މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ސިފައިންނާ ބުދަ ދުވަހުގެރޭ ބައްދަލުކުރައްވައިފިއެވެ.
ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި ބޭއްވި މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ޤައުމު ބިނާކުރުމުގައި ސިފައިން ވަރަށް މުހިންމު ބޮޑެތި މަސަކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ރަސްރަނި ބަގީޗާގެ މަސައްކަތް ފާހަގަކޮށް އެމަސައްކަތް އެހާ ކުރު މުއްދަތެއްގެ ތެރޭގައި، ސިފައިން ކޮށް ނިންމާލިކަން ފާހަގަކުރައްވާ ހުރިހާ ސިފައިންނަށްޓަކައި ފަޚުރުވެރިވާ ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ސިފައިންގެ ވެލްފެއަރ ކަންކަން ރަނގަޅު ކުރުމަށް ގިނަ ގުނަ މަސައްކަތްތެއް ކުރެވަމުންގެންދަވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ސިފްކޯ ހިޔާ ފްލެޓްގެ މަސައްކަތްތައް ވެސް ހަލުވިކަމާ އެކު ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.