ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2018 ވަނަ އަހަރު ވެރިކަމަށް ކުރިމަތިލެއްވޭނެކަން އީޔޫގެ ޤަރާރުން ވަރަށް ސާފުކޮށް އެނގޭ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބާ ކައިރިކޮށް ޔޫރަޕްގެ ޤައުމުތަކުންނާއި އިންޑިއާ އަދި އަވަށްޓެރި ޤައުމުތަކުން ރާއްޖެއަށް ޕްރެޝަރ ކުރާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ވަފުދަށް ޕްރެޝަރ ކުރާނެކަން ދުރާލާ އެނގިވަޑައިގަތުމުން ދުނިޔެ ޤަބޫލުކުރާ ބާރުތައް އޮންނަ ޤައުމުތަކާއި ޖަމިއްޔާތަކާ އެކު ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އީޔޫގެ ޤަރާރުން ވަރަށް ރަނގަޅަށް އިނގޭ ރައީސް ނަޝީދު ބޭނުންވާ އަދި އެ ޕާޓީއަކުން ބޭނުންވާ ކޮންމެ ސިޔާސީ ލީޑަރަކަށް ކުރިމަތިލެއްވޭނެ ކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ވަރަށް ސާފުކޮށް އިނގޭ،" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ ސަރުކާރު ތަމްސީލު ކުރައްވަމުންދާ ރައްޔިތުން މަޖިލީސް މެމްބަރުންނަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވެރިކަން ދެމި ނޯންނާނެ ކަން އެނގޭ ކަމަށެވެ. އަދި ސަރުކާރު ތަމްސީލުކުރާ ޕީޕީއެމްގެ މަޖިލިސް މެންބަރުން ތިއްބެވީ ހާސްކަމެއްގެ ތެރޭގައި ކަމަށް ވެސް އީވާ ވިދާޅުވިއެވެ.
ޤާނޫނާ ޙިލާފަށް ރައީސް މަސީހު މަޖިލީހުގައި އިންނަވާކަން ފާހަގަކުރައްވައި އިވާ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ އިހުތިޖާޖްތައް ނުހުއްޓާނެ ކަމަށެވެ.
މަސީހު އަމިއްލަ އިހްތިޔާރުގައި ކަންތައްކުރެއްވުމުގެ ބާރު ލިބިވަޑައިގެންފައިނުވާ ކަމަށް އީވާ ވިދާޅުވިއެވެ. އަދި މަސީހު މަޤާމުން އިސްތިއުފާ ދެއްވަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިސާދުގެ ހާލަތަށް އަލިއަޅުއްވާލައްވައި އީވާ ވިދާޅުވީ ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓް ނުކުރަނީ އިތުބާރު ނެތުމުގެ ސަބަބުން ކަމަށެވެ. އެގޮތުން މި ޤައުމުގައި ކޮރަޕްޝަން ގިނަވެފައި ބަލިކަށި ސަރުކާރެއް އޮތުމުގެ ސަބަބުން އިންވެސްޓްކުރަން ވިސްނާ ފަރާތްތަކުން ވެސް އެކަންކަން ބަލާނެ ކަމަށެވެ. ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ރައީސް ޔާމީން ސައުދީ ސަރުކާރަށް ވިއްކާލާއިފައި ވަނީ އަމިއްލަފުޅު ފައިދާއަށް ކަމަށް ވެސް އީވާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ސައުދީ އަށް ވިއްކާލައިގެން ދިވެހިރައްޔިތުން ބޭނުންވާ އިންވެސްޓްމަންޓް އަންނަ މަންޒަރު ނުފެންނަކަން އީވާ ވަނީ ފާހަގަކުރައްވާފައެވެ.