ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމުން، އެ ޖޫރިމަނާ ދެއްކުމަށް، ލާރި ހޯދުމަށް މާލެ އާއި ރަށްރަށުގައި ގިނަ ހަރަކާތްތަކެއް ހޮނިހިރު ދުވަހު ހިންގައިފިއެވެ.
އެގޮތުން އެމްޑީޕީ ދިއްދޫ ދާއިރާއިން ރާއްޖެޓީވީއަށް އެހީވުމަށް "އަބުރުފުޅު ފަންޑު ފޮށްޓެއް" ހޮނިހިރު ދުވަހު މެންދުރު ދޭއް ޖެހިއިރު ވަނީ ބަހައްޓާފައެވެ. ފަންޑު ފޮށި ހުޅުވާފައިވާއިރު 24 ގަނޑިއިރަށް ފަންޑު ފޮށި ބަހައްޓާނެ ކަމަށް އެމްޑީޕީ ދިއްދޫ ދާއިރާގެ ނައިބު ރައީސް މުހައްމަދު ނައީމް ވިދާޅުވިއެވެ.
ހުޅުމާލޭގައި ފަންޑަށް ފައިސާ ހޯދުމަށް ރާއްޖެޓީވީ ނޫސްވެރިން ހަވީރު 4 އަކުން ރޭގަނޑު 9 އަކަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާނެ އެވެ. އަދި މާދަމާ އިތުރު ސަރަހައްދުތަކުގައި ފައިސާ ހޯދުމަށް ހަރަކާތް ހިންގޭނެ ކަމަށް ރާއްޖެޓީވީގެ ނިއުސްޑިރެކްޓަރު ހުސާމް މުހައްމަދު ވިދާޅުވިއެވެ.
ރާއްޖެ ޓީވީގެ މެނޭޖްމެންޓުން ބުނި ގޮތުގައި ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވެ، މެންބަރު މުސްތަފާ ދެއްކެވި ވާހަކައަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ވާހަކައެއް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅާފައިވަނީ އަބުރުގެ ޤާނޫނާއި ޚިލާފަށެވެ. ޤާނޫނާއި ޚިލާފަށް ޖޫރިމަނާ ކުރި ނަމަވެސް، އެ މައްސަލަ އިސްތިއުނާފު ކުރެވޭނީ ވެސް ޖޫރިމަނާ ފައިސާ ދެއްކުމަށްފަހު ކަމަށް އަބުރުގެ ޤާނޫނުގައި ބުނެފައި އޮތުމަކީ ވެސް އަދުލު އިންސާފާ ޚިލާފު ކަމެއް ކަމަށް ރާއްޖެ ޓީވީއިން ބުނެއެވެ.