ރާއްޖެޓީވީ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާ ގުޅިގެން، ރާއްޖެޓީވީން އަބުރުފުޅު ފަންޑުގެ ނަމުގައި ފަންޑް މާދަމާ ހަވީރު 4:30 ގައި ހުޅުވާނެ ކަމަށް ރާއްޖެޓީވީން ބުނެފިއެވެ.
ރާއްޖެޓީވީގެ ނިއުސް ޑިރެކްޓަރ ހުޝާމް މުހައްމަދު ވިދާޅުވީ އަބުރުފުޅު ފަންޑު ފޮށި ހުޅުވުމުގެ މަޤްސަދަކީ ބްރޯޑްކާސްޓިންގ ކޮމިޝަނަށް 30 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ފަސްލައްކަ ރުފިޔާ ހަމަކުރުމަށް ބޭނުންވާ ފައިސާ ހޯދުން ކަމަށެވެ.
ހުޝާމް ވިދާޅުވީ މާލޭގެ އިތުރުން ރާއްޖެޓީވީއާ ގުޅިގެން އަތޮޅު ތެރޭގައި ފަންޑު ފޮށި ބެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ރާއްޖެޓީވީގެ ނަންބަރު 3007771 އަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އެދިލައްވާ ކަމަށެވެ.
މި ފަންޑަށް ފައިސާ ޖަމާކުރެވޭ އުސޫލުތަކުގެ ތެރޭގައި ފަންޑު ފޮށި ހުންނަ ސަރަހައްދަށް އައިސް ފައިސާ ޖަމާކުރުމާއި ރާއްޖެޓީވީން ކަނޑައަޅާ ފަންޑުގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ވެސް ހުޝާމް ވިދާޅުވިއެވެ.
ރާއްޖެޓީވީން ވަނީ މިއަހަރުގެ އޭޕްރިލް މަހު ވެސް އަބުރުފުޅު ފަންޑު ފޮއްޓެއް ހުޅުވާފައެވެ. މި އަބުރުފުޅު ފަންޑު ފޮށި ހުޅުވީ ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ބްރޯޑްކާސްޓިންގ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ބެލި މައްސަލައެއްގައި އެއް މިލިއަން ރުފިޔާއިން އޭގެ ރާއްޖެޓީވީ ޖޫރިމަނާ ކުރުމާ ގުޅިގެންނެވެ. އޭގެ ކުރިން ދެ ލައްކަ ރުފިޔާ އިން ވެސް ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައި ވެއެވެ.