ވިލާތުގެ އިއްތިޙާދުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު، ޓަންގް ލައި އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙުމަދު މަޚްލޫފް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިގެން ދިޔައީ ވިލާތުގެ އިއްތިޙާދުގެ ޕާލަމެންޓުން ރާއްޖެއާ ދެކޮޅަށް ފާސްކުރި ޤަރާރުގައިވާ ކަންތައްތައް ތަންފީޒުކުރަން މަސައްކަތް ކުރެވޭނެ ގޮތްތަކާއި، 2018 ވަނަ އަހަރު މިނިވަން އިންސާފުވެރި އިންތިޙާބެއް ހޯދުމަށް މަސައްކަތްކުރެވޭނެ ގޮތްތަކާއި މެދުއެވެ.
މީގެ އިތުރުން މަހްލޫފް ވަނީ މަޖިލީހުގައި ކަންތައްތައް ހިނގަމުންދާ ގޮތުގެ ތަފްސީލު ސަފީރަށް އަރުވާފައެވެ.
މި ބައްދަލުވުމުގައި މަޚްލޫފް ވަނީ އީޔޫގެ ޤަރާރަށް މަރުހާބާ ދަންނަވާފައެވެ.
ވިލާތުގެ އިއްތިޙާދުގެ ޤާނޫނުހަދާ މަޖިލީހުގައި ރާއްޖެއާއި ދެކޮޅަށް ފާސްކުރި ޤަރާރުގައި ހިމެނެނީ ދޮގުތަކެއް ކަމަށް ބުނެ، ދިވެހި ސަރުކާރުން ވަނީ އެ ޤަރާރާ ދެކޮޅު ހަދާފައެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ މި ޤަރާރުގެ ސަބަބުން 2018 ވަނަ އަހަރު މިނިވަން އިންތިޚާބެއް ބޭއްވޭނެކަން ޔަގީންވެއްޖެ ކަމަށެވެ.