ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކައެއް ބްރޯޑްކާސްޓްކުރުމުން ކަމަށް ބުނެ، ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަސްލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކުރުމުން، އެ ޖުރިމަނާ ދެއްކުމަށް، މާލެ އާއި ރަށްރަށުގައި ގިނަ ހަރަކާތްތަކެއް ހުކުރު ދުވަހު ހިންގައިފިއެވެ.
ހުކުރު ދުވަހު ރާއްޖެ ޓީވީގައި އަބުރުފުޅު ފަންޑުފޮށި ބެހެއްޓުމުގެ އިތުރުން، ހުކުރު ދުވަހު އައްޑު އަތޮޅާއި ހޯރަފުއްޓާއި ހުޅުދުއްފާރުގެ އިތުރުން ބައެއް އެހެން ރަށްރަށުގައި ވެސް ފަންޑު ފޮށި ބަހައްޓާފައިވެއެވެ. މާލޭގައި ފަންޑަށް ފައިސާ ހޯދުމަށް ރާއްޖެ ޓީވީގެ ނޫސްވެރިން ވަނީ މާލޭގެ އެކި ސަރަހައްދުތަކަށް ހިނގާފައެވެ.
ރާއްޖެ ޓީވީގެ ނިއުސް ޑައިރެކްޓަރު މުހައްމަދު ހުޝާމް ވިދާޅުވީ، މިއަދު މާލެ އާއި އައްޑޫ އަދި އެހެން ރަށްރަށުގައި ހިންގި ހަރަކާތްތަކުން ފަންޑަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
"މަސްވެރިންވެސް ވަރަށް ބޮޑު އެހީތެރިކަމެއް ވެދިން. އަދި ބާޒާރުގެ ގޮޅިތަކުގައި ތިބި މީހުންނާއި އަމިއްލަ ފަރުދުން ވެސް،" ހުޝާމް ވިދާޅުވިއެވެ.
އަބުރުފަޅު ފަންޑަށް އެހީ ހޯދުމުގެ މަސައްކަތް ހުކުރުދުވަހުގެރޭ މާފުށީގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެ ޓީވީގެ މެނޭޖްމެންޓުން ބުނި ގޮތުގައި ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވެ، މެންބަރު މުސްތަފާ ދެއްކެވި ވާހަކައަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ވާހަކައެއް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅާފައިވަނީ އަބުރުގެ ޤާނޫނާއި ޚީލާފަށް ކަމަށެވެ. ޤާނޫނާއި ޚިލާފަށް ޖޫރިމަނާކުރި ނަމަވެސް، އެ މައްސަލަ އިސްތިއުނާފު ކުރެވޭނީވެސް ޖޫރިމަނާ ފައިސާ ދެއްކުމަށްފަހުކަމަށް އަބުރުގެ ޤާނޫނުގައި ބުނެފައި އޮތުމަކީވެސް އަދުލު އިންސާފާ ޚިލާފު ކަމެއްކަމަށް ރާއްޖެ ޓީވީގެ މެނޭޖްމެންޓުން ބުނެއެވެ.
ޤާނޫނާ ޚިލާފަށް ރާއްޖެޓީވީ ޖޫރިމަނާކުރަމުން ދަނީ ރާއްޖެޓީވީ ނައްތާލުމަށެވެ.