ޤާނޫނީ އިޖުރާތްތަކަށް ތަބާވުމުގައި ފުލުހުންގެ އިހުމާލު ބޮޑުކަމަށް ޤާނޫނީ ވަކީލް މަހްފޫޒް ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީން ބުދަ ދުވަހުގެރޭ ގެނެސްދިން "ފަނޑިޔާރުގެ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަހްފޫޒް ވިދާޅުވީ ފުލުހުން، ޤާނޫނީ އިޖުރާތްތަކަށް ކިޔަމަން ނުވުމުގެ ސަބަބުން، ފުލުހުންގެ އިހުމާލުން ވަރަށް ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރެވިފައިވާ ކުށްވެރިން މިނިވަން ވެފައިވާ ކަމަށެވެ. މިކަމުގެ މިސާލެއްގެ ގޮތުން މަހްފޫޒް ވިދާޅުވީ މަރުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހަކު މިނިވަން ކުރަން ޖެހުނީ، އެމީހާ ހައްޔަރުކުރި ވަގުތު ފުލުހުން ޔުނީފޯމް އަޅައިގެން ނެތުމުގެ ސަބަބުން ކަމަށެވެ.
ޤާނޫނުގައި ވަރަށް ސާފުކޮށް މީހަކު ހައްޔަރުކުރެވޭ ވަގުތު ފުލުހުން ޔުނީފޯމް އަޅައިގެން ތިއްބެވުމަށް ބަޔާންކޮށްފައިވާނެ ކަމަށް މަހްފޫޒް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން އަބަދުވެސް މި ދައްކާ ވާހަކައަކީ އެއީ ޖިނާޢީ އަދުލުގެ ނިޒާމުގެ ތެރޭގައި ކަންކަމާއި ހަވާލުވެ ތިބޭ މީހުން އިންސާފު ހަމައެކަނި ޤާއިމްކުރަންވީ ކީ ނޫނޭ. އެމީހުން އިންސާފު ޤާއިމުކުރާ ތަން ދެން ތިބި މީހުންނަށް ފެންނަންވެސް ޖެހޭނެ،" މަހްފޫޒް ވިދާޅުވިއެވެ.
ފުލުހުންގެ ތެރެއިން ވަކި ފުލުހެއްގެ އިހުމާލު މައްސަލައެއްގައި ވާނަމަ އެ މައްސަލަ ނެޝަނަލް އިންޓަގްރެޓީ ކޮމިޝަނަށް ހުށަހެޅިދާނެ ކަމަށް މަހްފޫޒް ވިދާޅުވިއެވެ. ފުލުހުންގެ މުޅި މުއައްސަސާގެ އިހުމާލުން މީހަކަށް ގެއްލުމެއް ވެއްޖެނަމަ، އެ މައްސަލައިގައި ލިބެންޖެހޭ މަދަނީ ބަދަލު ހޯދުމަށްޓަކައި އެ މީހަކަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުންނަށް މައްސަލަ ހުށަހެޅުމަށް ފަހު އެ މައްސަލަ ފުލުހުން ރަގަޅަށް ތަހްޤީޤް ނުކުރާ ކަމަށް ޤަބޫލުކުރެވޭނަމަ އެ މައްސަލާއިގެ ޝަކުވާ ޕްރޮސެކިއުޓަރ ޖެނެރަލްއަށް ހުށަހެޅުމުގެ ހައްޤު ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަމަށް މަހްފޫޒް ވިދާޅުވިއެވެ.
ޖިނާޢީ އިޖުރާތުގެ ޤާނޫނުގެ މާއްދާ ބައްޓަން ކުރެވިފައިވަނީ ތަހްޤީޤުގެ ކުރީ މަރުހަލާއިން ފެށިގެން ތުހުމަތު ކުރެވޭ މީހާއަށް މައްސަލަ ތަހްޤީޤް ކުރެވެމުންދާ ގޮތުގެ މައުލޫމާތު ދިނުމުގެ މައްޗަށް ކަމަށް މަހްފޫޒް ވިދާޅުވިއެވެ. އެހެންނަމަވެސް އެގޮތަށް އަމަލުކުރާތަން ފެނިގެން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަހްފޫޒް ވިދާޅުވީ ޖިނާޢީ ކުށްތަކުގެ ތުހުމަތު ކުރެވިފައިވާ މީހުންނަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި އިރު ފުލުހުންގެ ފަރާތުން ފާހަގަކުރެވުނު ކަމަކީ ކުށަށް ތުހުމަތުކުރެވޭ މީހުންނަށް ފުލުހުން ޤާނޫނީ އިންޒާރު ދިނުމުގައި ފުލުހުންގެ ފަރާތުން އިހުމާލުވެފައިވާކަން ކަމަށެވެ. އަދި ފުލުހުންގެ އަމަލުތަކުން އެއީ ކުރުން މާ މުހިންމު ކަމެއް ކަމަށް އެ ބޭފުޅުން ދެކިވަޑައިނުގަންނަވާ ކަން ސާބިތުވެގެންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޤާނޫނުގައި އިޖުރާތެއް ބަޔާންކޮށްފައިވަނީ އޭގައި މުހިންމު ސަބަބެއް އޮތުމުން ކަމަށް އެންމެން ވެސް ޤަބޫލުކުރައްވަން ޖެހޭނެ ކަމަށް މަހްފޫޒް ވިދާޅުވިއެވެ.