ރާއްޖެޓީވީއަށް އެހީވުމަށް "އަބުރުފުޅު ފަންޑު" ފޮއްޓެއް ހއ. ކެލާގައި ހުޅުވައިފިއެވެ.
މި ފަންޑު ފޮށި ހޮނިހިރު ދުވަހުގެރޭ 8.30 ގައި ހުޅުވާފައިވާއިރު ފަންޑު ފޮށި ބަހައްޓާފައިވަނީ ކެލާ އެމްޑީޕީ ހަރުގޭގައެވެ.
ކެލާ ކައުންސިލް ރައީސް އާދަމް ޤުފްރާން ވިދާޅުވީ އެމްޑީޕީ ކެލާ ގޮފީގެ ފަރާތުން ފަންޑު ފޮށި ހުޅުވުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖެޓީވީއަށް އެހީތެރިވުން ކަމަށާއި އިންސާފާއި ހަމަހަމަކަށް ލޯބި ކުރުން ކަމަށެވެ.
ޤުފްރާން ވިދާޅުވީ ފަންޑު ފޮށި އަންނަ ހަފްތާގެ ހުކުރު ދުވަހާއި ހަމައަށް ހަރުގޭގައި ބަހައްޓަން ނިންމާފައިވަނީ ރޭގަނޑު 8 އަކުން 10 އަކަށް ކަމަށެވެ. އަދި ހުކުރު ވިލޭރޭ ރަށު ތެރޭގައި ފަންޑު ފޮށި ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޤުފްރާން އިތުރަށް ވިދާޅުވީ ރަށު ރައްޔިތުންގެ ފަރާތުން ތަރުޙީބު އިތުރުވެގެންދާ ނަމަ ފަންޑު ފޮށި ބަހައްޓާ މުއްދަތު އިތުރު ކުރާނެ ކަމަށެވެ.
ރާއްޖެޓީވީއަށް އެހީވުމަށް ހއ. ހޯރަފުށި، ހއ، ދިއްދޫ އަދި ރ. ހުޅުދުއްފާރުގައިވެސް ވަނީ ފަންޑު ފޮށި ބަހައްޓާފައެވެ.