ޕީޕީއެމް އިން ހޮނިހިރު ދުވަހުގެރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާ ކަވަރުކުރަން ރާއްޖެޓީވީގެ ކްރޫ މަސައްކަތް ކުރުމުން ޕީޕީއެމް ލީޑަރޝިޕްގެ އިސްވެރިން އެ ފުރުސަތެއް ނުދެއްވިއެވެ.
ރާއްޖެޓީވީގެ ކްރޫއިން ބުނީ އެ ޖަލްސާ ކަވަރުކުރަން މަސައްކަތް ކުރުމުން ޕީޕީއެމްގެ ލީޑަރޝިޕްގެ އިސްވެރިން އެ ޖަލްސާ ކަވަރު ނުކުރެވެނޭ ކަމަށް ވިދާޅުވި ކަމަށެވެ.
ޖަލްސާ ކަވަރު ކުރަމަށް ހުއްދަ ދެވިފައިވަނީ ހަމައެކަނި ދައުވަތު އަރުވާފައިވާ މީޑިއާތަކަށް އެކަނި ކަމަށް ވެސް ޕީޕީއެމްގެ ލީޑަރޝިޕްގެ އިސްވެރިން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް މި ޖަލްސާއަކީ ރައީސުލްޖުމްހޫރިއްޔާގެ އަބިކަނބަލުން ފާތިމަތު އިބްރާހީމް ބައިވެރިވެވަޑައިގަންނަވާ އަދި ހުރިހާ އެންމެނަށް ވެސް ބައިވެރިވެވޭ، ވަރަށް ޙާއްސަ ޖަލްސާއެއް ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.
ރާއްޖެޓީވީގެ ކްރޫ، ފާތިމަތު އިބްރާހިމްގެ ދަތުރުފުޅުގެ ކަންކަން ކަވަރު ކުރުމަށް މަސައްކަތް ކުރުމުން ވެސް އެކަމަށް ވެސް ސިފައިން ވަނީ ހުރަސް އަޅާފައެވެ.
މިކަމާއި ގުޅިގެން ރާއްޖެޓީވީން ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނި ރައީސުލް ޖުމްހޫރިއްޔާ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އައްޑޫ ސީޓީއަށް ކުރައްވާ ދަތުރުފުޅުގެ ކަންކަން ކަވަރު ކުރުމަށް އެ އަތޮޅަށް ގޮސް އުޅޭ ރާއްޖެޓީވީގެ ކްރޫއަށް ސިފައިން ހުރަސްއެޅުމަކީ ޑިމޮކްރަސީއާ ބީރެއްޓެހި، ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖެޓީވީ އާއި ރާއްޖޭ ޓީވީގެ ނޫސްވެރިންނަށް ދިވެހި ރާއްޖޭގައި އަމަލު ކުރެވޭ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ލިބޭ ހައްގުތަކާއި ފުރުސަތުތައް ތަފާތު ކުރުމެއް ނެތި ދިނުމަކީ ދައުލަތުގެ މަގާމުތަކާ ހަވާލުވެ ތިބި ފަރާތްތަކުގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ސްޓޭޝަނުން ދެކޭ ކަމަށެވެ.