް ދެރަވާ ކަމަށްވެސް ދަރިވަރުން ބުންޏެވެ.
މީގެ ކުރިންވެސް ސަރުކާރުން ވަނީ މިގޮތަށް ބައެއް އަހަރުތަކުގައި އަމަލުކުރުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން 2014 ވަނަ އަހަރުގެ އޯ ލެވެލް އިމްތިހާނު ފުރިހަމަކުރި ދަރިވަރުންނަށް އިނާމު ދޭން ބޭއްވި ޖަލްސާގައި ވެސް މިގޮތަށް އަމަލުކުރުމަށް ނިންމި ނަމަވެސް ދަރިވަރުން އިހުތިޖާޖު ކުރުމާ އެކު ސަރުކާރުން ވަނީ އެކަން އެ ގޮތަށް ނުކުރުމަށް ނިންމާފައެވެ.
މިނިސްޓްރީ އިން ވަނީ ގަދަ 10 އެއްގެ ކްރައިޓީރިއާ މިދިޔަ އަހަރު ބަދަލުކޮށްފައެވެ.